ޒަމާނީ ތަރައްޤީއަށް ފައްކާވަމުންދާ ސުޢޫދީ ރަސްކަން

ޤައުމެއްގެ ގޮތުގައި ، ސުޢޫދީ ޢަރަބިއްޔާ އުފެއްދެވި ، އެޤައުމުގެ ބާނީއަކީ ، ޢަބްދުލް ޢަޒީޒު (އިބްނު ސަޢުދު ) އެވެ. އެއީ 1932 ވަނައަހަރުއެވެ. 1902 ވަނައަހަރުން ފެށިގެން ، އެކި ޤަބީލާއާއި ބާރުތަކާ ހަނގުރާމަ ކުރައްވައި ، އެކިފަހަރު އެކި ސަހަރު ހިއްޕަވަމުން ވަޑައިގެން ، ސުޢޫދީ ނިސްބަތްވާ މައި ހަތަރު ސަހަރެއް ، އެމަނިކުފާނުގެ ބާރުވެރިކަމުގެ ދަށަށް ގެންނަވައިގެންނެވެ. އެންމެފަހުން ހިއްޕެވި ސަހަރަކީ ، ސަޢުދު ޢާއިލާއަށް ނިސްބަތްވާ ސަހަރުކަމުގައިވާ ރިޔާޟެވެ. މީލާދީން 16 ވަނަ ޤަރުނުގެ ތެރޭގައި ސުޢޫދީ ޢަރަބިއްޔާ ހިމެނޭ ސަރަޙައްދު އޮތީ އޮޓޮމަން އެމްޕަޔަރ ގެ ބާރުގެ ދަށުގައެވެ.

އަލްސަޢުދުގެ ނަމުން މަޝްހޫރުވެފައިވާ ، ސުޢޫދީ ޝާހީ ޢާއިލާގެ ތާރީޚު ފެށިގެން އަންނަނީ ، 1744 ގައި ނަޖްދު ކަރައިންނެވެ. ސަޢުދު ދަރިފަސްކޮޅުގެ ބާނީ މުޙައްމަދު ބިން ސަޢުދާއި ، ވައްހާބީ ޙަރަކާތް އުފެއްދެވި ދީނީ އިމާމު މުޙައްމަދު އިބްނު ޢަބްދުލްވައްހާބާ ގުޅިވަޑައިގަންނަވާ ހިސާބުންނެވެ.  ދެބޭފުޅުންގެ ، ގުޅިފައިވާ ބާރެއްގެ ލަޝްކަރެއްގެ ސިފައިގާ މަސައްކަތް ކުރައްވައި ، ސުޢޫދީ ޢަރަބިއްޔާގެ ބިމުގެ ސަރަޙައްދު ބޮޑުކުރުމުގެ މަސައްކަތް ފެށުނީ 18 ވަނަ ޤަރުނުގެ ތެރޭގައެވެ. ސުޢޫދީ ޝާހީ ވެރިކަން އެންމެ ފުރަތަމަ ޤާއިމް ކުރެވުނީ ރިޔާޟު ސަރަޙައްދުގައި 1744 ގައެވެ. މައްކާ ފަތަޙަ ކުރެވުނީ 1803 ގައެވެ. އެހެން ނަމަވެސް އޮޓޮމަން އެމްޕަޔަރގެ ފަރާތުން މިސްރުގައި ހުންނަ ވައިސެރޯއީ މުޙައްމަދު ޢަލީ ޕާޝާ ، ސުޢޫދީ – ވައްހާބީ ލަޝްކަރާ ހަނގުރާމަކޮށް ، 1818 ވަނަ އަހަރު ، އޮޓޮމަން އެމްޕަޔަރ ގެ ބާރުގެ ދަށަށް މައްކާ ގެންދިޔައެވެ. ނަޖްދުގައި ވަރަށް އާދައިގެ ގޮތަކަށް ، ސުޢޫދީ ވެރިކަން ޤާއިމްކުރެވުނީ 1824 ގައެވެ. މިހިސާބުން ، ޝާހީ އެހެން ޢާއިލާއެއްކަމުގައިވާ އައްރާޝިދު ޢާއިލާ އާ ސަޢުދު ޢާއިލާއާ ދެމެދު ހަނގުރާމަ ފެށުނެވެ. އައްރާޝިދަކީ ޖަބަލުޝައްމާރ ގެ ވެރިޔާއެވެ. މި ހަނގުރާމަ ، 19 ވަނަ ޤަރުނުގެ ތެރޭގައި މެދުނުކެނޑި ކުރިޔަށް ދިޔައެވެ. މި ހަނގުރާމައިގާ ، އެންމެ ފަހުން އައްރާޝިދު ކާމިޔާބު ހޯދައި ، އަލް ސަޢުދު ކުވޭތަށް އަރުވައި ލެވުނެވެ.

