ކިރުއިލޮށި - 33

(10 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަޝްހަރު އޭނާގެ މަސައްކަތް މެދުކަނޑާލައި ، ބާކީހުރި މަސައްކަތްތައް ސާރާއާ ޙަވާލުކުރުމަށްފަހު ، ރަށަށް އަންނަން ނިންމިއެވެ. ޚައިރާދުގެ މޫނުމަތިންވެސް ، އުފާވެރިކަން ފާޅުވެއެވެ. ފަރީދާވެސް އެކަން ، ފާހަގަ ކުރިއެވެ. އަދި އެކަމާ ފަރީދާ އުފާކުރިއެވެ. ޚައިރާދުގެ މޫނުމަތިން ފެންނަމުންދާ ހިތްނުތަނަސްކަމާގުޅިގެން ، ފަރީދާ ހުންނަނީ ހަދާނެގޮތް ބޮޑުވެފައެވެ. އަޝްހަރު އެނބުރި އައުމުންނޫނީ ، އެކަމަށް ޙައްލެއްނޯންނާނެކަން ފަރީދާއަށް އެނގެއެވެ. އަލަތު ދަރިފުޅަށް ބަނޑުބޮޑުވެފައި އިން ޚައިރާދުފަދަ ކުއްޖަކަށް ފިރިމީހާގެ އަޅައިލުމާއި ލޯބި ވަރަށް މުހިންމު ވާނެއެވެ. ފަރީދާ އެހުރީ އެކަން ކިތަންމެ ރަނގަޅަކަށްވެސް ތަޖުރިބާ ކޮށްފައެވެ. އަޝްހަރަށް އޭނާ ބަލިވެ އިންއިރު ، ބަޝީރަތު އުޅެނީ އޭނާގެ ވިޔަފާރީގެ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި ވަރަށް އަވަދި ނެތިއެވެ. ފަރީދާއަށް ވަގުތެއް ހުސްކޮށްލަ ދެވެނީ މަދު ފަހަރަކުއެވެ. ޚައިރާދަށްވެސް ކުރިމަތިވަމުން އެދަނީ ، ހަމަ އެޙާލަތެވެ.

އަޝްހަރާއި ޚައިރާދުގެ ދިރިއުޅުމުގައި ނުކިއްސަރުކަމެއް އުޅޭކަމުގެ ވަސް ފަރީދާއަށް ދުވައެވެ. އެކަމުގެ ޙަޤީޤަތެއް ފަރީދާއަކަށް ނޭނގެއެވެ. އަޝްހަރުވެސް އަދި ޚައިރާދުވެސް ، އެދެމީހުންގެ މެދުގައި ހިތްހަމަ ނުޖެހުމެއް އުޅޭކަމުގެ އެއްވެސް ނިޝާނެއް އެއްވެސް މީހަކަށް ނުދައްކައެވެ. އަޝްހަރުގެ ބަހަނާއަކީ ، އޮފީހުގެ މަސައްކަތް ބުރަވުމެވެ. ޚައިރާދުގެ ޙުއްޖަތަކީ އޭނާގެ އިމްތިޙާނެވެ. ރޭގަނޑު ހޭލައި އިނދެ އިމްތިޙާނަށް ފިލާވަޅު ދަސްކުރަން ޖެހުމެވެ.

