މާލެ ސަރަޙައްދުން ދޭ ގޯތީގެ ޢަދަދު، އިތުރުކުރަނީ

މާލެ ސަރަޙައްދުން ދޭ ގޯތީގެ ޢަދަދު، އިތުރުކުރުމަށް ނިންމައިފި އެވެ.

މިކަން އިއުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަައްމަދު ސާލިހެވެ.

ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ހައުސިންގ ލޯނުގެ އެޕްލިކޭޝަންގެ 55 އިންސައްތަ ލޯނު އެޕްރޫވްކޮށް 249 ފަރާތަކާ އެކު ލޯނު އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށެވެ.

ހަމަ އެއާއެކު އަތޮޅުތެރޭގައި ޢިމާރާތް ކުރެވޭ ހައުސިން ޔުނިޓް ތަކުން 556 ހައުސިންގ ޔުނިޓް އަންނަ މޭ މަހުގެ ނިޔަލަށް އެއްކޮށް ނިންމާނެކަމަށާއި، އިތުރު 2،200 ހައުސިންގ ޔުނިޓްގެ މަސައްކަތް އަތޮޅުތެރޭގައި ހިންގަމުންދާ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރަޙައްދީ ޓާރޝަރީ ހޮސްޕިޓާތައް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ވަރަށް ތަފްޞީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ. އަދި، އެމަނިކުފާނު ވަނީ ކޮމިއުނިޓީ ހެލްތް ވޯކަރުންނާއެކު އަލުން އަނބުރާ ޕްރައިމަރީ ހެލްތްކެއަރގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ މަސައްކަތް މި ސަރުކާރުން ފަށައިފައިވާކަން ފާހަގަކުރައްވާފައެވެ.

ހަމަ އެއާއެކު އެމަނިކުފާނު ވަނީ ސެންޓަރ ފޮރ މެންޓަލް ހެލްތް މި ސަރުކާރުން ޤާއިމް ކުރީ އެކަމުގެ މުހިންމުކަން ބޮޑުވުމުންކަމުގައި ފާހަގަކުރައްވައި، 3،000 އަށްވުރެ މަތީގައި އޮތް ވެއިޓްލިސްޓް މިއަދު ވަނީ 411 އަށް ދަށްކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި، އެ ސެންޓަރުގެ އިންޕޭޝަންޓް ކެއަރ ޔުނިޓް ހަދައި މިހާރު ޚިދުމަތްދޭން ފަށާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ އިޖްތިމާޢީ ރައްކާތެރިކަމުގެ ނިޒާމުގެ ދަށުން ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދެވޭ މަދަދުވެރިން މުޅިރާއްޖޭގައި ޙަރަކާތްތެރިވެވޭނެ އިންތިޒާމަށް ޢަމަލީ ސިފަ އަންނަމުންދާކަމުގައި ފާހަގަކުރައްވާފައެވެ.

އެގޮތުން، ވޭތުވެދިޔަ އަހަރު ރާއްޖޭގެ 7 އަތޮޅެއްގެ 62 ރަށަކާއި 2 ސިޓީއެއްގައި މިފަދަ 430 ފަރާތަކަށް ބޭނުންވާ އަސާސީ ތަމްރީނު ދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.