ސުޢޫދީ ޢަރަބިއްޔާގެ ބާނީ ކިންގ ޢަބްދުލް ޢަޒީޒު (އިންބު ސަޢުދު)

20 ވަނަ ޤަރުނުގެ ތެރޭގައި ، އޮޓޮމަން އެމްޕަޔަރގެ ބާރު ވަރުގަދަކޮށް ، މުޅި އެހިސާބުގެ ކޮންޓްރޯލް ހޯދިއެވެ. އެހެންނަމަވެސް ، 1902 ވަނައަހަރު ، އަލް ސަޢުދު ނަޖްދަށް އެނބުރި ވަޑައިގެން ، ރިޔާޟުގެ ކޮންޓްރޯލް ހޯއްދެވިއެވެ. އަލް ސަޢުދަށް ތާއީދު ކުރައްވައި ، މިފަހަރުވެސް ބައިވެރިވެ ވަޑައިގަތީ ، ވައްހާބީ މަޛުހަބުގެ އިމާމެކެވެ. 1916 ވަނައަހަރު ، އިނގިރޭސީންގެ އެއްބާރުލުން ލިބިގެން ، އޮޓޮމަން އެމްޕަޔަރ އާ ހަނގުރާމަ ކުރަމުންގެންދިޔަ ، މައްކާގެ ވެރިޔާ ޙުސައިން ބިން ޢަލީ އިސްވެ ވަޑައިގެން ހުންނަވައި ކުރެއްވި މަސައްކަތް ނާކާމިޔާބުވިއެވެ. އޭނާ މަސައްކަތް ކުރެއްވީ ، ޢަރަބި އިންޤިލާބީ އެތައް ލީޑަރުންނަކާ އެކީ ، ޢަރަބިކަރަ މިނިވަންކުރުމުގެ ތަޞައްވުރަކާ އެކުގައެވެ. އެހެން ނަމަވެސް ، މި ޙަރަކާތުގައި އަލް ސަޢުދު ބައިވެރިވެ ވަޑައެއް ނުގަންވައެވެ.

