ތަފާތު އިންވެސްޓްމަންޓްތަކަށް ގިނަ ފުރުޞަތުތަކެއް ރާއްޖޭގައި ހުޅުވިފައި އޮންނާނެ: ރައީސް ސާލިހު

ސަރުކާރުން އަމާޒުހިފާފައި ވަނީ ވިލުންތެރި، ތިމާވެށްޓާ ރަޙްމަތްތެރި އަދި ސިންދަފާތު އިޤްތިޞާދެއް ބިނާކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި އިންޑިއާ - މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިޤްތިޞާދުގެ ތެރެއިން ތަފާތު އިންވެސްޓްމަންޓްތަކަށް ގިނަ ފުރުޞަތުތަކެއް ރާއްޖޭގައި ހުޅުވިފައި އޮންނާނެކަމުގައެވެ.

އިންޑިއާގެ ވިޔަފާރިވެރިން ދިވެހިރާއްޖޭގައި އިންވެސްޓް ކުރުމަށް ދަޢުވަތުދެއްވައި، ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޯވިޑް-19ގެ ބަލިމަޑުކަމަށްފަހު ރާއްޖެއިން މިހާރު ގެންދަނީ މުހިންމު ބޮޑެތި ބަދަލުތަކެއް ގެންނަމުންކަން ފާހަގަ ކުރައްވާފައެވެ.

އެމަނިކުފާނު ވަނީ ކޮވިޑްގެ ބަލިމަޑުކަމާއެކު ރާއްޖެއަށް ކުރިމަތިވި ދަތިކަމުން އަރައިގަނެ، ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތް ވެސް ކޮވިޑް ބަލިމަޑުކަމުގެ ކުރީގައި އޮތް މިންވަރަށް ރުޖޫޢަ ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އިންޑިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް މަންޒިލުކަން ވެސް ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއިން ދެމެހެއްޓެނިވި ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި، އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރަމުންގެންދާ މަސައްކަތްތައް ވެސް ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތިމާވެށި ހިމާޔަތްކޮށް ޤުދުރަތީ މާހައުލުގެ މުއްސަނދިކަން ދެމެހެއްޓުމަކީ ޒަމާނުއްސުރެ ރާއްޖޭގެ މީހުން ދިރިއުޅެމުންދިޔަ ޤުދުރަތީ މާހައުލާ ގުޅިފައިވާ ޖަޒީރާވަންތަ ދިރިއުޅުން އެގޮތުގައި ކުރިޔަށްގެންދިއުމަށްވެސް ވަރަށް މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އިންޑިއާއަކީ އަބަދުވެސް ބަރޯސާވެވޭ ރާއްޖޭގެ މުހިންމު ބައިވެރިއެއް ކަމުގައެވެ.

އެގޮތުން މޯލްޑިވްސް - އިންޑިއާ ޕާރޓްނަރޝިޕަކީ ދެ ޤައުމުގައި ހުރި ތަފާތު ވަޞީލަތްތަކާއި ދެ ޤައުމުގެ ސައިޒުގެ ގޮތުން ދެ ޤައުމުގެ ކުރިއެރުމަށްވެސް ފައިދާކުރަނިވި ނަމޫނާ ޕާރޓްނަރޝިޕެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވަނީ މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާނީ، އިންޑިއާއާއެކު ގާތް ރަޙްމަތްތެރި ގުޅުމެއް ބޭއްވުމަށްކަން ފާހަގަކުރައްވާފައެވެ.

އިންޑިއާ – މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވާފައި މިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް އެމަނިކުފާނު އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.