ބްލޫ ރިބަން: ލާރިކެއުން

ލާރިޔަކީ ، ކެވުނުގޮތަކަށް ކާން އޮންނަ އެއްޗަކީ ބާވައެވެ. ދޮންބެއްޔާއަށް ހީވާގޮތުގައި އެއްވެސް އެއްޗަކީ ، ޙަރާމެއް ޙަލާލެއް ނުބަލައި  ކާން އޮންނަ އެއްޗެއްނޫނެވެ. ދުނިޔަވީ ގޮތުންވެސް އަދި ދީނީގޮތުންވެސް އެއީ އެކަން އޮންނާނެ ގޮތެވެ. މީހެއްގެ ޙައްޤެއް ޙަރާންގޮތުގައި އަތުލައިގެން ކެއުމަކީ ހަމަ ، ހަރާންކަމެކެވެ. ރުފިޔާކަމަށްވިޔަސް ނުވަތަ މުދާކަމަށްވިޔަސް އެއީ ހަރާންކަމެކެވެ. ދުނިޔަވީގޮތުންވެސް މީހުންގެ ފައިސާއާއި މުދާ ހަރާންގޮތުގައި ކެއުމަކީ ، މީހުންގެ ޙައްޤުތަކަށް އަރައިގަތުމެވެ. ތިމާގެ އަމިއްލަ އިޚްތިޔާރުގައި ހުންނަ އެއްޗެތިވެސް ކާންވާނީވެސް ، ބޭނުންކުރަންވާނީވެސް ވަކިވަރަކަށެވެ. ހިލޭ ލިބޭ ފެންފޮދުވެސް ބޯންވާނީ ބޯންވާ މިންވަރަށެވެ. ގިނައިން ބޮއެގެން ގެއްލުންނުވާނެ މިންވަރަށެވެ. އެހެނީ ،  ފެންވެސް މާގިނައިން ، އިސްރާފަކަށްވާގޮތަށް ބޮއެފިނަމަ ، އެކަމުން ހަށިގަނޑަށް ގެއްލުން ނުލިބިއެއް ނުހުންނާނެއެވެ. ތިމާގެ މިލްކިއްޔާތުގައި ގިނަވެ އިތުރުވެފައި ހުންނަ އެއްޗެތިން ، ޞަދަޤާތްކުރުމާއި ޒަކާތްނެރުމަށް ދީނުގައި އަންގަވައިފާ އޮންނަނީ މިސަބަބަށްޓަކައެވެ. ގިނަވެ އިތުރުވެފައި ހުންނަ ތަކެތީގެ ފައިދާ ، އެއަށް ބޭނުންވެފައި އޮންނަ ބަޔެއްގެމައްޗަށް ބެހިގެންގޮސް ، އެއެއްޗެއްގައި ބަރަކާތް ލެއްވިގެން ، އިތުރުވެގެން ދިއުމަށްޓަކައެވެ. ޞަދަޤާތާއި ޒަކާތަކީ ، ދިނުމާއި ދެއްކުމުން ގެއްލިދާ އެއްޗެއް ނޫނެވެ. އެއީ ހުސް ފައިދާ ހުންނަ ހެޔޮ ޢަމަލެވެ.

އޭގެ ބަދަލުގައި ، ލާރިކާ މީހުން ލާރިކަނީ ވަކިގޮތެއް ބަލައިގެންނެއް ނޫނެވެ. ޖީއެސްޓީ ކަމަށްވިޔަސް ، ޑިޕޮޒިޓަށް ދައްކާ ފައިސާ ކަމަށްވިޔަސް އަދި ޑިސްކައުންޓެއް ކަމަށްވިޔަސް ، ނުދޭ ޚިދުމަތަކަށް އެއިން އެއްވެސް އެއްޗެއް ނުނެގޭނެއެވެ.

