ކިރުއިލޮށި - 29

(6 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ވާރޭވެހެމުންދަނީ ފުދޭވަރަކަށް ބޯކޮންނެވެ. ވެހެނީވެސް ބޮޑުތިކި ވާރެއެވެ. ޚައިރާދު ، ބައެއްފަހަރަށް ނަށަމުން އަނެއްބައިފަހަރަށް ސާމަރާ ދޫންޏެއްގެ ދެފިޔަހެން ދެއަތް ފަތުރާލައި އެކި ޙަރަކާތްކުރަމުން ގެންދިޔައެވެ. ޚައިރާދުގެ ހަނދާނަށް އަންނަނީ ތުއްތުއިރު ، މަންމަޔާއެކު ވާރެއިން ފެންވަރާ ހަނދާނެވެ. ބޯކޮށް ވެހުނަސް ، ތުނިކޮށް ވެހުނަސް ، ފެންފޮދެއް ވެހިއްޖިއްޔާ ، ޚައިރާދުމެން ފެންވަރަނީ ، އެވެހޭ ވާރޭ ފެނުންނެވެ. މަގުމައްޗަށް ނުކުމެ ތިބެއެވެ. ޚައިރާދު ދިރިއުޅުނު ހިސާބަށް އޭރު އަދި ފެންވައިރެއް ނުކުރެއެވެ. ސަރުކާރަކުން ފެނުގެ ނިޒާމް ހަމަޖައްސައެއް ނުދެއެވެ. ފެން ނަގަން ޖެހެނީ އަތުން އަނބުރައިގެން ފެންނަގާ ނިޒާމަކުން ، ތަނަކަށް އެންމެން އެއްވެތިބެ ، ފަހަރަކު މީހެއްގެ ބަނޑިޔާ ފުރާ އުޞޫލުންނެވެ. ބޭނުންހާ އިރަކު އެފެނެއް ނުލިބޭނެއެވެ. ލިބުނިއްޔާ ލިބޭނީވެސް ދުވާލަކު އެއްފަހަރުއެވެ. ހެނދުނު ނޫނިއްޔާ ހަވީރެވެ. ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑިގެން ފެންނުލިބުނަސް ، ޚައިރާދުމެން އުޅުނު ހިސާބަށް މިހާރުވަނީ ފެން ލާފައެވެ.

ޚައިރާދު އުފަލުން ނަށަމުން ވާރެއާތެމޭ ލޯބި މަންޒަރު ބަލަން ، ގޭތެރޭގައި ހިނިއައިސް ، އަޝްހަރު ހުއްޓެވެ. އަޝްހަރު ، އެވާރޭގެ ތެރެޔަށް ނެރެން ، އެތައްފަހަރަކު ، ޚައިރާދު މަސައްކަތް ކުރިއެވެ. އެކަމަކު ، އަޝްހަރު ގަދަ ދައްކާފައި ބޭރަކަށް ނުނުކުތެވެ.

ޚައިރާދާއެކު ތެމެން އަޝްހަރު ، ވާރެޔަށް ނުނުކުތުމުގެ ސަބަބުން ، ޚައިރާދު ޝަކުވާކުރިއެވެ. އޭނާ ތެމެމުންދިޔައިރު ، ހިޔަލުގައި އަޝްހަރު ހުރެގެން އޭނާއަށް މަލާމާތްކުރީތީ ، ޚައިރާދު ހިތްހަމަ ނުޖެހުނެވެ. އޭނާއަކީ ކުޑަކުއްޖެއްކަމަށް އަދިވެސް އަޝްހަރު ބަލާކަމުގައި ޚައިރާދު ބުންޏެވެ. އެއީ އަޝްހަރުގެ ޖާނުދޭފަދަ ކުޑަކުއްޖެއްކަމަށް ، އޭނާ ދެކޭކަމުގައި އަޝްހަރު ބުންޏެވެ. އެއަށްފަހު ، ތެތް ބަދަލުކުރުމަށްޓަކައި ، ޚައިރާދު ކޮޓަރިޔަށް ދިޔައެވެ.