ޙިޖާޒުކަރަ ކޮންޓްރޯލް ގެ ދަށަށް އައުމާއެކު ، ޖެހިގެންހުރި ސަހަރުތަކަށް ، ވައްހާބީ މަޛުހަބުގެ ފިކުރު ، ފުޅައު ކުރުމަށް އިޚުވާން ޖަމާޢަތުން ބޭނުންވިއެވެ. އެއީ ، އިނގިރޭސީންގެ ޙިމާޔަތުގެ ދަށުގައި އޮތް ، އުރުދުންގެ ސަރަޙައްދާއި ، ޢިރާޤާއި ކުވޭތެވެ. އެހެން ނަމަވެސް ، އިޚުވާން ޖަމާޢަތުގެ މިވިސްނުމަށް އަލް ސަޢުދު ދެކޮޅު ހެއްދެވިއެވެ. އިނގިރޭސީންނާ ސީދާ ކުރިމަތިލައި ހަނގުރާމަކުރުމުގެ ނުރައްކައުތެރިކަން އަލް ސަޢުދަށް ވިސްނިވަޑައިގަތެވެ. ހަމައެއާއެކު ، އަލް ސަޢުދުގެ ދާޚިލީ ސިޔާސަތާ ، އިޚުވާނުންގެ ޚިޔާލު ތަފާތުވުން އުފެދުނެވެ. ޣައިރު މުސްލިމުން ވަޒަންވެރި ކުރުމާ އަދި ޒަމާނީ ތަރައްޤީއަށް ، އަލް ސަޢުދު ގެންގުޅުއްވާ ވިސްނުންފުޅާ އިޚުވާން ޖަމާޢަތުން ދެކޮޅު ހެދިއެވެ. އަދި ދެބައިމީހުންގެ މެދުގައި ހަނގުރާމަ ހިނގައި ، އެ ހަނގުރާމަ ، ދެއަހަރު ދުވަހަށް ދެމިއޮތުމަށްފަހު ، އަލް ސަޢުދު ހަނގުރާމަ ފަތަޙަ ކުރެއްވިއެވެ. އަލްއިޚުވާނުގެ އިސް އެތައްބަޔަކު އެ ހަނގުރާމައިގާ މަރުވެ ދިޔައެވެ. އަދި މިއަދު މިފެންނަ ސުޢޫދީ ޢަރަބިއްޔާ ، 23 ސެޕްޓެމްބަރ 1932 ގައި އުފެދިގެން ދިޔައެވެ.

ސުޢޫދީ ޢަރަބިއްޔާގައި ރަސްކަލަކު އަވަހާރަވުމުން ، ރަސްކަމަށް އިސްވެވަޑައިގަންނަވަނީ ، އެއިރަކު ހުންނަވާ ކްރައުން ޕްރިންސް ، ނުވަތަ ވަލީ ޢަހުދެވެ. ރަސްކަލަކު އިސްވެ ވަޑައިގަންނަވާއިރު ، ދެން ހުންނަވާނެ ވަލީޢަހުދުވެސް ކަނޑައެޅެން ޖެހެއެވެ. ވަލީ ޢަހުދު ކަނޑައެޅިގެންދަނީ ، ރަސްގެފާނުގެ ފިރިހެން ބޭފުޅުންގެ ތެރެއިން ، ދޮށީ ބޭފުޅުންނަށް އިސްކަން ދެވޭގޮތަށެވެ. އެހެންނަމަވެސް ، ދޮށީ ފިރިހެން ބޭފުޅުން ތިއްބަވަނިކޮށް ، އެބޭފުޅުން ބާކީވެ ، އެހެން ޕްރިންސުންނަށް ވަލީ ޢަހުދުކަން ލިބިވަޑައިގެންފައި އެބަހުއްޓެވެ. 1932 އިން ފެށިގެން މިހާތަނަށް ، 7 ބޭފުޅަކު ، ސުޢޫދީ ޢަރަބިއްޔާގެ ރަސްކަން ކުރައްވައިފައި ވެއެވެ. އެހުރިހައި ބޭފުޅުންނަކީވެސް ، އެޤައުމު އުފެއްދެވި ބާނީ ކިންގ ޢަބްދުލް ޢަޒީޒު ނުވަތަ އިބްނު ސަޢުދުގެ ދަރިދަރިކަލުންނެވެ. އެބޭފުޅުންނަކީ ؛

  1. ކިންގ ޢަބްދުލް ޢަޒީޒް ( އިބްނު ސަޢުދު ) 1932 - 1953
  2. ކިންގ ސަޢުދު 1953 - 1964
  3. ކިންގ ފައިޞަލް 1964 - 1975
  4. ކިންގ ޚާލިދު 1975 - 1982
  5. ކިންގ ފަހުދު 1982 – 2005
  6. ކިންގ ޢަބްދުﷲ 2005 - 2015
  7. ކިންގ ސަލްމާން   2015 އިންފެށިގެން މިހާތަނަށް
ސުޢޫދީ ޢަރަބިއްޔާގައި ރަސްކަން ކުރެއްވި 7 ރަސްކަލުން

ސުޢޫދީ ޢަރަބިއްޔާގެ 6 ވަނަ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް  އަލްސަޢުދު ، 23 ޖެނުއަރީ 2015 ގައި ، ޢުމުރުފުޅުން 90 އަހަރުފުޅުގައި ވަނީ އަވަހާރަ ވެފައެވެ.  ކިންގ ޢަބްދުﷲ އަވަހާރަވުމުން ، ރަސްކަމަށް އިސްކުރެވުނީ ، އެރަސްގެފާނުގެ އެއްބަފާ ކޮއްކޯފުޅު ،  ސަލްމާން ބިން ޢަބްދުލްޢަޒީޒެވެ.