1 ޖެނުއަރީ 2023 އިން ފެށިގެން ، ޖީއެސްޓީ އަށެއް އިންސަތަޔަށް އޮތީ ބޮޑުކުރެވިފައެވެ. ދޮންބެއްޔާއަށް ޖެނުއަރީމަހުގެ ފޯނުބިލް ލިބުނުއިރު ، ޖީއެސްޓީ ނަގާފައި އޮތީ 8 އިންސައްތައިންނެވެ. ދޮންބެއްޔާގެ ފޯނަށް ޑިސެމްބަރ 2022 ގައި ދިން ޚިދުމަތަކަށް ، ޖެނުއަރީމަހު ބިލް އައިއިރު ، ޖީއެސްޓީ 2 އިންސައްތަ ބޮޑެއް ނުކުރެވޭނެއެވެ. ޑިސެމަބަރުމަހަށް ދިން ޚިދުމަތަށް ޖީއެސްޓީއަށް ނެގެންޖެހޭނީ 6 އިންސައްތައެވެ. ޖެނުއަރީގައި ބިލްހެދިޔަސް ޖޫންމަހު ބިލްހެދިޔަސް ، ޑިސެމްބަރ 2022 ގައި ދިން ޚިދުމަތަކަށް ބިލްހަދާއިރު  2 އިންސައްތަ ބޮޑުކޮށް ، 8 އިންސައްތައެއް ނުނެގޭނެއެވެ. ޖީއެސްޓީ ބަލައިގަންނަ މީހުންނަށްވެސް މިކަން އެނގޭނެއެވެ. އެވަނީ ކީއްކަން އެމީހުންނަށް އެނގިހުރެ ، އެފައިސާ ނަގައިގެން ނުވާނެއެވެ. އެމީހުންނަށްވެސް މީހަކަށް އޮޅިގެންވެސް އިތުރަށް ލާރިއެއް ދެއްކިއްޖިއްޔާ އަނބުރާ ނުދޭނެއެވެ. އެފައިސާ އެތަނުން ނުނެގޭނެ ކޮންމެވެސް ހަމައެއް ހޯދާނެއެވެ. އެކަމަކު ، އެންމެ ލާރިއެއްވެސް މަދުވެއްޖެނަމަ ، ހީވާނީ އެހެންފަދަ ކަމެއް ހެންނެވެ.

ފޯނުއޮފީހަށް ގޮސް ، މިކަމާބެހޭގޮތުން ދޮންބެއްޔާ ދެއްކި އެއްވެސް ވާހަކައެއް އެމީހުން ޤަބޫލެއް ނުކުރިއެވެ. ފޯނު ބޭނުންކުރަންޏާ އެފައިސާ ދައްކަންވީއެވެ. އެހެންނޫނީ ޚިދުމަތް ކަނޑާލާނެއެވެ. އެތައްލައްކަ ބަޔަކަށް ހެދޭ ފޯނުބިލުން ، 2 އިންސައްތަ އިތުރަށް ޖީއެސްޓީ ނެގީމަ ، ނުޙައްޤުން ރައްޔިތުންގެ އަތުން އެއަތުލައިގަނެވެނީ ހާދަ ލާރިއެކެވެ. ފެންފޮދަކާނުލައި ލައްކައިންނާއި މިލިއަނުން އެދިރުވައިލެވެނީ ހަރާން ފައިސާއެވެ.

ދޮންބެއްޔާގާތަށް އައި ރުޅީގައި ހަމައެތާހުރެ ، ފޯނުގެ ޚިދުމަތް ބޭނުންނޫންކަމަށާއި ، އެތަނުން ވަކިވާން ބޭނުންވާހަކަ ބުންޏެވެ. ނަންބަރު ކެންސަލްކޮށްލާފައި ދޮންބެއްޔާ ދައްކާފައިހުރި ޑިޕޮޒިޓަށްވާ ދޮޅުހާސް ރުފިޔާ އަނބުރާ ދޭން ދޮންބެއްޔާ އެދުނެވެ. ދޮންބެއްޔާ ދައްކަން އޮތްބިލެއް އޮއްވާ ޚިދުމަތުން ވަކިނުވެވޭނެކަމުގައި އެކުދިން ބުންޏެވެ. ޖީއެސްޓީ އިތުރަށް ޖަހާފަ އޮތަސް ދޮންބެއްޔާއަށް ޖެހުނީ އެފައިސާ ދައްކާށެވެ. ބިލްދެއްކީމަ ، ފޯނުގެ ޚިދުމަތް ކަނޑައިލައިފިއެވެ. ޑިޕޮޒިޓަށް ދައްކާފަހުރި ދޮޅުހާސް ރުފިޔާ ލިބޭނީ ދެހަފުތާ ފަހުންކަމުގައި ބުންޏެވެ. ގުޅަލީމަ އަންނާށޭ ބުނެ ދޮންބެއްޔާ ފޮނުވައިލައިފިއެވެ.

