މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މުޙްޔިންދީން ޔާސީންގެ މައްޗަށް ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރުމާއި، ކޮރަޕްޝަންގެ އިތުރުން މަނީލޯންޑަރިންގގެ ދައުވާ މިއަދު އުފުލައިފިއެވެ.
ކުއަލަލަމްޕޫރުގެ ސެޝަންސް ކޯޓުގެ ފަނޑިޔާރު އަޒުރާ އަލްވީގެ ކުރިފުޅުމަތީގައި މުޙުޔިއްދީންގެ މައްޗަށް ސޮލިސިޓާ ޖެނެރަލް ދާތުކް އަޙްމަދު ތަރިރުއްދީން މުޙައްމަދު ޞާލިޙު އުފުއްލެވި ދައުވާތަކުގެ ތެރޭގައި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކޮށްގެން ކޮރަޕްޝަންގެ އަމަލެއް ހިންގުމުގެ ހަތަރު ދައުވާއަކާއި، މަނީލޯންޑަރިންގގެ ހަތަރު ދައުވާއެއް ހިމެނެއެވެ.
ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ކޮރަޕްޝަނުގެ ޢަމަލެއް ހިންގުމުގެ ހަތަރު ދަޢުވާގައި ހިމެނޭ ފައިސާގެ ޖުމްލަ 232.5 މިލިއަން ރިންގިޓަށް (51.46 މިލިއަން އެމެރިކާ ޑޮލަރަށް) އަރައެވެ.
މެލޭޝިޔަން އެކްޓި ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) ގާނޫނު 2009 ގެ 23 ވަނަ މާއްދާގެ 1 ދަށުން އުފުލި މިދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 20 އަހަރަށް ޖަލަށްލުމާއި، ކޮރަޕްޝަންގެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ 5 ގުނައަށްވުރެ މަދުނޫން އަދަދަކުން ޖުރްމާނާކުރުމުގެ ހުކުމް އޭނާގެ މައްޗަށް އަންނާނެއެވެ.
މީގެ އިތުރަށް އޭނާގެ މައްޗަށް އުފުލާފައިވާ މަނީލޯޑަރިންގގެ ދެ ދައުވާގައި ހިމެނޭ ފައިސާ ޖުމްލަ 196 މިލިއަން ރިންގިޓަށް (43.16 މިލިއަން އެމެރިކާ ޑޮލަރަށް) އަރައެވެ.
މި ދެދައުވާ ސާބިތުވެއްޖެނަމަ އޭނާ 15 އަހަރުދުވަހަށް ޖަލަށްލުން އެކަށީގެން ވެއެވެ.
1 މާރިޗު 2020 އިން 16 އޮގަސްޓު 2021 އަށް މެލޭޝިޔާގައި ވެރިކަންކުރައްވާފައިވާ އެގައުމުގެ 8 ވަނަ ބޮޑުވަޒީރު މުޙްޔިއްދީން ޔާސީން ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ހުރިހާ ދަޢުވާއަކަށް އިންކާރުކުރައްވާފައެވެ.
ބުރާސްފަތި ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަނުން މުޙްޔިއްދީން ހައްޔަރުކުރީ އޭނާއަށް ދެކޮޅަށް ތަހުގީގުކުރާ މައްސަލަތަކުގައި ހެކިބަސްދެއްވުމަށް އެތަނަށް އޭނާ ވަޑައިގަތުމުންނެވެ. ފަނޑިޔާރު އަޒުރާ އަލްވީ ވަނީ 2 މިލިއަން ޑޮލަރުގެ ޟަމާނަތަށް މުޙްޔިންދީން ދޫކޮށްލައްވާފައެވެ. އަދި އޭނާ މޭ މަހުގެ 26 ވަނަ ދުވަހު ކޯޓަށް ހާޒިރުވެވަޑައިގަތުމަށް އަންގަވާފައެވެ.
މުޙްޔިންދީނަކީ ކޮރަޕްޝަންގެ މައްސަލައިގައި މެލޭޝިޔާގައި ދައުވާކުރެވޭ ދެވަނަ ބޮޑުވަޒީރެވެ. ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާޤުގެ މައްޗަށް އުފުލި ކޮރަޕްޝަންގެ ދައުވާ ސާތިބުވެ އޭނާ ގެންދަވަނީ 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.