ތަރައްޤީގައި ދިވެހި ރައްޔިތުން ރައީސް ޔާމީން ނޫން މީހަކަށް އިތުބާރު ނުކުރައްވާ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.
އެ ޕާޓީން މިއަދު ބޭއްވި ޕްރެސްގައި ޕީޕީއެމްގެ ސްޕޯކްސްޕާރސަން ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީން ހއ.އަށް ކުރެއްވި ދަތުރުގައި އެންމެބޮޑަށް ލިބުނު ޝަކުވާއަކީ މަސްވެރިންގެ ޝަކުވާތައް ކަމަށެވެ.
މިސަރުކާރުން މަސްވެރިންނަށް ވެފައިވާ އެއްވެސް ވައުދެއް ނުފުއްދި މަސްވެރިން ތިބީ ވަރަށް ހާލުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ހީނާ ވިދާޅުވީ ރައީސް ޔާމީން އަތޮޅު ތެރޭގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި އެމަނިކުފާނަށް އެތައް ރަށަކުން އިންތިޒާރު ކުރަމުން ދާ ކަމަށެވެ. އަދި ކޮންމެ ރަށަކުން ވެސް ވީހާވެސް އަވަހަކަށް ރައީސް ޔާމީން ވަޑައިގެންނެވޭނެ ގޮތެއް ހަމަޖެއްސުމަށް އެދެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
ހީނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަކީ ރައީސް ޔާމީން ނިންމަވާފައިވާ ނިންމެވުމެއް ކަމަށާއި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށެވެ.