ސުޢޫދީގެ ނިޔޫމް ސިޓީ: އީޖާދީ ރަށްވެހިކަމެއް

ސުޢޫދީ ޢަރަބިއްޔާއަކީ ހަނަފަސް ، ބިޔަ ފަރުބަދަތަކުން އެކުލެވިގެންވާ ޤައުމެކެވެ. ނިޔޫމް ސަހަރު ނުވަތަ މިހާރު ، އިނގިރޭސިބަހުން ކިޔާ " ނެއޯމް ސިޓީ " އޮންނަނީ ،  ސުޢޫދީ ޢަރަބިއްޔާގެ އުތުރުހުޅަނގުގައި އޮންނަ ތަބޫކު ސަހަރުގައެވެ.

 

ނިޔޫމް ސިޓީ ބިނާކުރެވޭ ތަބޫކު ސަހަރަކީ ، ފަސްހާސް އަހަރުވީ ތާރީޚީ ސަހަރެކެވެ. އިސްލާމީ ތާރީޚުގެ ކިތަންމެ ޙާދިސާތަކެއް އެ ސަހަރުގައި ހިނގާފައި ވެއެވެ. ނިޔޫމް ސިޓީ ބިނާކުރެވުމުން ، އެސިޓީއާ ، އޭޝިއާއާއި އެފްރިކާ އަދި ވިލާތާ ގުޅިގެނ ދާނެއެވެ. ނުޔޫމް ސިޓީ ބިނާކުރެވެނީ ، ޒިޔާރަތްކުރާ މީހުންގެ ތަލިން ކުޅުހިކި ، އާޝޯޚުވާފަދަ ، އީޖާދުތަކުން މުއްސަނދި ކުރެވިގެން އުފެއްދޭ ފްލޯޓިން މެގަސިޓީއެއްގެ ގޮތުގައެވެ. ފުރަތަމަ ފިޔަވަހީގައި 15 ރަށް އުފައްދާނެއެވެ. އެއަށްފަހު ދުނިޔޭގައިވާ އެންމެ ބޮޑު މެރީނާ ބިނާކުރާނެއެވެ. ދެމެހެއްޓެނިވި ހަކަތައިގެ ނިޒާމެއް ޤާއިމް ކުރާނެއެވެ. ރޭވި ޕްލޭންކުރެވިފައިވާ ބިޔަ ތިން މަޝްރޫޢު ނިމޭއިރު ހަތަރު ލައްކައެއްހާ ވަޒީފާ އުފެދޭނެއެވެ. އަދި ސުޢޫދީ ޢަރަބިއްޔާގެ ޖީޑީޕީ އަށް 180 ބިލިއަން ސުޢޫދީ ރިޔާލަ އިތުރުވެގެން ދާނެއެވެ.

ނިޔޫމްސިޓީގެ އެންމެ ފުރަތަމަ ޕްރޮޖެކްޓަށް ކިޔަނީ " ދަ ލައިން " އެވެ. މިފިޔަވައްސަކީ ، އަނެއް ތިން ފިޔަވަހީގެ މަސައްކަތަށް މަގުފަހިކޮށްދިނުމަށް މަޞްނޫޢީ އެތައް އުފެއްދުމެއް ބޭނުންކުރެވޭނެ ފިޔަވައްސެކެވެ. ނިޔޫމް ސިޓީއަކީ  9 މިލިއަން މީހުން އެސިޓީތެރޭގައި އާބާދުވާގޮތަށް އުފެއްދޭ ސިޓީއެކެވެ. އެ 9 މިލިއަން މީހުން ކުރާނެ މަސައްކަތާއި އުޅޭނެގޮތާއި ދިރިއުޅުމުގެ ވަށްޓަފާޅި އޮންނާނެގޮތް ބަށްޓަން ކުރެވިގެންދާނީ އެންމެ ޒަމާނީ ލަގްޒަރީ ފެންވަރަށެވެ.