އެދެމަފިރިންގެ މެދުގައި ކުރިންވެސް އަދި މިހާރުވެސް ، އެއްވެސް މައްސަލައެއް ނެތްކަން ޚައިރާދު ކަށަވަރު ކޮށްދެއެވެ. މަންމަގެ ހިތުގައި އެނުތަނަވަސްކަން އުފެދެނީ ، އޭނާދެކެ އިންތިހާއަށް ލޯބިވާތީކަމުގައި ޚައިރާދު ބުންޏެވެ. ޚައިރާދުގެ މޫނުމަތިން ދާހިތްލުމުގެ އަސަރު ފާޅުވިޔަސް ، އެއީ މާބޮޑުކަމަކަށް ، މަންމަޔަށް ހެދެނީ އެސަބަބަށްޓަކައި ކަމުގައި ޚައިރާދު ބުންޏެވެ. ފަރީދާގެ އޮތީ ހަމައެކަނި އެންމެ ހުވަފެނެކެވެ. އަޝްހަރާއި ޚައިރާދުގެ ދިރިއުޅުން ބާއްޖަވެރިކަންމަތީ ލެހެއްޓެވުމެވެ. އެދެކުދިންގެ ދިރިއުޅުމުގައި އުފާވެރިކަމާއި ހަމަޖެހުން ލެއްވުމެވެ.

ފަރީދާއާއި ޒަރީނާއާ ދެމީހުން ، ކައިސަރުގެ މަންމަ އަންނާތީ ކައިސަރުމެންގެ ގެޔަށް ދިޔައެވެ. ފަރީދާ އެގެޔަށް ދަމުން ދިޔައީ ޚައިރާދުވެސް ގޮވައިގެންނެވެ. އަދި ޒަރީނާ ދިޔައީ އޭނާގެންގުޅޭ ނޯކަރު ގޮވައިގެންނެވެ. ބަދިގެ ތެރޭގައި ކުރަންހުރި ކަންކަން ނޯކަރަށް ނުކުރެވޭތީ ، ޚައިރާދުގޮސް އޭނާއަށް އެހިތެރިވެދިނުމަށް ފަރީދާ އެދުނެވެ. ޒަރީނާ އެކަމަށް ދެކޮޅު ހެދިނަމަވެސް ، މަންމަ ބުނީތީ ، އެކަންކޮށްދިނުމަށް ޚައިރާދު ނިންމިއެވެ. އަދި ބަދިގެޔަށްގޮސް ، މެހެމާނުން އަންނަންވާއިރަށް ކާތަކެތި ތައްޔާރުކުރަމުން ގެންދިޔައެވެ.

ޚައިރާދު ބަދިގެތެރޭގައި އުޅެނިކޮށް ، ކައިސަރު އެތަނަށް ވަނެވެ. އަދި ޚައިރާދާ ވާހަކަދައްކަމުންގޮސް ، ފެންފޮދެއް ބޯން ބޭނުންވެގެން ބިއްލޫރި ތަށްޓަކާއި ފެންޖަގެއް ނަގައެވެ. ކުރަން ބޭނުންނުވިޔަސް ، ބައެއްކަހަލަ ކަންކަމަކީ ، އެކަމެއްކުރަން އިންސާނާއަށް މަޖުބޫރުވާ ކަންކަންކަމުގައި ކައިސަރު ބުންޏެވެ. އަދި އޭނާގެ އަތުގައި އޮތް ފެންޖަގު ޚައިރާދުގެ ކޮނޑުމައްޗަށް އޮއްސައިލިއެވެ. އެއީ އޭނާ ގަސްތުގައި ކުރިކަމެއް ނޫންކަން އަންގައިދޭ ގޮތަކަށެވެ. އެއާއެކު ޚައިރާދުގެ ދޮޕައްޓާ ވެއްޓުނެވެ. ކައިސަރު އެދޮޕައްޓާގައި ހިފައި ، ކައިސަރަށް އުނދަގޫ ކުރަން ފެށިއެވެ. ދޮޕައްޓާއިން ދޫކޮށްލުމަށް ޚައިރާދު ބުނަމުންގެންދިޔަނަމަވެސް ، ކައިސަރު ދުލެއް ނުކުރިއެވެ. ޚައިރާދުގެ ހަށިގަނޑުގެ އެތަންމިތާ އަތްކާއްތައި އޭނާއަށް ކުރެވުނު ކަންތަކަށް މަޢާފަށް އެދެމުން ދިޔައެވެ. ކައިސަރާއި ޚައިރާދުގެ އަޑު ގަދަވި ވަގުތު ، ފަރީދާއާއި ޒަރީނާވެސް އެތަނަށް އައެވެ. އަދި ފަހަތުން އަޝްހަރުވެސް ވަނެވެ. އޭރުވެސް ކައިސަރު ، ޚައިރާދުގެ ދޮޕައްޓާއިން ދޫނުކޮށް ، ޚައިރާދުގެ ގައިގާ އަތްލަމުން ގެންދިޔައެވެ.

އެމަންޒަރު ފެނުމާއެކު ، އެތަނަށްވަތް އެންމެންނަށްވެސް ލިބުނު ޙައިރާންކަމުގައި އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބެވުނެވެ. ކައިސަރު އަތުން ދޮޕައްޓާ ދަމައިގަތުމަށްފަހު ، ޚައިރާދު އޭނާގެ ހަށިގަނޑު ނިވައިކޮށްލިއެވެ. އަޝްހަރަށް އެތަން ފެނުމާއެކު ، އަންނަންވީ ރުޅިކަމެއް ނުވަތަ މޮޔަވާންވީކަމެއް އޭނާއަކަށް ނޭނގުނެވެ. އެންމެން ސިޓިންގރޫމަށް ދިޔައެވެ. ޚައިރާދަށް ހަދާނެގޮތެއް ނޭނގި ، އެންމެންގެ ކުރިމަތީ ކޮޅަށް ހުއްޓިލައިގެން ހުއްޓެވެ. އަޝްހަރު ، އިސްދަށަށް ޖަހައިގެން ކަންބޮޑުވެފައި އިނެވެ. އޭނާގެ ހިތުގައި އެތައް ސުއާލުތަކެއް އެނބުރެމުން ދިޔައެވެ. ކައިސަރުގެ ޢަމަލުތަކާމެދު ކުރިންވެސް އަޝްހަރުހުރީ ހިތްހަމަނުޖެހި ކަންބޮޑުވެފައެވެ. އެކަން އެހެން އޮއްވާ މިއަދު މިފެނުނީ ، ޚައިރާދުވެސް އެކަމުގައި ބައިވެރިވާފަދަ ގޮތަކަށް ޝައްކު ކުރެވިދާނެ ކަމެކެވެ.

ފަރީދާ ރުޅިއައިސް ޚައިރާދާ ދިމާއަށް އެއްޗެތި ގޮވަމުން ގެންދިޔައެވެ. ބަދިގެތެރޭގައި ކައިސަރާއެކު ދެމީހުން އެކަނި އެކުރިކަމަކުން މީހުންގެ ކުރިމަތީ އިސްއުފުލައިލަން ލަދުގަންނަ ކަމުގައި ބުންޏެވެ. އަދި ޚައިރާދު ، ބަލިވެ އިންދާ ، އެޙަލަތުގައި އެފަދަ ގޮތަކަށް ކައިސަރާއެކު އުޅުނުތަން ފެނުމުގެ ކުރިން އޭނާ މަރުވިނަމަވެސް މާ ހިތަށްފަސޭހަވީސްކަމުގައި ބުންޏެވެ.

