ބްލޫ ރިބަން: ލާރިއެއް ދީބަލަ!

މިއީ ހާދަގިނައިން ، މިހާރަކަށްއައިސް ދޮންބެއްޔާއަށް އިވޭ އަޑެކެވެ. އެކިގޮތްގޮތަށް މިއަޑު ، ދޮންބެއްޔާއަށް އެބަ އިވެއެވެ. ބައެއްމީހުންނަކީ ، ޖާނުންވަރުގަދަ ޒުވާނުންނެވެ. އަނެއްބަޔަކީ ، ހަށިގަނޑު ނިކަމެތި ޒުވާނުންނެވެ. ތަފާތަކީ ލައިގެން ހުންނަ ހެދުން ހަޑިކޮށްހުރެފައި ބޯދިގުވުމެވެ. އަރައިގެން ހުންނަ ފައިވާންގަނޑު ބައުވުމެވެ. އަނެއްބަޔަކީ މީހުންގެ ދަރިންނެވެ. ބައްޕަ ނުވަތަ މަންމަގާތު ލާރިޔަށް ކިޔުމެވެ. މިއަޑު އިވެނީ ހަމައެކަނި ގޭގޭތެރެއިން އެކަންޏެއްނޫނެވެ. ޕާކިންގ ޒޯންތަކުންނާއި ، ބޮޑެތި އޮފީސް ޢިމާރާތްތަކުގެ ކައިރިންނާއި ، ނަމާދު ގަޑީގައި މިސްކިތްދޮށުން އަދި ގިނައިން މީހުން އެއްވާ ގަޑިތަކުގައި ރެސްޓޯރެންޓްތައް ކައިރިންވެސް އެއަޑު އިވެއެވެ. އެމީހުންނަށް ، ކާންދޭން އުޅުނަސް ނުކާނެއެވެ. ބޭނުންވާނީ ލާރިކޮޅެކެވެ.

ޢުމުރު ދެބައިވެ ނުވަތަ މުސްކުޅިކުރެވޭ ޢުމުރަށް އަޅާފައިތިބޭ މައިންބަފައިންނަށް ބޮޑެތިވެފައިތިބޭ ދަރިންނަކަށް ބަރޯސާއެއް ނުވެވެއެވެ. ބަލިޙާލު ކިތަންމެ ބޮޑުވިޔަސް ،  ހެނދުނާއި މެންދުރަށް ކައްކާ ކާން ހަދައިދީފަ ، ހެނދުނު މަސައްކަތަށްދާގޮތަށް ، ގުދާރު ބިނދެންދެން މަސައްކަތްކޮށްފައި ގެޔަށް އަންނަނީ ، ބާޒާރަށްގޮސް ގެޔަށްބޭނުންވާ އެއްޗެތި ގަނެގެންނެވެ. ގެޔަށް އަންނައިރު ، ދަރިން ހެނދުނު ސައިބޮއެފަ ، މެންދުރު ކައިފަ ހުންނަތަށި ހުންނާނީ ކާމޭޒުމަތީގައެވެ. ބޮޑުވަރަކަށް ތަށިތައް ސިންކަށް އަޅާލާފަ ހުރެދާނެއެވެ. ސިންކަށް އަޅާފަހުރިއްޔާ ފެންފޮދެއް އަޅާފައެއް ނުހުންނާނެއެވެ. ކާން ތިބެގެން ބޮތްކެއް ދިއްލައިފިއްޔާ ، ފަންކާއެއް ހިންގައިފިއްޔާ އެއެއް ނުނިވާނެއެވެ. ގޮނޑިތައް ހުންނާނީ ހުންނާނެ ގޮތަކަށެވެ. މޭޒުމަތި ހީވާނީ ، ނޭކުރެންދޫމީހުން ރޯދަވިއްލާފަ އޮތްތަނެއް ހެންނެވެ. ގިނަފަހަރަށް ކައްކާފަ ހުންނައެއްޗެއް ކަމަކުނުދާނެއެވެ. ކާއެއްޗަށް އޯޑަރުކޮށްފައި ބިލްފޮނުވާނީ މަންމައަށެވެ.

ދޭތެރެޔަކުން ދެން އިވޭނީ ފޯނެއް އަންނަ އަޑެވެ. މަންޔަށް ނުވަތަ ބައްޕަޔަށް ގުޅާފަ ، ލާރިކޮޅެއް ޓްރާންސްފަރ ކުރަން އެދޭނެއެވެ. ސައިކަށް ޕެޓްރޯލް އަޅަންވެގެންނެވެ. ނުވަތަ ކޮފީއަކަށް އަރަންވެގެންނެވެ. އެހެންނޫނީ ބިޓް ގޮވައިގެން ކެއުމަކަށް އަރާލަން ވެގެންނެވެ. ލާރިކޮޅު ޓްރާންސްފަރކުރުން ލަސްވެއްޖިއްޔާ ، މައިންބަފައިންނާ ދިމާއަށް ހެއްދެވި ނުހެއްދެވިޔަށް ގޮވާނެއެވެ. ގެޔަށް އައިސް ވަންނަން ބިރުގަންނަވަރު ކޮށްލާނެއެވެ. މައިންބަފައިން ތިބޭނީ ނަފުސާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ރަނގަޅުމީހުންވެސް އެބައުޅެއެވެ. އެކަމަކު ، ބައެއްމީހުން ދުނިޔޭގައި އުޅެން މިއުޅޭ ގޮތެކެވެ. ދޮންބެއްޔާގެ ހިތަށް އެރިއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.