އުމްނޯއިން ތާއީދު އަނބުރާ ގެންދިއުމުން މެލޭޝިޔާގެ ބޮޑުުވަޒީރަށް އަަޣުލަބިއްޔަތު ގެއްލިއްޖެ

"މުޙްޔިއްދީނާއި ކެބިނެޓް އިސްތިއުފާދީ" ޖަހާފައިވާ ލިޔުމެއް ހިއްޕަވައިގެން ގާނޫނުހަދާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެންބަރުން އިހުތިޖާޖުކުރައްވަނީ

މެލޭޝިޔާގައި ވެރިކަންކުރާ ޕެރިކަޓަން ނާސިއޮނަލް (ޕީއެން) ކޯލިޝަނުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަން (އުމްނޯ) އިން ބޮޑުވަޒީރު މުޙްޔިއްދީން ޔާސީނަށް ކުރާ ތާއީދު އަނބުރާ ގެންގޮސްފިއެވެ. ތާއީދު އަނބުރާ ގެންދިޔަ ކަމުގެ ލިއުމުގައި ގާނޫނުހަދާ މަޖިލީހުގައި ތިއްބަވާ އެޕާޓީގެ 11 މެންބަރަކު ސޮއިކުރައްވާފައިވާއިރު، އެޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އެނާޖީ އެންޑް ނެޗުރަލް ރިސޯސަސް މިނިސްޓަރު ޝަމްސުލް އަންވާރު ވަނީ އިއްޔެގެ ވަގުތެއްގައި އިސްތިއުފާދެއްވާފައެެވެ.

އުމްނޯގެ 11 މެންބަރުންގެ ތާއީދު އަނބުރާ ގެންދިއުމުން ބޮޑުވަޒީރު މުޙްޔިއްދީނަށް މިހާރު އޮތީ 104 މެންބަރުންގެ ތާއީދެެވެ. 222 މެންބަރުން ހިމެނިވަޑައިގަންނަވާ ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް 112 މެންބަރުންގެ ތާއީދު ބޭނުންވެއެވެ.

އުމްނޯއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެމްބަރުން އަދިވެސް ބޮޑުވަޒީރު މުޙްޔިއްދީނަށް ތާއީދުކުރެއްވި ނަަމަވެސް، އުމްނޯގެ ރައީސު އަޙްމަދު ޒާހިދު ޙާމިދީ ވިދާޅުވި މުޙްޔިއްދީންގެ ސަރުކާރު މިހާރު "ވެއްޓިފައިވާ" ކަމުގައެވެ. އޭނާ ވިދާޅުވީ އެކަން ސާބިތުކޮށްދިނުމަށް، ތާއީދު އަނބުރާ ގެންދެވި މެންބަރުން ސޮއިކޮށްފައިވާ ލިޔުން ރަސްގެފާނަށް އަރުވާފައިވާ ކަމުގައެވެ. މިކަމާބެހޭ ގޮތުން ރަސްގެފާނު ޢަބްދުﷲ ވެސް އަދި ބޮޑުވަޒީރު މުޙްޔިއްދީން ވެސް މިހާތަނަށް އެއްޗެއް ވިދާޅުވެފައި ނުވެއެވެ.

ބޮޑުވަޒީރު މުޙްޔިއްދީން ޔާސީނަށް ސިޔާސީ ފިއްތުންތައް ކުރިމަތިވާން ފެށީ، އަދި އުމްނޯވެސް ތާއިދު އަނބުރާ ގެންދަން ނިންމާފައި މިވަނީ، ރަސްގެފާނު ޢަބްދުﷲ ބޮޑުވަޒީރު މުޙްޔިއްދީނާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ފަދަ މޭރުމަކުން ވާހަކަފުޅުދެއްކެވުމާ ގުޅިގެންނެެވެ.

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވުމަށް ރަސްގެފާނު ނެރުއްވާފައިވާ ބައެެއް އަމުރުފުޅުތަކަށް ސަރުކާރުން އަމަލުކުރުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވެ ރަސްގެފާނު ވިދާޅުވުމާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ވަނީ ސަރުކާރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން މަޖިލީހަށް ހުށަހަޅާފައެވެ. އެހެންނަމަވެސް، ކޮވިޑް-19 ގެ ހާލަތު އުޒުރަކަށް ދައްކަވައި ބޮޑުވަޒީރު މުޙްޔިއްދީނު ގެންދަަވަނީ މަޖިލީހުގެ ޖަލްްސާއެއް ބޭއްވުމަށް ދެކޮޅުހައްދަަވަމުންނެވެ.

ރަސްގެފާނުގެ ވިދާޅުވެފައި ވަނީ އަމުރުފުޅުތަކަށް އަމަލުކުރުން ހުއްޓާލެވޭނީ އެކަން ގާނޫނުހަދާ މަޖިލީހުގައި ބަހުސްކޮށް ގޮތެއް ކަނޑައެޅުމުން ކަމަށެވެ. އެެހެންނަމަވެސް ގާނޫނުުހަދާ މަޖިލީހުގެ ޖަލްސާއެެއް ބޭއްވުމަށް ބޮޑުވަޒީރު ފަސްޖެހިވަޑައިގަންނަވަނީ އިތުބާރުނެތްކަން ހާމަވެދާނެތީކަމަށް އިދިކޮޅުފަރާތަކުން ތުުހުމަތުކުރެއެވެ.

2018 ވަނަ އަަހަރު އިންތިޚާބުވި ޑރ. މަހާތީރު މުޙައްމަދުގެ ސަރުކާރު ވެއްޓުމާއެކު، 2020 ވަނަ އަހަރުގެ މާރިޗު މަހު މުޙްޔިއްދީން ޔާސީން ބޮޑުވަޒީރުކަމަށް ވަޑައިގަތީ އޭރު އިދިކޮޅުގައި އޮތް އުމްނޯގެ ތާއީދާއެކުގައެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.