ޚައިރާދު އޭނާގެ ދިފާޢުގައި ވާހަކަ ދައްކަމުން ގެންދިޔައެވެ. މަންމަމެންނަށް އެފެނުނީ ، ޙަޤީޤަތެއްނޫންކަމުގައި ބުނެ އޭނާއަށް އިތުބާރުކުރުމަށް އާދޭސް ކުރަމުން ގެންދިޔައެވެ. ޚައިރާދު އެގެޔަށް ގެނައީ މަންމަ ނޫންހޭ ބުނެ ، ޚައިރާދުގެ އެއްވެސް ކުށެއް އެކަމުގައި ނެތްކަމުގައި ބުނެ ޚައިރާދު ރޮމުން ގެންދިޔައެވެ. ފަރީދާގެ ރުޅިވެރިކަން އިންތިހާއަށް ގޮސް ، އޭނާގެ ދަރިފުޅުގެ ޙަޔާތަށް އައީ ، މިދުވަސް އެމީހުންނަށް ދައްކަން ހެއްޔޭ ބުނެ އެތިވަރު ގޮވަމުން ގެންދިޔައެވެ. މީހެއްގެ އަނތްބެއްކަން ހަނދާން ނުކުރިތާނގައި ، އެމީހުންގެ ގޭގެ ޢިއްޒަތާއި ޤަދަރުވެސް ، ޚައިރާދު ވެއްޔާ މޮޑެލައިފިކަމުގައި ފަރީދާ ބުންޏެވެ. ފިލާވަޅު ދަސްކުރުމުގެ ނަމުގައި ކައިސަރާ ދެމީހުން ބާއްވަމުން އެއައި ގުޅުމަކީ ، ކޮންފަދަ ގުޅުމެއްކަން އެ އެނގުނީ މިއަދު ކަމުގައި ބުންޏެވެ.

އަޝްހަރުގެ ފަރާތުން ޚައިރާދަށް ނުލިބެނީ ކޮން އެއްޗެއް ހެއްޔެވެ ؟ ފިރިއެއްގެ ލޯބި ދިނެވެ. މުދާވެރިކަމާއި މުއްސަނދި ދިރިއުޅުމެއް ލިބުނެވެ. ބޭނުންތާކަށްގޮސް ކިޔެވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނެވެ. މިނިވަންކަން ދިނެވެ. އެމިނިވަންކަމުގެ ނާޖާއިޒް ފައިދާ ، ޚައިރާދު ނަގަންވީ އެކަހަލަ ބޭއަދަބީ ގޮތަކަށްތޯ ފަރީދާ ސުއާލު ކުރިއެވެ. އެވަރުގެ ލަދުކުޑަ ޙަރަކާތެއް އެހިންގީ ، ކޮން އެއްޗެއް މަދުވެގެންތޯ ފަރީދާ ސުއާލުކުރިއެވެ.

ޚައިރާދުގެ ވާހަކަތަކުގައި ވޭނާއި ކެކުޅުން ނޫން އެއްޗެއް ނެތެވެ. މަންމަ ދޮގުހަދަނީ ކަމަށާއި ، އޭނާ އެފަދަ އެއްވެސް ބޭއަދަބީ ޢަމަލެއް ނުހިންގާކަމުގައި އަޝްހަރުގާތު ، ޚައިރާދު ބުނަމުން ގެންދިޔައެވެ.

ބަޝީރަތު ، ދުނިޔޭގައި ނެތްކަން ނަޞީބެވެ. އެހެންނަމަ ، ޚައިރާދުގެ ލަދެއް ނެތް ޢަމަލުތަކުން މަރުވެދާނެކަމުގައި ފަރީދާ ބުންޏެވެ. ޚައިރާދާއި ކައިސަރުގެ ރައްޓެހިކަމުގައި ، އަޝްހަރު އެއްވެސް ވަރަކަށް ޝައްކު ނުކުރާކަމަށް ފަރީދާ ބުންޏެވެ. އޭގެ ނާޖާއިޒު ފައިދާ ނަގައި ، އަޝްހަރުގެ ދިރިއުޅުން ބަރުބާދު ކުރުމަށް ޚައިރާދުގެ ވިސްނުމަށް އައީ ކޮންގޮތަކަށްތޯ ފަރީދާ ސުއާލު ކުރިއެވެ. ކައިސަރަށް އިޙްތިރާމްކޮށް ، ގެޔަށް ވައްދައި ދަރިއެއްގެ ގޮތުގައި ބަލައިގަތުމުގެ ބަދަލުގައި ، ކައިސަރު އެދިނީ ރަނގަޅު ހަދިޔާއެއްކަމުގައި ބުނެ ކައިސަރާ ދިމާއަށް ފަރީދާ ހަޅޭއްލަވައިގަތެވެ.