ތެތްބަދަލުކޮށްލުމަށްގޮސް ޚައިރާދު އަނެއްކާވެސް ތެތްހެދުމާ  ، ފޯނުން ވާހަކަދައްކަމުން އައިސް އަޝްހަރުގެ ކޮނޑުގައި ލޯބިން ، ޖަހައިލިއެވެ. ނާހަންހުރެފައިވެސް އެއީ ކޮންފޯނެއްތޯ އަޝްހަރު އަހައިލިއެވެ. ނާހަންވީ ކީއްވެ ހެއްޔެވެ ؟ އެއީ އޭނާގެ ލޯބިވާ އަންހެނުންނެވެ. ޚައިރާދުގެ ކްލާސް ގްރޫޕެއް ބޭރަށް ޖައްސާލާ ދުވަހެކެވެ. މޫސުމް ރަނގަޅު ދުވަހެއްވީމަ މަޖާކޮށްލަން ކުޑަ އެއްވުމެއް ރާވައިލީއެވެ.

" އެއީކީ ، އަޝްހަރުކަހަލަ ނެގިމަޑުވެފަ ތިބޭ ކުދިން އުޅޭ ގްރޫޕެއް ނޫނެވެ. ވަރަށް ޙަރަކާތްތެރިވެފައި ދިރުން ހުންނާނެކަމުގައި އަޝްހަރު ބުންޏެވެ. ޚައިރާދުވެސް އެހުރީ ފޫހިވެފައެވެ. އެކަމަކުވެސް އެމީހުންނާއެކީ ވަގުތު ހޭދަކުރުމަށްވުރެ ، އޭނާގެ ލޯބި ފިރިމީހާއާއެކު ، ފޫހިވަގުތުތަކެއް ހޭދަކޮށްލުންވެސް ހިތަށް މާ އަރާމުވާނެއެވެ. ޚައިރާދު ، އަނެއްކާވެސް ވާރެއާ ތެމެން ބޭރަށް ހިނގައިގަތެވެ. އެހެނަސް ، ދެންހެވޭ ޚައިރާދު ބަލިވެދާނެ ބުނެ އަޝްހަރު އެކަން މަނާކުރިއެވެ. އަދި ތެތްބާލައިގެން ، ދެމީހުން ސައިތަށްޓެއް ބޯލަން އަންނާށޭ ބުނެ ، ޚައިރާދު ގަދަކަމުން ކޮޓަރިޔަށް ފޮނުވައިލިއެވެ.

ޚައިރާދާއި އަޝްހަރުގެ އުފާވެރި ޙަޔާތަށް ، ކައިސަރުގެ ހިޔަނި އެޅެމުންދާކަމުގެ އިޙްސާސް އަޝްހަރަށް ކުރެވެން ފެށިއެވެ. ކައިސަރުގެ ހިތްވަނީ ސާރާއަށްޓަކައި ޚާއްޞަކުރެވިފައިކަން އޭނާފިޔަވައި އެހެން މީހަކަށް ނޭނގޭނެއެވެ. އެހެނަސް ، ސާރާއާ ކައިސަރު އަޅައިގަނެގެން އުޅޭކަން ސާރާއަށް އެނގެއެވެ. ސާރާގެ އެއްވެސް ޝަޢުޤުވެރިކަމެއް ކައިސަރުގެ މައްޗަކަށް ނެތެވެ. އެހެންނަމަވެސް ، ކައިސަރާއި ޚައިރާދާ ބެހޭގޮތުން ، އަޝްހަރުގެ ހިތަށް އަރަމުންދާ ވަހުމާއި ޝައްކު ، އެއްދުވަހުން އަނެއްދުވަހަށް ދިޔައީ އިތުރުވަމުންނެވެ. އަދި އެއީ ޚައިރާދާއި އަޝްހަރުގެ ދިރިއުޅުމުގެ އުފާޥެރިކަމަށް އެޅެމުންދާ ހުރަހަކަށް ވަމުންދިޔަވެ.