ސަލްމާނަށް ރަސްކަން ލިބިވަޑައިގަތުމާއެކު ، ސަރުކާރު ހިންގުމާއި އިޤްތިޞާދީ ދާއިރާއިން ބޮޑެތި ބަދަލުތަކެއް ގެންނަވަން ފެއްޓެވިއެވެ. ސަލްމާނު ރަސްގެފާނުގެ އެންމެ ދޮށީ ދަރިކަލުން ، މުޙައްމަދު ބިން ނާއިފްގެ ބަދަލުގައި ، ދެވަނަ ފިރިހެންބޭފުޅާ ، މުޙައްމަދު ބިން ސަލްމާނަށް ، އަވަސް ފިޔަވަޅުތަކަކާއެކު ،  ވެރިކމުގެ ބާރުތައް ދެއްވަމުން ގެންދެވިއެވެ. ބުނެވޭގޮތުގައި ، ކްރައުން ޕްރިންސްކަން ނާއިފް ދޫކޮށްލެއްވީ މަޖުބޫރުވެގެންނެވެ. މުޙައްމަދު ބިން ސަލްމާނުގެ ޖެހިލުންކުޑަ އަވަސް ފިޔަވަޅުތަކަކީ މުޅިދުނިޔެއަށް ސިހުންލިބިގެންދިޔަ ފިޔަވަޅު ތަކެކެވެ. ބޭނުންފުޅަކީ ، ޤައުމުގެ ތަރައްޤީއަށް އެޅިފައިހުރި ހުރަސްތައް ނައްތާލެއްވުމާއި ، އިޤްތިޞާދީ އިޞްލާޙީ ބަދަލުތަކެއް ގެންނެވުމާއެކު ، ޙައްޤުތައް ކަށަވަރު ކުރެއްވުންކަމުގައި މުޙައްމަދު ބިން ސަލްމާނު ވިދާޅުވެއެވެ. އޭނާގެ އަވަސް އަދި ޖެހިލުންކުޑަ ފިޔަވަޅުތަކާގުޅިގެން ، ހުޅަނގުގައި މަޝްހޫރުވެފައިވަނީ އެމްބީއެސް ގެ ނަމުންނެވެ. އެއިރު އޭނާގެ ޢުމުރުފުޅަކީ އެންމެ 31 އަހަރު ފުޅެވެ.