ﷲ އަށްޓަކައި އޭނާގެ މައްޗަށް ރަޙުމުކޮށް ، ހެއްދެވިހާ ދޮގުތަކެއް ހަދައި އޭނާ ފަޟީޙަތް ނުކުރުމަށް އެދި ފަރީދާގެ ދެފައިގާ ހިފާ ޚައިރާދު އާދޭސް ކުރިއެވެ. އެހެންނަމަވެސް ، ފަރީދާގެ ރުޅި މައިތިރިއެއް ނުވެއެވެ. އަތުގައި ހުރިބާރެއްލާފައި ޚައިރާދުގެ މޫނުމަތީ ފަރީދާ ޖެހިއެވެ. ފަރީދާ ޖެހިލެއް ބާރުކަމުން ޚައިރާދު ބިންމައްޗަށް ވެއްޓުނެވެ. އެހުރިހާ ވާހަކަތަކެއް ދެކެވި ، ޚައިރާދަށް އަނިޔާ ލިބެމުންދިޔައިރުވެސް ، އަޝްހަރު އެއްވެސް އެއްޗެކޭ ނުބުނެ ހިމޭނުން އިނެވެ. ޚައިރާދު ، ފަހަރަކު މީހަކާ ދިމާއަށް ބަލަމުންގޮސް އެންމެފަހުން އަޝްހަރާ ދިމާއަށް ބަލައިލިއެވެ. އަދި ތެދުވެގެން ، ކައިސަރު ގާތަށްގޮސް ، ކައިސަރު އެއްވެސް އެއްޗެކޭ ނުބުނެ އިންނަނީ ކީއްވެގެންތޯ ސުއާލު ކުރިއެވެ. އެހުރިހާ ދޮގުތަކެއް ފަރީދާ ހަދަމުންދިޔައިރުވެސް ، ކައިސަރު އަނގައިން ނުބުނެ އިނެވެ. އަދި ތެދުވެރިކަމާއެކު ، ޙަޤީޤަތް ސާފުކޮށްދިނުމަށް ކައިސަރުގެ ކިބައިން ޚައިރާދު އެދުނެވެ.

" އަހަރެން ބުނަންވީ ކީކޭ ހެއްޔެވެ ؟ ހަދަންވީ ކޮން ތެދެއް ހެއްޔެވެ ؟ އަހަރެންގެ ކުރިމައްޗަށް އައިސް ޚައިރާދު ހުއްޓި ، އަހަރެންނާ ސަމާސާ ކުރަން ފެށީމަ އަހަރެންނަށްވެސް މަޑުން ހުރެވޭނީ ކިހިނެއް ހެއްޔެވެ ؟ " ކައިސަރު ބުންޏެވެ.

ކައިސަރުގެ ވާހަކައިން ، ޚައިރާދަށް ލިބުނު ޙައިރާންކަން ވަކިން ބޮޑުވިއެވެ. ކައިސަރުވެސް ، ފަރީދާއާ ބައިވެރިވެގެން ، އެކަންތައްތައް ބޮޑު ތެދަކަށް ހަދަމުން ، ޙަޤީޤަތް އޮޅުވާލާނެކަމަކަށް ޚައިރާދު ހިއެއް ނުކުރެއެވެ. ޚައިރާދާއި ކައިސަރާ ދެމެދު އޮތް ސިއްރުގުޅުމުގައި ، އޭނާދެން އިތުރަށް ކުރިޔަށް ނުދާނެކަމުގައި ކައިސަރު ބުންޏެވެ. އަދި ، އޭނާގެ ކުރިމަތީ ޚައިރާދު ފަޟީޙަތްވެ ، އެންމެންގެ ދުލުން ޚައިރާދަށް ބަދުބަސްބުނުމަކީ އޭނާއަށް ބަރުދާސްތު ކުރެވޭނެކަމެއް ނޫންކަމުގައި ކައިސަރު ބުންޏެވެ. މީހަކު ދެކެ ލޯބިވުމާއި މީހަކަށް ބޭނުންވުމަކީ ކުށެއްނޫންކަމަށް ކައިސަރު ބުންޏެވެ.