ނިޔޫމް ސިޓީގައި ހަކަތަ އުފައްދާނީ ސަތޭކަ އިންސައްތަ ، ޤުދުރަތީ ނިޒާމާއި ވަޞީލަތް ބޭނުންކޮށްގެންނެވެ. މަގުތަކެއް ނުހުންނާނެއެވެ. ދުއްވާ ތަކެއްޗެއް ނުގެންގުޅޭނެއެވެ. ގޮވާތަކެއްޗެއް ނުފެންނާނެއެވެ. 95 އިންސައްތަ ސަރަޙައްދު އޮންނާނީ ޤޫދުރަތީ ގޮތަށް ދޫކޮށްލެވިފައެވެ. ނިޔޫމްސިޓީގެ ބޮޑުބައި ޚާއްޞަކުރެވިފައި އޮންނާނީ ޞިއްޙީ ދުޅަހެޔޮކަމާއި އުފާވެރި މާޙައުލަކުން ހިތްއުފާވެރިކަން ލިއްބައިދޭ ގޮތަށެވެ. ދަތރުރުފަތުރާއި ބިނާތަކަށްވުރެ ، ޞިއްޙަތާއި މާޙައުލަށް އިސްކަން ދޭނެއެވެ. މުޅި ސިޓީ އޮންނާނީ ދިރިއުޅުމުގެ ހުރިހާކަމެއް އެއްތަނަކުން ފުރިހަމަކުރެވޭފަދަ ، ހުވަފެނީ ޢާލަމެއްގެ ގޮތުގައެވެ. ދިރިއުޅުމާއި ވަޒީފާއާއި ކުޅުމާއި އުފާވެރިކަން ނޫން އެހެންކަމެއް ، މިޔޫންސިޓީއަކުން ނުފެންނާނެއެވެ. އިންސާނަކު ހިތްހަމަ ނުޖެހިދާނެ އެއްވެސްކަމެއް މިޔޫންސިޓީންނެއް ނުފެންނާނެއެވެ. އެއީ ދުނިޔެމަތީގެ ސުވަރުގެޔެކެވެ.

ސުޢޫދީ ވަލީޢަހުދު ، މުޙައްމަދު ބިން ސަލްމާނަކީ ، ނިޔޫމްސިޓީ އުފެއްދުމުގެ މޭސްތިރިއެވެ. އެއީ ވަލީޢަހުދުގެ ހުވަފެންފުޅެކެވެ. 2030 އަށް އަމާޒު ކުރައްވައިގެން ކުރައްސަވާ ސުޢޫދީގެ ތަރައްޤީގެ ތަޞައްވުރެވެ. އެމަނިކުފާނުގެ ތަޞައްވުރަކީ ، ނިޔޫމްސިޓީގެ ބިނާތަކަކީ ، ފަރުބަދަތައް ހުންނަގޮތަށް ކޮޅަށް ހުންނަ ތަންތަނަށް ހަދައި ، ފަރުބަދަތައް އުފެދިފައި ހުންނަގޮތް ރައްކާތެރިކޮށް ، ސިޓީގެ ޤުދުރަތީ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރި ކުރުމެވެ. އަދި އިންސާނުން ދިރިއުޅެ ވަޒަންވެރި ވުމުގެ އުފާވެރި މާޙައުލެއް އުފެއްދުމެވެ.

ނިޔޫމްސިޓީގެ ދެވަނަ ފިޔަވައްސަކީ ، " ޓްރޮޖޭނާ " ގެ ނަމުން ނަންދެވިފައިވާ ، ޓޫރިސްޓުންނަށް ޚާއްޞަކޮށްގެން ތައްޔާރުކުރެވޭ 50 ކިލޯމީޓަރުގެ ސަރަޙައްދެކެވެ. މިސަރަޙައްދު ފެށެނީ ، ޤަލްފް އޮފް ޢަޤަބާގެ އައްސޭރި ފަށުންނެވެ. ކަނޑުގެ ޞަޠަހައިން ފެށިގެން ،   1،500 މީޓަރާ 2،600 މީޓަރާ ދެމެދުގެ އުސް ފަރުބަދަތައް މިސަރަޙައްދުގައި ހުރެއެވެ. އޭގެ އިތުރަށް މިސަރަޙައްދުން 60 އަމަކީޓަރުގެ ބިމެއްގައި ، 2029 ގައި ބޭއްވޭ އޭޝިއަން ވިންޓަރ ގޭމްސްއަށް ތަންތަން ތައްޔާރު ކުރެވޭނެއެވެ. އެއީ ސުނޯވެސް ހިމެނޭ ގޮތަށެވެ. އެ ސަރަޙައްދަކީ ، ފިނި މޫސުމުގައި ، ޒީރޯ އިންދަށުން ޓެމްޕަރޭޗަރ ހުންނަ ސަރަޙައްދެކެވެ. އެއީ ސުޢޫދީ ޢަރަބިއްޔާގެ އެހެން ސަރަޙައްދުތަކަށްވުރެ ، 10 ޑިގްރީ ދަށްކޮށް ފިނިހޫނުމިން ހުންނަ ސަރަޙައްދެކެވެ. މިއީ މެދުއިރުމަތީގެ ޤައުމެއްގައި އޭޝިއަން ވިންޓަރ ގޭމްސް ބޭއްވޭ ފުރަތަމަ ފަހަރެވެ. އެއީ ސުޢޫދީ ޢަރަބިއްޔާއަށް ލިބޭ ވަރަށްބޮޑު ފަޚުރެކެވެ. އޭޝިއާގެ 32 ޤައުމަކުން ، އޭޝިއަން ވިންޓަރ ގޭމްސްގައި ބައިވެރިވާނެއެވެ. ނިޔޫމްސިޓީގެ " ޓްރޮޖޭނާ " ފިޔަވަހި ފަށާނީ 2026 ގައެވެ.