އަޝްހަރުގެ މަންމަގެ ފަރާތުންވެސް އިވެމުންދަނީ ، ކައިސަރުގެ ރަނގަޅުކަމުގެ ވާހަކައެވެ. ރަނގަޅު ކުއްޖެއްކަމުގެ ވާހަކައެވެ. ޚައިރާދާ ދެކުދިން އެއްޔުނީއެއްގައި ، އެއްކްލާހެއްގައި ކިޔަވަން އުޅޭއިރު ، އެދެކުދިންގެ މެދުގައި އުފެދެމުންދާ ގާތްކަމުގެ ވާހަކައެވެ. ކައިސަރުގެ ފަރާތުންވެސް ފެންނަމުންދަނީ ، އަޝްހަރު ބޭނުންނުވާ ކަންތައްތަކެކެވެ. ޚައިރާދަށް މާބޮޑަށް ތަޢުރީފް ކުރުމާއި ، ކައިސަރާއެކު ގެޔަށް އައުމާއި ، ކައިސަރުގެ އެކްސިޑެންޓާ ގުޅިގެން ، ޚައިރާދުގެ އަމިއްލަ ލޭ ހަދިޔާކުރުމާއި ، ކާތަކެތި ހަދައިގެން ހޮސްޕިޓަލަށް ގެންގޮސް ދިނުންފަދަ ކަންކަމުން ، އަޝްހަރުގެ ހިތް ތަޣައްޔަރު ވަމުންދަނީ ، ޚުދު އޭނާއަށްވެސް ނޭނގިއެވެ. އަޝްހަރަށް ހެދެމުން އެދާ ގޯހުގެ ވާހަކަ ، އޭނާގާތު އޭނާގެ ހިތެއް ނުބުނެއެވެ. އެހިތުގައި ކައިސަރުގެ މައްޗަށް އުފެދެމުން އެދާ ނަފުރަތާއެކު ، ޚައިރާދުގެ މައްޗަށް ފޫހިކަމެއް އުފެދި ، ޚައިރާދަށް އަޅައިލާންޖެހޭވަރަށް އަޅައިނުލެވި ، ޚައިރާދާ ދުރަށް އަޝްހަރު ޖެހެމުން ، އޮޔާ ގެންދާކަމެއް އަޝްހަރަކަށް ނުވިސްނެއެވެ.

އަޝްހަރު ، އޭނާގެ އަމިއްލަ ހިތާ ، އޭނާބޭނުންވާގޮތަކަށް ކުޅެމުން ދާއިރު ، އެހިތާގުޅިފައިވާ އެހެންމީހުންނަކަށް އެހިތަށް ވަމުންދާ ގޮތެއް ނޭނގެއެވެ. އެހެނަސް ، އަޝްހަރު އެގެންދަނީ ، އޭނާގެ ހިތަށް އޭނާބޭނުންވާގޮތެއް ހަދައި ، އެއްވެސް އަސާސެއްނެތި އެހިތް ހަލާކު ކުރަމުންނެވެ. އަޝްހަރުގެ ހިތުގައި ވޭނެއް އަޅާނަމަ ، އެވޭނުގެ ހޫނު ޚައިރާދަށް ފޯރާނެއެވެ. އަޝްހަރުގެ ހިތުގައި ވިންދެއްޖަހާނަމަ ، އެވިންދުގެ ގުޑުން ޚައިރާދަށް އިޙްސާސް ވާނެއެވެ. ނޭނގިހުރެ ، ޝައްކާއި ވަހުމުގެ ބަނަ ދުނިޔެއެއްގައި އަޝްހަރު އޮޔާބެހެމުންދިޔައިރު ، އޭނާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެމީހަކު މިހާރަކު ނެތެވެ. ކުރިން ވިއްޔާ ސާރާ ހުންނާނެއެވެ. ސާރާ ނެތިއްޔާ ބައްޕަ ހުންނާނެއެވެ. ބައްޕަ ނެތިއްޔާ މަންމަ ހުންނާނެއެވެ. ޚައިރާދަށްޓަކައި ، އަޝްހަރު  އެވަނީ ސާރާއާ ދުރަށް ޖެހިލާފައެވެ. ބައްޕައެއް މިދުނިޔެއަކު ނެތެވެ. މަންމަގެ ދުލުން ޚައިރާދުގެ ނަންމަތީ އޮހެމުންއެދާ ތަޢުރީފާއި ހެޔޮ ބަސްތަކުގެ ކުރިމަތީ ، ޚައިރާދާ ޚިލާފަށް އެންމެ ލަފުޒެއްވެސް ނުއިއްވޭނެއެވެ.

ޚައިރާދު ބަލިވެ އިންކަމުގެ ޢަލާމާތްތައް ފެންނަމުންދާތާ ހައެއްކަ ދުވަސް ވެއްޖެއެވެ. އެވާހަކަ އެއްވެސް މީހެއްގެ ގާތުގައި ބުނާކަށް ޚައިރާދު ބޭނުމެއްނުވެއެވެ. އެކަން އޭނާއަށް ކަށަވަރުވުމުން އެންމެ ފުރަތަމަވެސް އެވާޙަކަ ބުނާނީ ، އޭނާގެ ލޯބިވާ ފިރިމީހާ އަޝްހަރު ގާތުގައެވެ.