" ޚައިރާދު ، އަހަރެމެންގެ ލޯބީގެ ވާހަކަ ސިއްރުކޮށް ދޮގުހަދަންވީ ކީއްކުރަން ހެއްޔެވެ ؟ " ކައިސަރު ބުންޏެވެ.

ޚައިރާދުގެ ހިތްފަޅައިގެންދިޔައެވެ. ކައިސަރު އެހާ ބޮޑު ދޮގެއްހަދަންވީ ކީއްވެގެންތޯ ސުއާލު ކުރިއެވެ. ﷲ އަށް ބިރުވެތިވެ ، ދޮގުތަކެއް ހަދައިގެން ، ކައިސަރަށް ލިބޭނީ ކޮން އެއްޗެއްތޯ ޚައިރާދު ސުއާލުކުރިއެވެ. އަދި ، ކައިސަރުވެސް އެމީހުންނާ ބައިވެރިވެ ، އޭނާ ފަޟީޙަތްކޮށް ބޭޒާރުކުރަނީ ކޮންބޭނުމެއްގައިތޯ ސުއާލު ކުރިއެވެ. އަދި އޭނާކުރީ ކޮންކުށެއްތޯ އެހިއެވެ.

ކޮންމެ މީހަކީވެސް އަމިއްލަ ނަފުސަށް އިޙްތިރާމްކޮށް ޤަދަރުކުރާނެ މީހެކެވެ. ޚައިރާދު އޭނާދެކެ ލޯބިވުން އެއީ ޚައިރާދުކުރި ކުށެއްނޫންކަމުގައި ކައިސަރު ބުންޏެވެ. އަބަދުވެސް ޚައިރާދު އުޅެނީ މިމީހުންދެކެ ބިރުން ، ޚައިރާދުގެ ހިތުގައި ކައިސަރުގެ މައްޗަށް އޮތް ލޯބި ފޮރުވައިގެންކަމުގައި ކައިސަރު ބުންޏެވެ. ކައިސަރު ދެކެ ލޯބިވުމަކީ ، އަޝްހަރަށް ބޭވަފާތެރިވުންކަމުގައި ޚައިރާދު ދެކެމެއް ނޫންހެއްޔެވެ ؟ އެކަމަކު ކައިސަރު ، އަބަދުވެސް ޚައިރާދުގާތު ބުނަމުން އައީ މީހަކުދެކެ ލޯބިވުމަކީ ކުށެއްނޫންކަމަށް ކަމުގައި ކައިސަރު ބުންޏެވެ.

" ޚައިރާދެވެ ! މިމީހުން ، ޚައިރާދާމެދު ވަރަށް އަނިޔާވެރި ވެއްޖެއެވެ. ޚައިރާދުގެ ކައިވެނި ކުރެވުނީ ޚައިރާދު އެދިގެންނެއް ނޫނެވެ. ޚައިރާދުގެ ވިސްނުމާއި ފިކުރު މިމީހުންނަކާ ނުގުޅެއެވެ. އަހަރެމެން ދެމީހުން ޙިއްޞާކޮށް ދައްކަމުންދިޔަ ވާހަކަތަކަކީ ، މިމީހުންނާ ޙިއްޞާކޮށް ،  ޚައިރާދަށް ދެއްކޭނެ ވާހަކަތަކެއްނޫނެވެ. ﷲ އަށްޓަކައި ބުނަމެވެ. މިމީހުންދެކެ ބިރުނުގަނެ ، އަހަރެމެންގެ ލޯބި އަހަރެމެންގެ ހިތުގައި އޮތަދޭށެވެ. " ކައިސަރު ބުނަމުން ގެންދިޔައެވެ.

