ދެކަފި - 89

(12 ޖަނަވަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޒަރޫން އެކަހަލަ ވާހަކަ އެދައްކަނީ ކީއްވެގެން ބާވައެވެ ؟ އަނެއްކާ ގޭގެ ކަންތައް ޒަރޫންއަށް އެނގުނީ ބާވައެވެ ؟ ކަޝަފްގެ ހިތަށް އެރިއެވެ.

ޒަރޫން ނިދަން އައިއިރު ، ކަޝަފް އިނީ ފޮތެއް ކިޔަން އެނދުމަތީގައެވެ. އެއީ ، ރަނގަޅު މައިންބަފައިންނަށް ވުމަށް މަގުދައްކައިދޭ ފޮތެކެވެ.

" އެކަކު އަނެކަކަށް ، ކަންކަން ޙިއްޞާ ކުރުމާބެހޭގޮތުން ތިފޮތުގައި އެއްވެސް ވާހަކައެއް ލިޔެފައި އެބަ އޮތް ހެއްޔެވެ ؟ " ޒަރޫން ސުއާލު ކުރިއެވެ.

ޒަރޫން އެހެންބުނުމުގެ މަޤްޞަދެއް ކަޝަފަކަށް ނުވިސްނުނެވެ. އެހެންކަމުން ޒަރޫން އެކަން ސާފުކޮށްދިނެވެ. އެއީ އެމީހުންގެ ކުދިންނަށް ޙިއްޞާ ކުރަން ދަސްކޮށްދޭނެ ޖެހޭނެތީ ކުރި ސުއާލެކެވެ. ކަޝަފްވެސް އެކަމަށް އެއްބަސް ވެއެވެ. އެހެންނަމަވެސް ކަޝަފަށް ، އެމީހުންގެ ކުދިންނަށް އެކަން ދަސްކޮށްދެވޭނެކަމާމެދު ޝައްކެވެ. އެއީ ، ޒަރޫން އާ އެއްވެސްކަމެއް މިހާރުވެސް ކަޝަފް ޙިއްޞާ ކުރަމުން ނުގެންދާތީއެވެ. ކޮންމެ ދުވަހެއްގައި ހިނގާ ހުރިހާކަމެއް ކަޝަފް ، ޒަރޫންއާ ޙިއްޞާ ކުރެއެވެ. ޒަރޫން އެބުނަނީ ދުވާލެއްގެ ތެރޭގައި ހިނގާ ކަންކަމުގެ ވާހަކައެއް ނޫނެވެ. ޒަރޫން އެބުނަނީ ، ދިރިއުޅުމުގައި ދިމާވާ މައްސަލަތަކުގެ ވާހަކަ އެވެ. ކަޝަފަށް ދިމާވާ އެއްވެސް މައްސަލައެއް ޒަރޫންއާ ޙިއްޞާއެއް ނުކުރެއެވެ. އެއީ ކަޝަފަށް އާދަވެފައި ހުރި ކަމެއްނޫނެވެ. ފަހަރެއްގައި ޒަރޫން އަށް ، ޚާއްޞަކޮށް ފިރިހެނުންނަށް ، ރަނގަޅަށް އިތުބާރު ނުކުރެވެނީ ކަމަށްވެސް ވެދާނެއެވެ.

ފޮތަކީ އިންސާނުންގެ ރަޙުމަތްތެރިއެއް ނޫންކަމަށް ބުނެ ކަޝަފް ކިޔަން އިން ފޮތް ޒަރޫން އަތުލައެވެ. އެއީ ކީއްވެތޯ ކަޝަފް ސުއާލު ކުރިއެވެ. އެއީ ފޮތަކީ ވަރަށްގިނަ ކަންކަން އިންސާނުންނާ ޙިއްޞާ ކުރާ އެއްޗަކަށް ވާތީއެވެ. ފިރިމީހާއަށްވުރެ ގިނައިން ފޮތުން އިންސާނާއާ ކަންކަން ޙިއްޞާ ކުރާނެއެވެ. ފޮތަށް މީހުން ދެވިހިފަނީ އެ ސަބަބަށްޓަކައެވެ. ޒަރޫން އެދައްކާ ވާހައިން ކޮންމެވެސް ޓީވީ ޗެނަލެއްގެ ބަތަލެއްގެ ގޮތުގައި ޒަރޫން ސިފަ ކުރެވޭކަމަށް ޒަރޫން ބުންޏެވެ.

މިއަދުގެ މައްސަލަ އަދިވެސް އެބަ އޮތް ނޫންހޭ ބުނެ ކަޝަފްގެ އަތުގައި ޒަރޫން ހިފައިލައެވެ. ކަޝަފް ބުނިގޮތުގައި އެމައްސަލައެއް މިހާރަކު ނެތެވެ. މައްސަލަ އައިސް ޙައްލުވެގެން ގޮސް ނިމިއްޖެއެވެ. އެހެން ވީމާ އެމައްސަލަ ނިމުނީމަ ޒަރޫންގާތު ކަޝަފް ބުނާނީ ކީކޭ ހެއްޔެވެ.

