ބްލޫ ރިބަން: ގަނޑުފެނުގައި ދިރިއޮތް ބޯވައާއި ބަންދުކޮށްފައި ހުރި ބައްދު

ގިނަދުވަސްތަކެއްވަންދެން މާލެނާރާ ހުރެފައި ، މާލެއޮތްގޮތެއް ބަލައިލާނަމޭ ހިތައި ދޮންބެއްޔާ ، ދަތުރުހަދައިގެން މާލެއައެވެ. ދޮންބެއްޔާ ދިރިއުޅެނީ ބޮޑުތިލަދުންމަތީގެ މީހުންދިރިއުޅޭ 41 ރަށުންކުރެ ރަށެއްގައެއްނޫނެވެ. ދޮންބެއްޔާ ހުންނަނީ ބޮޑުތިލަދުންމަތީގެ ފަޅުރަށެއްގައެވެ. ބޮޑުތިލަދުންމަތީގައި ،  ހަތަރު އެއާޕޯޓް އޮވެއެވެ. އެއީ ، ފުނަދޫއާއި ކުޅުދުއްފުށްޓާ އަދި ހަނިމާދޫއާއި ހޯރަފުށީގައެވެ. މަތިން އަންނަން ބަލައިލިއިރު ، ކުރިޔަށް އޮތް މަހެއްހާދުވަހަށް ، ފްލައިޓްތައް އޮތީ ފުލްކޮށެވެ. ދޮންބެއްޔާއަކަށް މަތިން ދަތުރުކުރާކަށް ޓިކެޓެއް ނުލިބުނެވެ. ދެންބެލީ ކަނޑުމަގުން އަންނާށެވެ. އެންމެ ގިނަ ، ބޮޑެތި ބޯޓުފަހަރު ހުންނަނީ ކުޅުދުއްފުށީގައެވެ. އެއިން ބޯޓަކުންވެސް މާލެދާން ޓިކެޓެއް ލިބޭގޮތެއް ނުވިއެވެ. އޮތީ ފުލްވެފައެވެ. ދޮންބެއްޔާ އެގޮތަކުން މިގޮތަކުން އުޅެ ، ތަންކޮޅެއް އަވަހަށް އާދެވޭގޮތްވީ ކެންސަލް ޝީޓެއްގެ ނަސީބު ލައްވާލައިގެންނެވެ. އެކަމަކު މިކަން މިހެންދިމާވީމަ ދޮންބެއްޔާގެ ހިތަށް ނާރަންވީ އެއްޗެއް އެރިއެވެ. ހިތަށް އެރިއެވެ. މީހުން ކިޔާއަޑު އިވެނީ ، އަނގަޔާ އަތާ ދިމާނުވެގެން އުޅޭ ވާހަކައެވެ. އެކަމަކު 4 އެއާޕޯޓް އޮންނައިރު ، ޖައްސާބޯޓެއްވިއްޔާ އަންނަނީ މީހުން އަރުވައި ފުރާލައިގެންނެވެ. ނައްޓާލަނީވެސް މީހުން އަރުވާ ފުރާލައިގެންނެވެ. ކަނޑުބޯޓެއްވިއްޔާ މާލެދާން ފުރަނީ މީހުން އަރުވާ ފުރައިގެންނެވެ. މަތިން ޓިކެޓް ނުލިބިގެންނެވެ. މާލެއިން ފުރައިގެން އަންނަނީ މުދާ އަރުވާ ބަރުކޮށްގެންނެވެ. މީހުން އެކިޔާ އެއްޗެއް އެބަ ދިމާވޭ ހެއްޔެވެ ؟ އެއީދެން ، ދޮންބެއްޔާއާ ބެހޭކަމެއް ނޫނެވެ. ދޮންބެއްޔާގެ ސިކުނޑި އޭނާއަށް ވިސްނައިދިނެވެ.

ކޮންމެއަކަސް ، ދޮންބެއްޔާ މާލެ އަރައިފިއެވެ. ދުވަސްގަނޑެއް ކޮށްލާފައި އާދެވުނަތީ ރައްޓެއްސެއްގެ ސައިކަލްފަހަތުގައި މާލެތެރެ ބަލައިލަން ދުއްވައިލިއެވެ. ދެކެން ބޭނުންނުވާ އެތައްތަނެއް ދޮންބެއްޔާއަށް ފެނުނެވެ. ދައްކަންނުވާ އެތައް ވާހަކައެއް ދެއްކުނެވެ. އަނގަގަދަ މީހެއްވީމަ ، ސައިކަލްދުއްވަންއިން ރަޙުމަތްތެރިޔާގެ ބޮލަށް އުނދަގޫވެ ސައިކަލް ނުދުއްވޭވަރަށް ޗުކިޗުކި ލެއްވުނެވެ.

ދޮންބެއްޔާއަށް ލައްކަ ތަންތަން ފެނުނެވެ. އަނގަޔާ އަތާދިމާނުވާ ވާހަކަ ދައްކާއިރު ، ކޮފީތަކަށް އަރާދެޖިންސުގެ ކުދިން ގިނަވެ ، ރެސްޓޯރަންޓްތައް ފުރިފައިއޮތްތަން ފެނުނެވެ. މަގުމަތީ ހިނގައިފާ ދާތަން ފެނުނު ކޮންމެ ތިންމީހަކުން ދެމީހުންނަކީ ، ބަންގާޅު މީހުންނެވެ. އާދަޔާޚިލާފު ބޯޑުތަކެއްވެސް ފެނުނެވެ. އެންމެ އަޅައިގަތް ބޯޑަކީ ، ގަނޑުކޮށްފައި ހުންނަ ދިރޭ ބޯވަ ، ގަންނަންލިބޭނެކަމަށް އޮތް ބޯޑެކެވެ. ބޯވަޔަކީ ހާދަ ފުރާނަދިގު އެއްޗެއްތާއެވެ ! ގަނޑުކޮށްލީމަވެސް ދިރިދިރި އޮންނަނީއެވެ.

ދެން ފެނުނު ބޯޑަކީ ބަންދުކޮށްފައިހުރި ފިހާރަޔެއްގައި އަޅުވާފައިހުރި ބަންދު ބޯޑެކެވެ. އޭގައި ލިޔެފައިއޮތީ ، " ބައްދު " ކަމުގައެވެ. ދިވެހިބަހުގައި ބައްދު ކިޔަނީ ބަދަވީންނަށެވެ. ފޭރޭ މީހުންނަށެވެ. ފިހާރައެއްގައި ފޭރޭމީހުންކަމަށް ބޯޑެއްގައި ލިޔެފައި އޮތުމަކީ އާދަޔާޚިލާފު ކަމެކެވެ. އެހެންބޯޑެއްގައި އޮތެވެ. (ޓްރާންސްޕޯޓުން) " ޢައިޝާ ބުނިގޮތަށް ވެހިކަލްގެ ނަންބަރު ޕްލޭޓް ހަދައިދެން " . ސައިކަލްބުރުޖަހައި ނިމުނުއިރުވެސް ދޮންބެއްޔާއަށް އިނީ ހެވިފައެވެ. ދުވަސްކޮޅެއް ކޮށްލާފައި މާލެއެރުމުން ފެނުނު އާދަޔާޚިލާފު ކަންތައްތަކުންނެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.