ޚައިރާދު ، އަޝްހަރުގާތަށް ދިޔައެވެ. އަދި އެއެންމެން އެހަދަނީ ދޮގުކަމުގައި ބުންޏެވެ. އޭނާގެ ބޮލުގައި އެއަޅުވަނީ ދޮގު އިލްޒާމެއްކަމުގައި އަޝްހަރުގާތު ބުނަމުން ގެންދިޔައެވެ. އެނާއަކީ އެމީހުން އެބުނާކަހަލަ މީހެއްނޫންކަން އަޝްހަރަށް އެނގޭނެކަމުގައި ބުނެ ރޮމުން ، އަޝްހަރުގެ އެހީތެރިކަމަށް ޚައިރާދު އެދުނެވެ. ފަރީދާއާއި ޒަރީނާ ދެމީހުން ދެމީހުންނަށް ބަލައިލާ ހިނިތުންވެލިއެވެ. ޚައިރާދު ކޮންމެ ވާހަކައެއް ދެއްކިކަމަށްވިޔަސް ، އަޝްހަރު އެވާހަކަތައް ޤަބޫލުނުކުރާނެކަން އެދެމީހުންނަށް އެނގެއެވެ.

އަޝްހަރުދެކެ އިންތިހާއަށް ލޯބިވާކަމަށްބުނެ އަޝްހަރުގެ ދެފައިގާ ޚައިރާދު ހިފައި ރޮމުންގެންދިޔައެވެ. އަޝްހަރު އޭނާއާ ދުރަށް ޚައިރާދު ކޮށްޕައިލިއެވެ. ޚައިރާދުގެ އެއްވެސް ވާހަކައެއްގެ އަޑުއަހާކަށް ، އަޝްހަރު ބޭނުމެއް ނޫނެވެ. ޚައިރާދުގެ އަތްފޮޅުވާލާފައި އަޝްހަރު އެތަނުން ނުކުމެގެން ދިޔައިރު ހުރީ ރުޅިއައިސް ރަތްވެފައެވެ. ފަރީދާއާއި ޒަރީނާ އަޝްހަރަށް ގޮވަމުން ނުކުތެވެ. ކައިސަރުވެސް ކުޑައިރުކޮޅަކު ، ޚައިރާދާ ދިމާއަށް ބަލަހައްޓައިގެން ހުރުމަށްފަހު އެތަނުން ނުކުމެގެން ދިޔައެވެ. އޭރު ޚައިރާދު އޮތީ ސިޓިންރޫމު ތެރެޔަށް ވެއްޓިފައެވެ. ވޭނާއި ކެކުޅުމުގައި ، ޚައިރާދު ރޮމުން ގެންދިޔައެވެ. އޭނާގެ އަޑު އަހާނެ އެއްވެސްމީހަކު އެތާކު ނެތެވެ. އޭނާ އެކަންޏަށް ދޫކޮށްލާފައި އެންމެން ހިނގައްޖެއެވެ.

އެންމެން ނުކުމެގެން ދިއުމުން ، އިރުކޮޅެއްކޮށްލާފައި ކައިސަރު އައިސް ، ތަޅުންމައްޗަށް ވެއްޓިފައި އޮތް ޚައިރާދުކައިރީ ހުއްޓިލިއެވެ. ޚައިރާދު ، ހިތްވަރުކޮށްފައި ތެދުވިއެވެ. އަދި އެވަރުގެ ބޮޑުދޮގެއް ހެދީ ކީއްވެގެންތޯ ކައިސަރާ ސުއާލުކުރިއެވެ. ޚައިރާދު އެހާބޮޑަށް ފަޟީޙަތްކޮށް ދޮގު ތުހުމަތެއް އޭނާގެ ބޮލުގައި އެޅުވީ ކީއްވެތޯ އެހިއެވެ. ކައިސަރަށް އޭނާގެ ފަރާތުން ކޮން އުނދަގުލެއް ވެފައި އޮވެގެންތޯ އެހިއެވެ.

