ޒުވާނުން ބާކީވެ މަގުމަތިވެދާނެ ފުރުޞަތު ނައްތާލުމަށް ސަރުކާރުން އިސްކަން ދޭނެ: ރައީސް ސާލިހު

މިޔަހެލި ޕްރޮގްރާމުގެ ތެރެއިން

ޒުވާނުން ބާކީވެ މަގުމަތިވެދާނެ ފުރުޞަތު ނައްތާލުމަށް ސަރުކާރުން އިސްކަން ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ނެވެ.

ރައީސް ސާލިހު ވަނީ ޒުވާނުންނަށާއި ޙުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކަށް ދެވޭ ތަމްރީނު ޕްރޮގްރާމްތައް ގިނަކޮށް، ހުޅުމާލޭ ހާފްވޭ ހައުސްގައި އަންހެނުންނަށް ޚާއްޞަ ރީހެބިލިޓޭޝަން ތަޢާރަފްކޮށްފައިވާކަން ވެސް ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް ޢާއިލީ ވެށްޓެއް ހޯދައިދިނުމަށް އަމާންވެށީގެ 7 މަރުކަޒު ޤާއިމްކޮށް އެތަންތަނަށް ކުދިން ބަދަލުކޮށް، 19 އަތޮޅުގައިވާ ފެމިލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރތަކަށް ފުރިހަމަ ޚިދުމަތެއް ދިނުމަށްޓަކައި އިތުރަށް ބޭނުންވި 156 މުވައްޒަފުން ފާއިތުވި 4 އަހަރުގެ ތެރޭގައި ޚިދުމަތަށް ނެރެފައިވާކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑުކުރާނެކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޢުމުރުން 18 އަހަރު ފުރުމުން ބޭނުންވާ ޚިދުމަތްތަކަށް ވަކި ސެންޓަރެއް މި ޙަފްތާ ތެރޭ ހުޅުމާލޭގައި ހުޅުވިގެންދާނެކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފަ އެވެ.

މިންތީގެ ހަމަހަމަކަން ނެތި އިޖްތިމާޢީ ޢަދާލަތު ހިފެހެއްޓުމަށް ދަތިވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި، އެމަނިކުފާނު ވަނީ ޖެންޑަރ އީކުއެލީޓީ އެކްޝަން ޕްލޭން ތަންފީޒްކުރަން މިއަހަރު ފަށާފައިވާކަން ފާހަގަކުރައްވާފައެވެ

މީގެ އިތުރުން އެމަނިކުފާނު ވަނީ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ދަށުން ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދެވޭ މަދަދުވެރިން މުޅިރާއްޖޭގައި ޙަރަކާތްތެރިވެވޭނެ އިންތިޒާމަށް ޢަމަލީ ސިފަ އަންނަމުންދާކަމުގައި ފާހަގަކުރައްވާފައެވެ. އެގޮތުން، ވޭތުވެދިޔަ އަހަރު ރާއްޖޭގެ 7 އަތޮޅެއްގެ 62 ރަށަކާއި 2 ސިޓީއެއްގައި މިފަދަ 430 ފަރާތަކަށް ބޭނުންވާ އަސާސީ ތަމްރީނު ދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.