ބްލޫ ރިބަން: ޤާނޫނުހަދާ މަޖިލީހެއްގެ މުހިންމުކަން

ރާއްޖޭގައި އެންމެ ފުރަތަމަ ޤާނޫނު އަސާސީއެއް އެކުލަވައިލާ ފާސްކުރެވިގެން ދިޔައީ ، ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ ނުވަތަ ޝަމްސުއްދީން 3 ، އިސްކަންދަރު ރަސްގެފާނުގެ ނުވަތަ ޝަމްސުއްދީން ރަދުންގެ ރަސްކަމުގައެވެ. ފުރަތަމަ ޤާނޫނު އަސާސީ ތަޞްދީޤް ކުރެވުނީ 22 ޑިސެމްބަރ 1932 ގައެވެ. އޭގެ ފަހުން ، ޤާނޫނު އަސާސީއަށް އެތައްފަހަރަކު ބަދަލު ގެނެވިފައި ވެއެވެ. ރާއްޖޭގައި މިހާރު ޢަމަލު ކުރެވެމުންދާ ފެހިޤާނޫނު އަސާސީ ފާސްކުރީ ، 7 އޯގަސްޓް 2008 ގައެވެ. އެއީ ރާއްޖޭގެ ހަވަނަ ޤާނޫނު އަސާސީއެވެ. އެ ޤާނޫނު އަސާސީ އެކުލަވައިލެވުނީ 4 އަހަރު ދުވަހުންނެވެ.

އޭގެކުރިން ޢަމަލު ކުރެވެމުންދިޔަ 1998 ގެ ޤާނޫނު އަސާސީ އެކުލަވައިލެވުނީ ، ރައްޔިތުންގެ ޚާއްޞަ މަޖިލީހަކުންނެވެ. އެ މަޖިލީހުގައި ތިބީ ރައްޔިތުންގެ މަޖިލީހުގައި އެވަގުތު ތިބި 42 މެންބަރުންނާއި ، އިންތިޚާބު ކުރެވުނު 42 މެންބަރުން އަދި ޢައްޔަން ކުރެވުނު 29 މެންބަރުންނާއެކު ، ޖުމަލް 113 މެންބަރުގެ މަސައްކަތުންނެވެ. އެ މަޖިލިސް އުފެއްދީ 1980 ގައެވެ. މަދު ޞަފުޙާކޮޅެއްގެ މައްޗަށް ލިޔެވިފައިވާ އެ ޤާނޫނު އަސާސީ ނިމުނީ 18 އަހަރު ދުވަހުންނެވެ. 18 އަހަރު ދުވަހުން ލިޔުނު އެ ޤާނޫނު އަސާސީ ފާސްކުރެވުނީ ، 1998 ގައެވެ.

7 އޯގަސްޓް 2008 ގައި ފާސްކުރި ، ފެހި ޤާނޫނު އަސާސީގައި ވަރަށް މުހިންމު ޒިންމާތަކެއް އޭރުއޮތް ރައްޔިތުންގެ މަޖިލީހާ މަތިކޮށްފައި އޮތެވެ. އެއީ ، ވެރިކަން ހިންގުމުގެ ކަންތައްތަކާއި ، ޢަދްލު އިންސާފު ޤާއިމްކުރުމުގެ ކަންތައްތައް އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ އެނޫންވެސް ކަންތައްތައް ރަނގަޅަށް ހިންގުމަށްޓަކައި ، ފެހި ޤާނޫނުއަސާސީގެ ދަށުން ހަދަންޖެހޭ ޤާނޫނުތައް ހަދައި ފާސްކުރުމެވެ. އަދި އެކަން ފުރިހަމަކޮށް ނިންމާނެ މަރުޙަލާތަކެއް އެނގޭގޮތަށް  ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްވެސް ، ބަޔާންކޮށްފައި އޮތެވެ. ފެހި ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށިތާ 15 އަހަރުވީއިރުވެސް ، އެކަންތައްތައް ރައްޔިތުންގެ މަޖިލީހަކަށް ނުކުރެވުނެވެ. ކުރިން ބުނެވިދިޔަގޮތަށް ވެރިކަން ހިންގުމުގެ ކަންތައްތަކާއި ޢަދްލު އިންސާފު ޤާއިމްކުރުމަށް ، އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ އެނޫންވެސް ކަންތައްތައް ރަނގަޅަށް ކުރުމަށްޓަކައި ، ފެހި ޤާނޫނު އަސާސީގެ ދަށުން ހަދަންޖެހޭ ސަތޭކަ އެތައް ޤާނޫނެއް އެބަހުއްޓެވެ. މިހާތަނަށް ހެދުނީ މަދު ޤާނޫނެކެވެ. އޭގެ ތެރޭގައިވެސް ގިނައީ ސަރުކާރުން ހަދައި މަޖިލީހަށް ފޮނުވި ބިލްތަކެވެ. ރައްޔިތުންގެ މަޖިލީހުންވަނީ އެކަމަށް އިހުމާލު ވެފައެވެ. އޭގެ މާނަޔަކީ ، ރައްޔިތުންގެ މަޖިލީހަކީ ، ޤާނޫނުތައް ހެދުމުގެ ޤާބިލްކަން ލިބިގެންވާ ތަނެއްނޫންކަމެވެ. 15 އަހަރަކީ މަދުދުވަސްކޮޅެއްނޫނެވެ. ކަންމިހެން އޮތްއިރު އެކަން ، ރައްޔިތުންގެ މަޖިލީހަކަށް ނުކުރެވޭނެއެވެ. އެތަނުންކުރާ ކަންތައްތައް ، މަޖިލިސް ބާއްވާ ކޮންމެ ދުވަހަކު ، ރައްޔިތުންނަށް އެހެރަދަނީ ފެންނަމުންނެވެ.

އެހެންކަމުން ، ރައްޔިތުންގެ ޚާއްޞަ މަޖިލީހެއް އެއްކޮށްގެން 18 އަހަރުން ޤާނޫނު އަސާސީ ލިޔުނުގޮތަށް ނަމަވެސް ، އެފަދަ ޚާއްޞަ މަޖިލީހެއް ނުވަތަ ޤާނޫނުހަދާ މަޖިލީހެއް އުފައްދައިގެންވެސް ، ރާއްޖޭގައި މިހާރު ޢަމަލު ކުރެވުމުންދާ ފެހި ޤާނޫނު އަސާސީގެ ދަށުން ހަދަންޖެހޭ ޤާނޫނުތައް ފުރިހަމަކުރަން އެބަ ޖެހެއެވެ. ރައްޔިތުންގެ މަޖިލީހަކަށް އެކަމެއް ނުކުރެވޭނެއެވެ. އެއަށްވުރެ އެ މަޖިލީހުގައި ހިނގާ އެހެންކަންކަން ގިނައެވެ. މިކަމަށް އޮތް ޙައްލަކީ ، އެހެން ، ބައެއް ޤައުމުތަކުގައިވެސް އޮންނަގޮތަށް ، ޤާނޫނުހަދާމަޖިލީހެއް ރާއްޖޭގައި އޮތުމެވެ. ނުވަތަ އެކަން ކުރުމަށްޓަކައި ރައްޔިތުންގެ ޚާއްޞަ މަޖިލީހެއް އުފެއްދުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.