ދޮންބެއްޔާ ދެންދިޔައީ ، ދެންހުރި ފޯނުކުންފުންޏަށެވެ. އެތަނުން ނަންބަރެއް ނަގާށެވެ. ދޮންބެއްޔާ ބޭނުންވީ ކުރީކުންފުނިން ބޭނުންކުރި ނަންބަރެވެ. އެ ނަންބަރު ލިބޭނީ އެކުންފުނީގެ ހުއްދައަކާއެކުގައި ކަމަށް ބުންޏެވެ. އެކުންފުންޏަށްވެސް ، ދޮޅުހާސް ރުފިޔާގެ ޑިޕޮޒިޓެއް ދައްކަން ޖެހުނެވެ. އެފައިސާ ދެއްކީމަ ، 24 ގަޑިއިރުގެ ތެރޭގައި އެކަން ހަމަޖައްސައިދޭނެކަމަށްވެސް ބުންޏެވެ. ދޮންބެއްޔާ އެހެން ނަންބަރެއް ނަގާކަށް ބޭނުމެއް ނޫނެވެ. ހުރިހާ ރައްޓެހިންގެ އަތުގައިވެސް އޮންނާނީ ކުރީގެ ނަންބަރެވެ.

24 ގަޑިއިރު ވީއިރުވެސް ޚަބަރެއް ނުވިއެވެ. ދޮންބެއްޔާ ހުރީ ފޯނަކާ ނުލައެވެ. އަނެއްކާ އެކުންފުންޏަށް ދޮންބެއްޔާ ހިނގައްޖެއެވެ. އަދި ނަންބަރު ނުދެނިސް އެތަނުން ނުނުކުންނާނެކަމަށްބުނެ އަޑުގަދަ ކޮށްލިއެވެ. އަޑުގަދަވީމަ އެތަނުގައިހުރި ބޮޑުމީހާ އޭނާގެ ކޮޓަރިން ނުކުތްއިރު މިހުރީ އެއްކަލަ ދޮންބެއްޔާއެވެ. އެއީ ދެރައްޓެހިންނެވެ. ބޮޑުމީހާ އައިގޮތަށް އައިސް ދޮންބެއްޔާގެ ކޮނޑަށް އަތްވައްޓާލައިގެން ކޮޓަރިޔަށް ގެންދިޔައެވެ. އަދި ، ދޮންބެއްޔާ އެތާ ބައިންދައިގެން ދެގަޑިއެއްހާ އިރުތެރޭ ދޮންބެއްޔާގެ ފޯނުގެ ކަންތައް ހަމަޖެއްސިއެވެ. ފޯނަކާހުރެ ، ދޮންބެއްޔާއަށް މިއޮއް އުފުއްލަންޖެހުނު ތަކުލީފެކެވެ. ކުރަންޖެހުނު ޚަރަދު އަދި ވަކިން ބޮޑެވެ. މަހެއްވީއިރުވެސް ކުރީކުންފުނިން ދޭންއޮތް ޑިޕޮޒިޓް ފައިސާއެއް ނުލިބުނެވެ. ދޮންބެއްޔާ ބެލީ އެއީ ދެން ނުލިބޭނެ އެއްޗެއްކަމަށެވެ. ދޮންބެއްޔާ ދަންނަ އެތައްބަޔަކަށް އެހެން ދިމާވެފައި އެބަހުއްޓެވެ. ތިންހަތަރު އަހަރުވާއިރުވެސް އެއެއް ނުލިބެއެވެ.