ކައިސަރު ވާހަކަ ދައްކަން ފެށްޓިއެވެ. އޭނާއަށް މަޢާފުކުރުމަށް ޚައިރާދުގެ ކިބައިން އެދުނެވެ. ޚައިރާދާމެދު ކަންތައް އެކުރެވުނީ ވަރަށް ދެރަކޮށްކަމަށާއި އެކަމަށް އޭނާ ދެރަވާކަމުގައި ކައިސަރު ބުންޏެވެ. އެއީ ކައިސަރަށް މަޖުބޫރުވެގެން ކުރިކަމެއްކަމަށާއި ، ފަރީދާގެ އެހީތެރިކަމުގައި އެމެރިކާއަށްގޮސް ކިޔަވަން އޭނާއަށް ފުރުޞަތު ލިބެންއޮތީ ފަރީދާ ބޭނުންވާގޮތަކަށް އޭނާ ޢަމަލުކޮށްގެންކަމަށް ކައިސަރު ބުންޏެވެ. އަދި ކައިސަރުގެ ދިރިއުޅުމުގެ އޮތީ ހަމަ އެންމެ މަޤްޞަދެއްކަމުގައި ކައިސަރު ބުންޏެވެ. އެއީ ސާރާ އާ ކައިވެނި ކުރުމެވެ. އެކަން ކުރުމަށް ކައިސަރު ކިޔަވަންޖެހޭކަމަށާއި ސާރާއާ އެއްފެންވަރަކަށް އައިސްގެން ނޫނީ އެކަން ޙާޞިލް ކުރެވެން ނެތްކަމުގައި ކައިސަރު ބުންޏެވެ. އެމެރިކާއަށްގޮސް ކިޔަވަން ކުރަންޖެހޭ ހުރިހާ ޚަރަދެއް ފަރީދާ ކުރަން އެއްބަސްވީ ، ޚައިރާދު ބެޒާރުކޮށް ، އަޝްހަރުގެ ދިރިއުޅުމުން ވަކިކޮށްދިނުމުންކަމަށް ކައިސަރު ބުންޏެވެ. އަދި އޭނާގެ ކުރިމަތީގައިވާ މަޖުބޫރީ ޙާލަތުގައި ، ކޮންމެ އަގެއްދީފައިނަމަވެސް ، އެކަންކުރަން ކައިސަރަށް ޖެހުނީކަމަށް ބުންޏެވެ. އަދި އެކަމަށް އޭނާއަށް މަޢާފުކުރުމަށް އެދެމުން ، ކައިސަރުވެސް އެތަނުން ނުކުމެގެން ދިޔައެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

3 ޚިޔާލު

  1. އަދި ޙަޤީގަތް އެވިގެން ތިއަސްހަރެއް އަންނާނެ ޚައިރާދު ދެފައިގަ ހިފާ އާދޭސް ކުރަން އަދި ތި ނުލަފާ މައިދައިތަވެސް އުއްމީދު ކަޑާ ނުލާ ކިޔަވައިގެން ހުރި ރަނގަޅު ދަރިއެއް ތީ އެމީހުން ފއިބުޑަށް ނުވެއްޓޭތި ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް ކެތްތެރިވޭ

  2. އަބަދުވެސް ނިކަމެތި ފަޤީރުމީހާއަށް ދެރަގޮތް މިވަނީ
    ރަނގަޅު އެއްގޮތެއްވެސް ނިކަމެއްޗަކަށް މިދުނިޔެއިން ނެތް އިންސާނީ ކަރާމާތްތެރި ކަންވެސް މިވަނީ ނިކަމެތި މީހާއަށް ދެކޮޅުވެފާ
    ހިތާމަހުރި!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.