ކްލާސްކުއްޖެއްގެ އެންގޭޖްމަންޓް ޕާޓީއަކަށް ޚައިރާދު ދެއެވެ. ޚައިރާދު ނަލަހެދިފާހުރިލެއް ފުރިހަމަކަން ފެނިފައި ، އަޝްހަރުގެ ހިތް ގޯސް ވެއެވެ. އޭނާގެ އަންހެނުންގެ ، އެރީތި ސޫރަ އެހެންމީހަކަށް ދައްކާކަށް އަޝްހަރު ބޭނުމެއް ނޫނެވެ. ޕާޓީނިމިގެން އެހެންމީހަކާ އެކީ ، ޚައިރާދު ގެޔަށް އަންނާކަށް އަޝްހަރު ބޭނުމެއް ނޫނެވެ. އެހެންކަމުން ، ޕާޓީ ނިމެންދެން ބޭރުގައި މަޑުކޮށްލައިގެން އިންނަން އަޝްހަރު ނިންމިއެވެ. ޚައިރާދު އެކަމަކަށް އެއްބަހެއް ނުވިއެވެ. އޮފީހުގެ މަސައްކަތުގައި ބުރަކޮށް އުޅެފައި ގެޔަށް އައިސް ، އޭގެމައްޗަށް ޚައިރާދު އެޕާޓީއަށް ގެނެސްދީފައި ، އަނެއްކާ އެތާ ބޭރުގައި މަޑުކުރަން ، ނުވަތަ ގެޔަށްގޮސް އަލުން އޭނާ ބަލައި އައުމުގެ ތަކުލީފު އަޝްހަރަށް ޖައްސާކަށް ، ޚައިރާދު ބޭނުމެއް ނުވިއެވެ. އެހެންވެ ، ގެޔަށްގޮސް ، އަރާމުކޮށްލަން ، އަޝްހަރުގާތު ބުންޏެވެ. އޭނާ ނިމިގެން މެސެޖްކޮށްލައިފިއްޔާ އަންނާނީކަމަށް ބުންޏެވެ.

ޕާޓީގެ ތެރޭގައި އުޅުނުއިރުވެސް ، ޚައިރާދުގެ ބޯ އެނބުރުމާއި ހޮޑުލަވައި މޭނުބައިކުރުމުގެ އުނދަގޫ ކުރިމަތިވިއެވެ. މާބޮޑަށް ބޮލަށް އެނބުރުން އަރައި ވަރަށް ގިނައިން ހޮޑުލެވުމާއެކު ، އޭނާ ބަލައި އައިސްދިނުމަށް އަޝްހަރަށް މެސެޖް ކުރިއެވެ. ޚައިރާދުގެ ޙާލަތު ، އޭނާގެ ކްލާސްކުދިންނަށްވެސް ފާހަގަ ކުރެވުނެވެ. ޚައިރާދު ބަލައި އައިކާރު ބޭރުގައި މަޑުކޮށްލައިގެން އޮތެވެ. އޭނާ ބަލައިއައީ އަޝްހަރެއްނޫނެވެ. އައީ ގޭގެ ޑްރައިވަރެވެ. އަޝްހަރަށް މެސެޖްކޮށްފައި އައިސްދިނުމަށް އެދުމުންވެސް އޭނާ ، ޚައިރާދު ބަލައެއް ނައެވެ.