އޭގެ ކުރީދުވަހު ، ދޮންބެއްޔާވަނީ އެޕާރޓްމަންޓެއް ގަންނަން އެތަން ބުކްކުރަން ޑިޕޮޒިޓަށް ފަންސާސްހާސް ރުފިޔާ ދައްކާފައެވެ. ފޯނުކަންތައް ހަމަޖައްސާފަ ދޮންބެއްޔާ ދެން ދިޔައީ އެޕާރޓްމަންޓް ގަންނަން ލޯނު ހަމަޖައްސަން ބޭންކަށެވެ. އޭގެ ކުރީދުވަހު ބޭންކަށްގޮސް އެވާހަކަ ދެއްކުމުން ، ލިޔުންތައް ހިފައިގެން އައިމަ ލޯނު ލިބޭނެވާހަކަ އޮތީ ބުނެފައެވެ. ދޮންބެއްޔާ ގެންދިޔަ ލިޔުންތައް ބަލައި ، ބޭންކުން ބުނިގޮތުގައި ދޮންބެއްޔާގެ އާމްދަނީ 64 ހާހަށް ނާރަންޏާ ދޮންބެއްޔާ ބޭނުންވާ ޢަދަދަކަށް ލޯނެއް ނުލިބޭނެއެވެ. އެޕާރޓްމަންޓް ހަދާ ކުންފުންޏަށް އެތަން ބުކްކުރަން ދޮންބެއްޔާ ޑިޕޮޒިޓް ދެއްކީ ، ލޯނުލިބޭނެކަމަށް ބޭންކުން ބުނީމައެވެ. މިޖެހުނީ އަނެއްކާ އަނެއްކަންތަކެވެ. ދޮންބެއްޔާ ދެން ، ދުއްވައިގަތީ އެޕާރޓްމަންޓް ބުކްކުރަން ދެއްކި ލާރިލިބޭތޯ އެދިމާލަށެވެ. އެތަނުން ދޮންބެއްޔާއާ ބައްދަލުކުރީ ބިދޭސީއެކެވެ. އޭނާ ބުނިގޮތުގައި ، ޑިޕޮޒިޓް ފައިސާ އެއްކޮށެއް ނުލިބޭނެއެވެ. ލިބޭނީ އިދާރީ ޚަރަދާއި ލޯޔަރުފީ ކަނޑާފަ ބާކީހުރި އެއްޗެކެވެ. އެޚަރަދު ކެނޑީމަ ދޮންބެއްޔާއަށް ލިބެނީ 35 ހާސްރުފިޔާއެވެ. ދޮންބެއްޔާ ޑިޕޮޒިޓްފައިސާ ދެއްކީ އިއްޔެ ހަވީރު 4 ޖެހިއިރުއެވެ. އެފައިސާ ނަގަން ދިޔައީ މިއަދު 10 ޖެހިއިރުއެވެ. 18 ގަޑިއިރުގެ ތެރޭގައި އިދާރީ ޚަރަދެއް ، ލޯޔަރުގެކަމެއް އެކަމާގުޅިގެން އަދި ނުހިނގާނެކަން ދޮންބެއްޔާގެ ކޮށި ސިކުނޑިއަށްވެސް ވިސްނެއެވެ. އެކަމަކުވެސް 15 ހާސްރުފިޔާ ނަގަނީއެވެ. މިއީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ. އެތާނގައިވެސް ދޮންބެއްޔާއަށް އަޑުގަދަ ކޮށްލެވުނެވެ. ނުކުރާވަރެއް ނޫނެވެ.

މާބޮޑަށް އަޑުފަށްގަނޑު ގަދަވީމަ އެތާއިން ބޮޑުމީހާވެސް ކޮޓަރިން ނުކުމެ ބޯދިއްކޮށްލިއެވެ. އޭނާއަށް ފެނުނީ އެއްކަލަ ދޮންބެއްޔާއެވެ. އަވަސް އަވަހަށް އެތެރެޔަށް ދެމިގަތެވެ. އެކަމަކުވެސް ދޮންބެއްޔާ އެއްލި ކަޅިޔަކުން އޭނާ ފެނުނެވެ. ދުވެފައިގޮސް ދޮންބެއްޔާ ވަތްއިރު މިއިނީ ދޮންބެއްޔާ އަތުން ފަހުންދޭން ލާރިނަގަމުން އައި މީހެކެވެ. ފާޑެއްގެ ރައްޓެއްސެކެވެ. އިތުރުވާހަކައެއް ނުދައްކައި ، ވީގޮތް ކިޔައިދީފަ ، އެ 50 ހާސް ރުފިޔާ އަނބުރާ ދޭން ދޮންބެއްޔާ އެދުނެވެ. އެއިން އެންމެ ރުފިޔާއެއްވެސް އެމީހުންނަށް ޙައްޤުނުވާނެކަމުގައި ، ދޮންބެއްޔާ ބުންޏެވެ. ބޮޑުމީހާވެސް އެކަން ޤަބޫލުކުރިއެވެ. އަދި އެކައުންޓެންޓް ގެނެސް އެފައިސާ ހަމަޔަށް ، ދޮންބެއްޔާއަށް އަނބުރާދޭން އެންގިއެވެ.