ސުޢޫދީ ޢަރަބިއްޔާގެ ވަލީ ޢަހުދު މުހައްމަދު ބިން ސަލްމާން

މުޙައްމަދު ބިން ސަލްމާނަށް ބާރުތައް ލިބިވަޑައިގެންނެވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޭނާއަކީ ، ވެރިކަމަށް ޤާބިލް އަދި ޖެހިލުންކުޑަ ، ނަތީޖާ ޙާޞިލުކުރުމަށްޓަކައި ކޮންމެކަމެއްވެސް ކުރައްވާނެކަން ވަނީ ދުނިޔެއަށް ދައްކަވާފައެވެ. ސުޢޫދީ ޢަރަބިއްޔާގެ ބާރުގަދަ ބޭފުޅުންނާއި ޝާހީ ޢާއިލާގެ ނުފޫޒުގަދަ އެތައް ބޭފުޅުންނަކާ އޭނާ ވަނީ ، ކެރިގެން ކުރިމަތި ލައްވާފައެވެ. ކްރައުންސް ޕްރިންސަށްވެވަޑައިގަތުމުގެ ކުރިން ، 2009 އިންފެށިގެން ، އޭނާގެ ބައްޕާފުޅުގެ ޚާއްޞަ މުޝީރެވެ. 2012 ވަނައަހަރު ، ބައްޕާފުޅު ސަލްމާން ، ކްރައުން ޕްރިންސަށްވެވަޑައިގަތުމާއެކު ، މުޙައްމަދު އޭނާގެ ބާރު ގަދަކުރެއްވުމުގެ މަސައްކަތްޕުޅަށް ފުރުޞަތު ތަނަވަސް ވެގެންދިޔައެވެ. އޭގެ އެއްއަހަރުފަހުން ، ކްރައުން ޕްރިންސް ކޯޓުގެ އެންމެ އިސްމަޤާމް މުޙައްމަދަށް ލިބިވަޑައިގަތެވެ. ހަމައެއާއެކު ، ޑިފެންސް މިނިސްޓަރުކަން ލިބިވަޑައިގަތެވެ. މުޙައްމަދަކީ ، ދުނިޔޭގެ ތާރީޚުގައި ، މިހާތަނަށް އެންމެ ޅަ ޑިފެންސް މިނިސްޓަރެވެ. އޭގެފަހުން ، ސުޢޫދީ ޢަރަބިއްޔާގެ ސިޔާސީ މަޝްރަޙުގައި ނުފޫޒުގަދަ އެއް ތަނބަށް ވެވަޑައިގަތެވެ. ޑިޕިއުޓީ ކްރައުންސް ޕްރިންސަށް ވެސް ވެވަޑައިގަތެވެ. އަދި އިކޮނިމިކް އެންޑް ޑިވެލޮޕްމަންޓް ކައުންސިލް ޗެއަރކުރައްވަން ފެއްޓެވިއެވެ.

މިބަދަލުތަކާގުޅިގެން ، މުޙައްމަދުގެ އިޤްތިޞާދީ އިޞްލާޙުތައް ފެންނަން ފަށައިފިއެވެ. ތެލަށް ބަރޯސާ ނުވާ އިޤްތިޞާދެއް ބިނާކުރެއްވުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅުއްވަން ފެއްޓެވިއެވެ. ވިޒަން އެކްޓް 2030 ގެ ނަމުގައި ތެލަށް ބަރޯސާ ނުވާ ، އަދި އެހެނިހެން ވަޞީލަތްތަކުން އިޤްތިޞާދު ނަގަހައްޓައި ދަމަހައްޓާނެ ތަޞާއްވުރެއް ތަޢާރުފް ކުރެއްވިއެވެ. މިފިޔަވަޅުތަކާއެކު ، މުޙައްމަދަކީ ، ޝާހީ ނާރެހުގައި މަޤްބޫލު އަދި ސުޢޫދީ ޢަރަބިއްޔާ އުފެއްދެވި ބާނީ ، ކިންގ ޢަބްދުލް ޢަޒީޒު ނުވަތަ އިބްނު ސަޢުދުގެ ތަޞައްވުރަށް ނަތީޖާ ނެރުއްވޭނެ ބޭފުޅެއްކަން ހާމަކުރެއްވިއެވެ. ކިންގ ޢަބްދުލް ޢަޒީޒަކީވެސް ، ޒަމާނީ ތަރައްޤީއާއެކު ސުޢޫދީ އަރަބިއްޔާ އައު އުސްމިންތަކަކަށް ވާޞިލު ކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވި ބޭފުޅެކެވެ. ސުޢޫދީ ޢަރަބިއްޔާ އުފެއްދެވުމަށް ، ގުޅިގެން ކުރެވުނު ހަނގުރާމަތަކުގައި ، ވައްހާބީ ޙަރަކާތް އުފެއްދެވި ދީނީ އިމާމު މުޙައްމަދު އިބްނު ޢަބްދުލްވައްހާބާ ޚިޔާލުތަފާތުވެ ، ދެބަ ސްވެ ދެކޮޅުވެރިކަން އުފެދުނީވެސް ހަމަ މިސަބަބަށްޓަކައެވެ. އެހެންނަމަވެސް ، އެކިބޭފުޅުން ރަސްކަމަށް އިސްވެ ، ފާއިތުވެދިޔަ ދުވަސް ތަކުގައި ތެލަށް ބަރޯސާވެ ، ތަހުޒީބާއި ތަމައްދުނުގެ ލަނޑުދަނޑިތައް ހުރީ އެއްފަރާތް ކުރެވިފައެވެ.

ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ ވަލީޢަހުދު މުޙައްމަދު ބިން ނާއިފް (ކ) އަދި މިހާރުގެ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން (ވ)

ބައްޕާފުޅު ކިންގ ސަލްމާނުގެ ފުރިހަމަ އެއްބާރުލެއްވުމާއެކު ، ގިނަގުނަ ބާރުތަކަކާއެކު ،  ވަލީޢަހުދުގެ ގޮތުގައި ، މުޙައްމަދު ވެރިކަމަށް ވަޑައިގެން ، މިހާރު ކުރައްވަމުން އެގެންދަވަނީ ، މުނިކާފާފުޅުން ދެކެވަޑައިގެންނެވި ތަޞައްވުރަށް ، ސުޢޫދީ ޢަރަބިއްޔާ ގެންދެވުމުގެ މަސައްކަތްޕުޅެވެ. އެމަޤްޞަދު ޙާޞިލުކުރެއްވުމަށްޓަކައި ކުރިމަތިވާ ހުރިހައި ހުރަސްތަކެއް ނައްތައިލައްވަމުން ގެންދެވިއެވެ. އެއީ ، ޝާހީޢާއިލާތެރެއިން ކަމަށްވިޔަސް އަދި ސުޢޫދީގެ ނުފޫޒުގަދަ ވިޔަފާރިވެރިންނާއި ދީނީ އިމާމުންކަމަށްވިޔަސް ، ނުކުރައްވާނެ ކަމެއް ނޯންނަ މިންވަރަށް ބާރުތައް ހޯއްދެވިއެވެ. މުޙައްމަދު ހުއްޓުވޭނެ އެއްވެސް މީހެއް ނުހުންނަ މިންވަރަށެވެ.

ސިޔާސީ ގޮތުން ، މުޙައްމަދަށް ނުރައްކަލެއް އޮތް ކޮންމެ މީހަކާއި ކަމެއް ނައްތާލައްވަމުން ގެންދެވިއެވެ. އެންޓި ކޮރަޕްޝަން ކޮމިޓީއެއް އުފައްދަވައި ، ނަޟާޙަތްތެރިކަން ގެއްލިފައިވާ ކަމަށް ބުނެ ، ސުޢޫދީ އަމީރުންވެސް ހިމެނޭގޮތަށް ، އެތައް ބަޔަކު ޖަލަށްލައި ، ގޭގައި ބަންދު ކުރެވުނެވެ. ޖަލެއްގެ ގޮތުގައި ރިޒްކާލްޓަން ހޮޓެލް ބޭނުންކުރައްވައި ، އެހޮޓަލުގައި ، ސުޢޫދީ އަމީރުން ބަންދުކުރެއްވިއެވެ. އާރާއި ބާރުހުރިކަން ދައްކަވައި މިސާލު ޖައްސަވަމުން ގެންދެވިއެވެ. އޭގެ އެއް މިސާލެއްގެ ގޮތުގައި މީހުން ބަލަނީ ، 5 ލައްކަ ޑޮލަރު ހޭދަކުރައްވައި މުޙާއްމަދު ބައްލަވައިގެންނެވި ކުރެހުމެކެވެ. އެހެންނަމަވެސް ، ނަޟާޙަތްތެރިކަމާ ގުޅުންހުރި އެފަދަ އެއްވެސް ކަމެއްގައި މުޙާއްމަދާ ހަމަޔަށް އެއްވެސް މީހަކަށް އިނގިލިވެސް ދިއްކޮށެއް ނުލެވޭނެއެވެ. ހަރުކަށި ދީނީ އިމާމުން ކަމަށްވިޔަސް ، ޢާއިލާގެ ޝާހީ ބޭފުޅުންކަމަށްވިޔަސް ، މުޙާއްމަދާ ގޮންޖައްސަވައި ، ސުޢޫދީ ޒަމާނީ ކުރެއްވުމަށް ، މުޙައްމަދު ކުރައްވާ މަސައްކަތްޕުޅަށް ހުރަސް އަޅާ އެންމެންވެސް ބަލިކުރައްވައި އެހުރަހެއް ނައްތާލައްވަމުން ގެންދެވިއެވެ.