ޚައިރާދު ގެޔަށް އައިއިރު ، އަޝްހަރު އޮތީ ނިދާ މަރުވެފައެވެ. އެއްޗެތި ބަދަލުކޮށްލައިގެން ، އެކަމާ ދެރަވެފައި އިރުކޮޅަކު ޚައިރާދު އިނެވެ. ފޯނު ޗެކްކޮށްލިއިރު ، އޭނާގެ މެސެޖް ، އަޝްހަރު ކިޔާފައި އޮތްކަން އެނގުނެވެ. އެވީ ކިހިނެއް ބާވައެވެ. އެގެޔަށް ލާފައި ޚައިރާދު ދޫކޮށްދާން ހިތަށް އުނދަގޫވެފައިހުރި އަޝްހަރު ، އޭނާގެ މެސެޖްވެސް ކިޔާފައި ، އަޅައިނުލާ ، އެހާއަވަހަށް ނިދާފައި އެއޮތީ ކީއްވެބާވައެވެ. ޚައިރާދު ބަލިވެ އިންކަމުގެ އުފާޥެރި ޚަބަރު ދިނުމަށް ތައްޔާރުވެގެން ޚައިރާދު ގެޔަށް އައިއިރު ، އެއަޑު އަހަން ހުރިމީހާ އެއޮތީ ނިދާ މަރުވެފައެވެ. އެއަޑު އިވިގެން އުފާވާނެ އެހެންމީހަކު މިދުނިޔެއަކު ނެތެވެ. އެންމެފަހުން ، މަންމަވެސް އަދި އޭގެފަހުން ބޮޑުބޭބެވެސް ޚައިރާދާ ވަކިވެގެންވަނީ ގޮއްސައެވެ. ދެންހުރިމީހަކީ ، އަޝްހަރުގެ މަންމައެވެ. ޚައިރާދުގެ މައިދައިތަ ފަރީދާއެވެ. ފަރީދާ ، ޚައިރާދަށް ކިތަންމެހާވެސް ހެވެވެ. އެހެނަސް ، މަންމައެއްގެ ދައުރު އަދާކުރެވޭނީ ހަމައެކަނި މަންމައަށެވެ. މަންމަގެ އިޙްސާސްތަކުގައި އުފެދޭ ލޯތްބާއި ކުލުނަކީ ، އެނޫން އެހެން ހިތެއްގައި އުފެދޭނެ އެއްޗެއްނޫނެވެ. މަންމައޭ ކިޔައިގެން އުޅެވިދާނެ ކިތަންމެ އަންހެނުންނެއް ދުނިޔެއިން ފެނިދާނެއެވެ. މަންމާއޭ ކިޔާފަ ގޮވައިލާނެ އެތައް އަންހެނުންނެއްވެސް ދުނިޔޭގައި އުޅެފާނެއެވެ. އެކަމަކު ، އެއިން އެއްވެސް އަންހެނެއްގެ ފަރާތުން ، މައިވަންތަކަމުގެ ލޯތްބާއި އެމަތިވެރި ކުލުނުގެ ހިލަމެއްވެސް  އެއިންހިތަކުން ނުފެންނާނެއެވެ. ޚައިރާދު މިއަދު އެފަށަނީ އެދަތުރެވެ. މަންމައެއްގެ ނާރެހާ ގުޅިފައިވާ ގުޅުންތަކުގެ މަންޒިލަށް ދަތުރު ކުރުމަށެވެ. ޚައިރާދަށް ކުރިމަތިލާން ޖެހޭނީ ކޮންފަދަ ޙާލަތަކާ ކަމެއް ނޭނގެއެވެ.

އަޝްހަރުގެ ހިތުގައި އުފެދިފައިވާ އުދާސްތަކާއި ހާސްކަމާ އަދި ޝައްކާއި ވަހުމުގައި ، އޭނާނިންމާ ގޮތްތަކުގައި ޚައިރާދުގެ ކުށަކީ ކޮބައިހެއްޔެވެ ؟ އެއިން އެއްވެސްކަމެއް ޚައިރާދަށް އެނގިފައެއް ނުވެއެވެ. އަދި ، އަޝްހަރުގެ ހިތުގައިވާ އުދާސްތައް ޚައިރާދަށް އަންގާކަށްވެސް ، އަޝްހަރު ބޭނުމެއް ނުވެއެވެ. ލޯތްބަކީ އެއީ ހެއްޔެވެ ؟ ޚައިރާދުގެ ހިތުގައި އަޝްހަރުގެ މައްޗަށް އުފެދިފައިވާ އިޚްލާޞްތެރި ލޯބީގެ އަގަކީ އެއީ ހެއްޔެވެ ؟ ބައްޕަގެ މަރުމަތީގައި ، ޚައިރާދާމެދު ، އަޝްހަރަށް ކުރި ވަޞިއްޔަތުގެ އަސާސަކީ އެއީ ހެއްޔެވެ ؟ އިންސާނަކު މަގުއޮޅި ހަމަޔާއި އިންސާފުން އެއްކިބާވެގެންދަނީ ، ޢިލްމާއި ޙިލްމުން ނަފުސު އެއްކިބާވެފައިވާ ޙާލަތެއްގައެވެ. އަޝްހަރަކީ އެކަހަލަ މީހަކަށްވާންވީ ކީއްވެ ހެއްޔެވެ ؟ އެއީ ކިޔަވައިގެންހުރި ޢިލްމީ ޒުވާނެކެވެ. ޙިކުމަތްތެރި ކާމިޔާބު އަދި އެހާމެ ޒުވާން ވިޔަފާރި ވެރިޔެކެވެ. ދިރިއުޅުމުގެ އަމާން ދަތުރުގައި އަޝްހަރަށް އަމާޒު ނުހިފެންވީ އެއްވެސް ސަބަބެއް ނެތެވެ. އޭނާގެ ހިތް ، އޭނާއަށް ކޮންޓްރޯލް ކުރެވިގެން ނޫނީ ، އަޝްހަރުގެ ދުނިޔެއަށް ވެރިވަމުންދާ ބަނަކަން ފިލުވައެއް ނުލެވޭނެއެވެ.

