ދޮންބެއްޔާއަކަށް ، ނިތްކުރިޔަށް ރޫ ނުއަރުވައި ދޮގުހަދާކަށް ނޭނގުނެވެ. އުޅެއުޅެވެސް އެކަމެއް ނުވިއެވެ. ދޮގެއް ހަދަން ޖެހިއްޖިއްޔާ ، އަމިއްލަ ނަފްސު އެކަމާ ވިސްނަން މަޖުބޫރު ކުރުވައެވެ. އެކަން ކުރާމީހުން އެކުރާ ގޮތަކާމެދު ވަރަށްގިނަ މީހުންނާ ދޮންބެއްޔާ މަޝްވަރާ ކުރިއެވެ. ގިނަމީހުން ބުނަނީ ، އެއީ ސިޔާސީ މީހުންގެ ކަމެއްކަމުގައެވެ. ދޮންބެއްޔާއަކީ ސިޔާސީ މީހެއް ނޫނެވެ. އެކަމަކު ، ސިޔާސީ މީހުން އުޅޭގޮތް ދޮންބެއްޔާއަށްވެސް އެނގެއެވެ.
ސިޔާސީ މީހުންގެ ވަކި އަމާޒުތަކަކާއި މަޤްޞަދުތަކެއް އޮންނާނެއެވެ. ދޮގެއް ހަދާނީވެސް ވަކި މަޤްޞަދެއްގައެވެ. ނިތްކުރިޔަށް ރޫ ނުއަރުވައިފިއްޔާ ދޮގު ތެދަކަށްވާން އޮންނަ ފުރުޞަތު ބޮޑުވާނެއެވެ. ނިތްކުރިޔަށް ރޫ އަރައިފިއްޔާ އެހަދާ ދޮގެއް ދޮގަކަށް ވުމުގެ ފުރުޞަތު ބޮޑުވާނެއެވެ. އިންސާނާގެ ހިތުގައި އޮންނަ އެއްޗެއް ހިތުގައި ނުއޮންނަ ގޮތަކަށް ދުލުން ބޭރުކުރާއިރު މޫނުމަތިން އެކަމުގެ އަސަރު ފާޅުވާނެއެވެ. އެ ޝުޢޫރުތައް މޫނުމަތިން ފާޅުވާނެއެވެ.
އެހެންނަމަވެސް ، ސިޔާސީ މީހުން ރޯބުހުތާން ދޮގުހަދާނީ ، އެމީހެއްގެ ހިތުގައި އެދޮގެއް ހެދުމުގެ ނިޔަތް އޮވެގެންނެވެ. ދޮގެއް ހެދުމުގެ މަޤްޞަދު ހިތުގައި އޮވެގެންނެވެ. އެހެންކަމުން ، ސިޔާސީ މީހުން ދޮގުހަދާއިރު ، އެދޮގަކީ ތެދެއްގެ ގޮތުގައި ދެއްކުމަށްޓަކައި ، ހެމުން ވާހަކަ ދެއްކުމަކީ ސިޔާސީ މީހުން ގެންގުޅޭ އުކުޅެކެވެ. ޖޯޝާއި ފޯރީގައި ހެމުން ވާހަކަ ދައްކަމުން ދޮގުހެދިޔަސް ، އެހެދެނީ ދޮގެއްކަން ހިތަކަށް ނުގެނެވޭނެއެވެ. އެހަދާ ދޮގަށްވުރެ ، އަޑުއަހާމީހުން އަވާގައި ޖައްސައިގެން ހަދާދޮގު ، ތެދެއްގެ ގޮތުގައި ހާމަކުރުން އެއީ ސިޔާސީ މީހުންގެ މަޤްޞަދެވެ. ހިތުގައި އޮންނާނީ އެދޮގުގެ މަޤްޞަދެވެ. އަޑުއަހަންތިބޭ ބަޔަކު ޤަބޫލުކުރާގޮތަށް ދޮގެއް ހަދައިލެވުނީމަ އެމީހުންގެ މަޤްޞަދު ޙާޞިލް ވީއެވެ.
ދޮންބެއްޔާގެ ޢުމުރުގައި އެނޫންދުވަހެއް ނުފެނެއެވެ. ސިޔާސީ މީހަކަށްވެއްޖިއްޔާ ކުރަންޖެހޭ ކަންކަން ދޮންބެއްޔާ ދެނެގަތެވެ. އޭގެ ތެރެއިންވެސް އެންމެ އަސާސީ ކަމަކީ ، ދޮގެއް އެއީ ތެދެއްގެ ގޮތުގައި މީހުންނަށް ދެއްކުމުގެ ހުނަރާއި އުކުޅެވެ. މީހުންގެ ވިސްނުމާއި ފިކުރާ އަދި ޚިޔާލާތާ ކުޅެލުމަކީ ، ކޮންމެ ކޮންމެ މީހަކަށް އެހައި ފަސޭހައިން ކުރެވޭކަހަލަ ކަމެއްނޫނެވެ. ކޮންމެ ކޮންމެ މީހަކަށް ސިޔާސީ މީހަކަށް ނުވެވެނީ އެހެންވެގެންކަމަށް ވެދާނެއެވެ. ކޮންމެ އެކްޓިވިސްޓަކީ އަދި ، ސިޔާސީމީހަކަށް ނުވާނެއެވެ.
ސިޔާސީމީހުންގެ އުޅުމާއި ގުޅުން ހާމަކޮށްދޭ ލިޔުމެއް.