ބޭންކެއްގައި އެކައުންޓެއް ހުޅުވައިފިނަމަ އެންމެމަދުން ބަހައްޓަންޖެހޭ ޢަދަދެއް އޮވެއެވެ. އެޢަދަދު މަދުވެއްޖިއްޔާ ދެންހުރި އެއްޗަކުން ޖޫރިމަނާ ފައިސާ ކަނޑަމުން ދާނެއެވެ. އެއީ އެތައްލައްކަ ބަޔެއްގެ އަތުން ބޭންކުން ވިޔަފާރިކުރަން ނަގާ އެއްޗެކެވެ. ކާރޑެއް ހަދައިފިއްޔާ އޭގެ ބޭނުން ނުކުރިޔަސް އަހަރުން އަހަރަށް ކާޑަށް ލާރި ނަގާނެއެވެ. އެކައުންޓް ހުޅުވައިދޭނީވެސް ، ކާޑެއް ދޭނީވެސް އެކަމަށް އެއްބަސްކުރުވައި ސޮއިކުރުވާފައެވެ. އަތުގައި ލާރި ބަހައްޓައިފިއްޔާ ހުސްވާނެއެވެ. ނުވަތަ ވަގަށް ނަގާނެއެވެ.

ރުފިޔާއާ ޖެހިއްޖިއްޔާ ، ހަކުރާޖަހައިގެން ދުނިޔެކާން މިމީހުން މިތިބެނީ ތައްޔާރަށެވެ. ފަޅުރަށަކަށްގޮސް ދޮންބެއްޔާ އެހުންނަނީވެސް މިކަހަލަ ކަންކަމާ ދުރުވާންވެގެންނެވެ. އެކަމަކުވެސް ދުނިޔޭގައިވެސް އުޅެންޖެހެއެވެ. ސަލާމަތް ނުވިޔަސް ބޮޑެތި ކަންތައްތަކާ ލައިގަންނާނެއެވެ. ހިތްނޭދޭ އެތައްކަމެއް ކުރަން މަޖުބޫރުވާނެއެވެ.

މުޅިރާއްޖޭގައި ބޮޑެތި އެންޓަނާޖަހައިގެން އެކި ރާގު އިއްވައި އެކި ދޫ ދިއްކޮށްގެން އުޅޭ ބޮޑެތި ކުންފުނިތަކެކޭ ދަމާކަނޑަން ކަނޑު ޙަޔާތް ހަދައިގެން ، އެޕާރޓްމަންޓް ވިއްކާ ތަންތަނެކޭ ، ރުފިޔާ ރައްކާކުރާ " ރަތް ކޮށާރު "  ތަކެކޭ އެއްގޮތެވެ. އިރުއިރުކޮޅުން ، އެތައްމިލިއަން ރުފިޔާއެއް ފައިދާވީވާހަކަ ގޮވާނެއެވެ. އެއްކުރަނީވެސް ގެންގުޅެނީވެސް ރައްޔިތުންގެ ފައިސާއެވެ. ތަނަކަށް ދޫކުރާނެ ތަނެއް ނެތެވެ. މިތަންތާނގެ ޙާލަތު މިހެން އޮންނައިރު ، މިއަށްވުރެ ކުދިތަންތަނުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. މިއީ ދުނިޔެ އޮތްގޮތެވެ. ރިޝްވަތާއި ދަމާކެނޑުމުގެ އާދައާއި ނިޒާމާއި އުޞޫލުތަކުން ތަޣައްޔަރުވެ ، ދުނިޔެ މިވަނީ އެއްގޯސްވެފައެވެ. އެއާނުލައި ދިރިއުޅެން އުނދަގޫވާ ހިސާބަށް ގޮއްސައެވެ. މިހުންނަނީ ދުނިޔެ ޤިޔާމަތްވުމުގެ ޢަލާމާތްތަކެވެ. ގޯސްވާނީ މިކަހަލަ ވާހަކަ ދައްކާ މީހާއެވެ. ކުރެވޭނެ ހަމަ އެއްކަމެއްވެސް ނުއޮންނާނެއެވެ. ދޮންބެއްޔާގެ ހިތަށް އެރިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.