ކަމަދޫ ބަނދަރުގެ ބޮޑުބައި ނިމިއްޖެ

ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 52 ޕަސެންޓް ނިމިއްޖެ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 30,933 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 5,085 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމަށް ނިންމާފައިވާއިރު، 181 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން 656 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 392 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1670 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމަށް ވެސް ހަމަޖެހިފައި ވެއެވެ.

ހަމަމިއާއެކު ރޭމްޕެއް ހެދުމާއި، ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ މި މަޝްރޫޢަކީ 48.63 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.