ޒަމާނީ އިޖްތިމާޢީ ދުޅަހެޔޮކަމަށް ، މުޙައްމަދު ގެންނަވަމުން ގެންދަވާ އިޞްލާޙުތަކަކީ ، ސުޢޫދީ ޢަރަބިއްޔާގައި އެހައި ތަރުޙީބު ލިބިވަޑައިގަންނަވާ ކަމެއްނޫނެވެ. އެހެންނަމަވެސް ، ހުޅަނގުގެ ޤައުމުތަކުގައި ، މުޙައްމަދަކީ ވަރަށް މަޤްބޫލު ޝަޚުޞިއްޔަތެކެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. މުޙައްމަދުގެ އިޞްލާޙީ ފިޔަވަޅުތަކުގެ ތެރޭގައި ، ދީނީގޮތުން ކުރިން ހަމަޖެހި ހުއްދަނުކުރެވިހުރި ކަންކަން އަންނަނީ ހުއްދަ ކުރައްވަމުންނެވެ. ކޮންސަޓްތައް ބޭއްވުމާއި ސިނަމާތައް ހުޅުވުމާއި އަންހެނުން އެއްގަމު އުޅަނދު ދުއްވުންފަދަ ކަންކަން ހިމެނެއެވެ. އަދި އިންސާނީ ޙައްޤުތައް ކަށަވަރު ކުރުމާއި ، މަރުގެ އަދަބު ދިނުންފަދަ ، ހުނޅަގުން ކަންބޮޑުވާ ކަންކަމަށް މުޙައްމަދު ގެންދަވަނީ ، ވިސްނަވަމުންނެވެ. ސުޢޫދީ ޢަރަބިއްޔާގެ އިޖްތިމާޢީ ނާރެސްގެ ވަށައިގެންވާ އެންމެހައި ކަންކަމަށް ، މުޙާއްމަދުގެ މޭސްތިރިކަމުގެ ދަށުން ، އަވަސް ބަދަލުތަކެއް އަންނަމުންދާ ކަމުގައި އެންމެންވެސް ޤަބޫލުކުރަން ފަށައިފިއެވެ.

ވެރިކަމުގެ ބާރުތައް ލިބިވަޑައިގެންނެވިތާ ، އެންމެ ވިއްސަކަށް މަސްދުވަހުގެ ތެރޭގައި ، ސުޢޫދީ ޢަރަބިއްޔާގެ ސިޔާސީ ، އިޤްތިޞާދީ އަދި އިޖްތިމާޢީ ، ދާޚިލީ އަދި ޚަރިޖީ އެންމެހައި ކަންކަމުގައި ، އެންމެފަހުބަސް ވިދާޅުވާ ބޭފުޅަކަށް ، ވަލީޢަހުދު ، މުޙައްމަދު ވަނީ ވެވަޑައިގެންފައެވެ. އަދި ، ވަލީ އަހުދު ، މުޙައްމަދު ވިދާޅުވާ ބަސްފުޅަކަށް ނުވަތަ ނިންމަވާ ނިންމެވުމަކަށް ، ދެބަސްވާނެ މީހަކު ނުހުންނާނެއެވެ. ދުނިޔޭގެ ސިޔާސީ މަޝްރަޙުގައިވެސް ، ވަލީޢަހުދު މުޙައްމަދުގެ ނިންމެވުންތަކާއި ، ކުރައްވާ ކަންކަމާމެދު ދެކޮޅުހައްދަވާ ލީޑަރުންނެއް ނުފެނެއެވެ.