އެރޭވެސް ، ޚައިރާދު ގެޔަށް އައިއިރު ، އަޝްހަރު އޮތީ އެނދަށް އަރާ ނިދާފައެވެ. އޭނާއަށް ކުޑައިރުކޮޅަކުވެސް އިންތިޒާރުކޮށްލާކަށް އަޝްހަރު ބޭނުމެއް ނުވިއެވެ. ޚައިރާދު ފޮނުވި މެސެޖް ކިޔާފަ ޖަވާބެއްވެސް ނުދީ ، އޭނާބަލައި ޑްރައިވަރު ފޮނުވުން އެއީ އަޅައިލުން ހެއްޔެވެ ؟ ޚައިރާދުގެ ބަނޑުގައި ވިންދުޖަހަމުންއެދާ ، ފުރާނައިގެ ދިރުމަކީ އަޝްހަރުކަން އޭނާއަށް ނުވިސްނިގެން އެއުޅެނީ ކީއްވެ ހެއްޔެވެ ؟ ޚައިރާދަށް ކުރެވިގެން އެއުޅެނީ ކޮންކަމެއް ހެއްޔެވެ ؟ މިހުރިހާ ހާސްކަމެއްގައި ޚައިރާދު ، ކޮޓަރިތެރޭ އެނބުރެމުން ދިޔައިރު ، އިރުއިރުކޮޅުން އަޝްހަރު ، އޭނާގެ ލޯ ހުޅުވައިލައެވެ. އަޝްހަރު އޮތީ ނިދާފައެއް ނޫނެވެ. ހިތްހަމަ ނުޖެހިގެން އެނދަށް އަރާ ، ނިދާކަމަށް ހަދައިގެންނެވެ. އޭނާ ނުނިދާ އޮތްކަން  ، ޚައިރާދަށް އަންގާކަށް ބޭނުމެއް ނޫނެވެ. ޚައިރާދުގެ މަޢުޞޫމިއްޔަތު ކަމާއި ސާދާކަމުން އެއްޗެއް ވިސްނައިގަންނަން ދަތިވެދާނެއެވެ. އެކަމަކު ، އަޝްހަރު އެހަދަނީ ހަމަ އެންމެ ރަނގަޅަށް ހެއްޔެވެ ؟ މިސުއާލުގެ ޖަވާބު ޚުދު އަޝްހަރަށްވެސް ނުއެނގެއެވެ. މިކަންކަމުގެ ނަތީޖާއަކީ ކޮބައިކަމާއި ، އެލޯބި ދިރިއުޅުމުގެ އަޑިގުޑަންތަކުން ހަމަޖެހުމެއް ލިބޭނެ ގޮތަކީ ކޮބައިކަން އެއީ ނޭނގުމުގެ ތެރޭގައިވާ ކަމެކެވެ. އެނގޭހާވެސް އެއްޗަކީ ، އެލޯބި ދިރިއުޅުމުގައި ނުވާންވީ ކަންތައްތަކެއް ވަމުން އެބަ ސާކަމެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

4 ޚިޔާލު

  1. އަޝްހަރާއި، ޚައިރާދުގެ ޒަވާޖީ ޙަޔާތް ބާއްޖަވެރި
    އުފާވެރި، ބަރަކާތްތެރި ޙަޔާތެއްކަމުގާ ލައްވާށި!
    ވާހަކަ ހަމަ އެއްވަނަ! ޝުކުރިއްޔާ!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.