53 މިލިއަން ރުފިޔާ ދައްކަން ޔާމީނަށް އަމުރުކޮށްފި

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިން ކުށުގައި ހިމެނޭ 3.4 މިލިއަން ޑޮލަރު (53 މިލިއަން ރުފިޔާ) ހަ މަސްދުވަހުގެ ތެރޭގައި ދައުލަތަށް ދައްކަން ކްރިމިނަލް ކޯޓުން ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް މިއަދު އަމުރުކޮށްފިއެވެ. މިއީ ވ. އާރަށުގެ މައްސަލައިގައި ކުރި ހުކުމާއެކު ދައްކަން އެންގި ފައިސާއެކެވެ.

ޔާމީން 11 އަހަރަށް ޖަލަށް ލާން ހުކުންކުރީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފުމާއި އެ މުއާމަލާތުގެ ފައިސާ ސައްހަ ފައިސާކަމަށް ހަދަން މަސައްކަތް ކުރި މައްސަލައިގައި މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

މި މައްސަލަ މިހާރު ވަނީ ޔާމީންގެ ފަރާތުން ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ އަމުރާ ގުޅިގެން އަމަލުކުރާނެ ވަކި ގޮތެއް ޔާމީންގެ ވަކީލުން އަދި ހާމަކޮށްފައެއް ނެތެވެ. އެކަމަކު ބެލެވޭ ގޮތުގައި ފައިސާ ދައްކަން ކުރި އަމުރު ފަސްކުރުމުގެ އަމުރަކަށް ވަކީލުން ހައިކޯޓުގައި އެދޭނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.