ސްކީ-ފައި ޕްރޮޖެކްޓް ތަޢާރުފް ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ، ސުޢޫދީ ވަލީޢަހްދު މުޙައްމަދު ބިން ސަލްމާން ވިދާޅުވިގޮތުގައި ، " ޓްރޮޖޭނާ " ފިޔަވައްސަކީ ، އިކޯޓޫރިޒަމްގެ އަސާސްތަކަށް ބިނާވެ ، މައުންޓެއިން ޓޫރިޒަމް ގެ އާ އުފެއްދުންތެރި ފަތުރުވެރިކަމެއް ދުނިޔެއަށް ތަޢާރުފް ކުރެވިގެންދާނެ ފިޔަވައްސެކެވެ. ޤުދްރަތީ ވަޞީލަތްތައް ޙިމާޔަތްކުރެވުމާއެކު ، މުއްސަނދި ދިރިއުޅުމެއްގެ ފޮނިމީރުކަން އެތަނުން ލިބިގެންދާނެއެވެ. އެއީ ސުޢޫދީ ރަސްކަމުގެ 2030 ގެ ތަޞައްވުރެވެ.

ނިޔޫމްސިޓީގެ ތިންވަނަ ފިޔަވައްސަކީ ، " އޮކްސެގަން " ގެ ނަމުން ނަންދެވިފައިވާ ، ފްލޯޓިންގ ސިޓީއެކެވެ. މިއީ ދުނިޔޭގެ އިޤްތިޞާދީ ދާއިރާއަށް އިންޤިލާބެއް ގެނެސްދޭނެ ފިޔަވައްސެކެވެ. މިސިޓީ ބިނާކުރެވެނީ ރަތްކަނޑުގެ ހިސާބެއްގައި ސްއޭޒްކެނެލް އާ ކައިރި ސަރަޙައްދެއްގައެވެ. ދުނިޔޭގެ އިޤްތިޞާދީ ހަބެއްގެ ގޮތުގައެވެ. މުސްތަޤްބަލްގައި ދުނިޔޭގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލުތަކެއް ، މިސިޓީގެ ތެރެއިން އުފަންވެގެން ދާނެއެވެ.

ފްލޯޓިންސިޓީގެ މަޢުލޫމާތު ހާމަކުރެވުނީ މިދިޔައަހަރުގެ ނޮވެމްބަރމަހުގެ ތެރޭގައެވެ. ލޮޖިސްޓިކް ގެ ޒަމާނީ ވަޞީލަތްތައް މިސިޓީގައި ޤާއިމްކޮށް ނިމޭނެކަމަށް ބެލެވެނީ 2025 ގެ ނިޔަލަށެވެ. 2030 ވަނައަހަރުގެ ނިޔަލަށް މިސިޓީގައި ، 90 ހާސްމީހުން އާބާދު ކުރެވޭނެއެވެ. މި ފްލޯޓިންގ ސިޓީގައި ބޮޑަށް ޤާއިމްކުރެވޭނީ ފެކްޓަރީތަކާއި އެނޫންވެސް އެފަދަ ތަންތަނެވެ. ލޮޖިސްޓިކްސްއާ ގުޅޭ ވަޞީލަތްތަކެވެ. ކޮންމެވެސް ވަރަކަށް މީހުން ދިރިއުޅޭ ތަންތަންވެސް ހުންނާނެއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.