ސުޢޫދީ ޢަރަބިއްޔާގެ ބާނީ ، ކިންގ ޢަބްދުލްޢަޒީޒް ، 22 ކައިވެނިފުޅު ކުރެއްވިއެވެ. އަދި 100 ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އޭގެތެރޭގައި 45 ފިރިހެންބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. މިހާރުގެ ރަސްގެފާނު ކިންގ ޢަބްދުﷲ ،  30 ކައިވެނި ކުރައްވައި 35 ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ. ސުޢޫދީގައި ރަސްކަން ކުރެއްވި 7 ރަސްކަލުންނަށް 316 ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ. ޢާންމު ގޮތެއްގައި ، ސުޢޫދީ ޢަރަބިއްޔާގައި ރަސްކަމަށް އިސްކުރެވެނީ ، ވަލީޢަހުދުންގެ ޢުމުރުފުޅުގެ ފަހުކޮޅުއެވެ. އެހެންކަމުން ، ޒަމާނީ ތަރައްޤީއަށް ވިސްނުންގެންގުޅެވޭފަދަ ކުޅަދާނަ ޒުވާން ބޭފުޅުން ރަސްކަމަށް އިސްކުރެވިފައެއް ނުވެއެވެ. މިހާރު ހުންނެވި ރަސްގެފާނު ، ކިންގ ސަލްމާނުގެ ޢުމުރުފުޅަކީ 86 އަހަރުފުޅެވެ. ވެރިކަމުގެ ވަރަށްގިނަ ބާރުތަކެއް ، ދަރިކަލުން ، ވަލީޢަހުދު މުޙައްމަދާ ޙަވާލުކުރެއްވުމުގެ އަޞްލަކީ އެއީކަމަށްވެދާނެއެވެ. އަދި ކިންގ ޢަބދުﷲ ގެ މިވިސްނުންފުޅާއެކު ، ސުޢޫދީ ޢަރަބިއްޔާއަށް ބޭނުންވާ ޒަމާނީ ތަރައްޤީ ، އައު އުސްމިންތަކަކަށް ވާޞިލުވާނެކަމަށް ގިނަބަޔަކު ޤަބޫލު ކުރެއެވެ. ވިސްނުންފުޅު ތޫނު ، ކެރޭ އަދި ޖެހިލުންކުޑަ ޒުވާން ވަލީޢަހުދު ، މުޙައްމަދުގެ މޭސްތިރިކަމުގެ ދަށުން ، ސުޢޫދީ ޒުވާން ޖީލު ކުރަމުންދާ އުއްމީދަކީވެސް އެއީއެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

  1. މިހާރު ލިޔެފާހުންނަ ގިނަލިޔުންނާ ޓީވީ ޚަބަރުންއަޑުއިވި މީސް
    މީޑިޔާގެ ލިޔުންތަކުން ފެންނަ ބަހެއް (ސިޔާސީ މަސްރަޙު
    ދުނިޔޭގެ މަސްރަޙު މީގެބަދަލު ލިޔުމާއި، ކިޔުމުން، ފެންނަނީ
    އަޑުއިވެނީ ސިޔާސީ މަޝްރަހު، ދުނިޔޭގެ މަޝްރަހު ) މިގޮތަށް ލިޔެފާހުންނަތަން އެހެން ޢަރަބި ބަސް ދަންނަމީހަކު
    ކުރެން އަހާލީމާ ބުނުއްވި "މަސްރަޙް އަށް މަޝްރަޙު" ކީމާ
    މާނަތަފާތުވާކަމަށް މަޝްރަޙުގެ މާނައަކީ ޝަރަޙަކުރާމީހާ
    ލިޔުމުންނާއި، ވާހަކަދެއްކުމުން މިފަދަ ބަސްބަސް ރަނގަޅު
    ގޮތުގާ ބޭނުންކުރުމަކީ ރަނގަޅުގޮތްކަމަށް ފެންނާތީ ހަނދާން
    ކޮށްދިނީ! ވ.ބޮޑަށް ޝުކުރިއްޔާ!!

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.