" ކަޝަފް އެވެ ! އެއްވެސް އިންސާނަކީ އޭނާއަށް ކުރިމަތިވާ ހުރިހާ މައްސަލަތަކެއް އެހެން މީހެއްގެ އެހީއާ ނުލައި ޙައްލު ކުރެވޭނެ މީހެއް ނޫނެވެ. އެކަމެއް ބުރަބޮޑު ތަކުލީފަކަށް ނުވަނިސް އެހެން މީހުންގެ އެހީ ހޯދައިގެން އެކަމެއް ޙައްލު ކުރަން ޖެހޭނެއެވެ. އަހަރެން މިހުރީ ކަޝަފްއަށް ދިމާވާ ކޮންމެ ކަމެއްގައި އެހީތެރިވުމަށް ތައްޔާރުގައެވެ. " ޒަރޫން ބުންޏެވެ.

" މިދުވަސްކޮޅު ، ސެކްސްޕިއަރގެ ވާހަކަ ކިޔަނީ ހެއްޔެވެ ؟ އަބަދުވެސް ދައްކަނީ ފިލޯސަފީއާ ބެހޭ މާނަ ފުން ވާހަކަ ތަކެވެ. " ކަޝަފް ބުންޏެވެ.

އެއީ ކަޝަފަށްޓަކައި ޒަރޫން ކުރަމުންގެންދާ މަސައްކަތް ކަމުގައި ޒަރޫން ބުންޏެވެ. އެހެނަސް އެއީ ކަޝަފް ބޭނުންވާ ކަމެއް ނޫނެވެ. ޒަރޫންގެ އޮފީސް މަސައްކަތަށް ސަމާލުކަންދީ އެހެން ކޮންމެވެސް ކަމެއްގައި ޒަރޫންގެ ވިސްނުން ހިންގުމަކީ ކަޝަފް އެންމެ ބޭނުންވާ ގޮތެވެ. ކަމެއް ނެތިއްޔާ ޓީވީ ބަލައިލިޔަސް ، ކަޝަފާމެދު ޒަރޫން ވިސްނާކަށް ކަޝަފް ބޭނުމެއް ނުވެއެވެ. އަދި ފޮތްކިޔަން ފުރުޞަތު ދޭށޭ ބުނެ ޒަރޫންގެ އަތުން ފޮތް އަތުލައެވެ. އެންމެފަހުން ، ކަޝަފްގެ ހިތުގައި ހުންނަ ހުރިހާ އެއްޗެއް އޭނާއާ ޙިއްޞާކުރަންޖެހޭނެކަމަށްބުނެ ، ޒަރޫން ނިދަން ބާލީހުގައި ހަމަޖެހިލައެވެ.

ހެނދުނުގެ ނާސްތާގެ ގަޑީގައި ކަޝަފް މެސެޖެއްކުރަން އުޅެ އޭނާގެ ފޯނުން އެކަން ނުކުރެވިގެން ، ޒަރޯންގެ ފޯނު ދީފާނަންތޯ އަހައިލައެވެ. ކަޝަފް މެސެޖްކުރަން ހުއްޓާ ، އެފޯނަށް މެސެޖެއް އާދެއެވެ. ރަނގަޅަށް ބަލައިލިއިރު އެއީ އަސްމަރާގެ މެސެޖެކެވެ. އަސްމަރާގެ މެސެޖް އައުމުން އެމެސެޖް ހުޅުވައިލައެވެ. ކަމަކު ދާކަށް ނެތެވެ. އަސްމަރާގެ އެތައް މެސެޖެއް އެކިދުވަސްމަތިން ބަރިބަރިޔަށް އައިސް ހުއްޓެވެ. އަދި ޒަރޫންވެސް މެސެޖަށް ޖަވާބުދީފައި ހުއްޓެވެ. ކަޝަފަގެ ފައިދަށުން ބިންގަނޑު ފިރުކިގެންހެން ހީވިއެވެ. ހަދާނެ ގޮތް ބޮޑުވެ ދުނިޔެ އަނދިރި ވިއެވެ. ބަސްހުއްޓިފައި ހުއްޓާ އެތަނަށް ޒަރޫންއަށް އާދެވެއެވެ. ޒަރޫން އައިސް ހިނގާށޭ ބުނުމުން ، ޒަރޫންއާއެކު ކަޝަފް ނުދާނެކަމަށް ބުންޏެވެ. އެހެންވިއްޔާ ފަހުން ޓެކްސީއެއްގައި އަންނާނީ ދޯއޭ ބުނެ އޮފީހަށްދާން ޒަރޫން ނައްޓައިލިއެވެ. ކަމެއްވެގެން އުޅޭކަމުގެ އެއްވެސް އިޙްސާސެއް ޒަރޫންއަކަށް ނުލިބެއެވެ.

ކަޝަފް އޭނާގެ އަމިއްލަ ހިތާ ސުއާލު ކުރަން ފެށިއެވެ. ޒަރޫން އަހަރެންނަށް މަކަރު ހަދަނީއެވެ. އަހަރެންގެ ލޮލުގައި އަނދުން އަޅުވާފައެވެ. އެކަމަކު ، ޒަރޫން އެހެން އުޅުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ ؟ ޚާއްޞަކޮށް ، އަހަރެން ބަލިވެ އިނދެ މިޙާލަތުގައި އިންދައި އެހެން އުޅެންވީ ކީއްވެގެން ހެއްޔެވެ ؟ އަހަރެމެން ދާދި އަވަހަށް ، ދެކުދިންނާއެކު ދިރިއުޅުމެއް ފަށަން މިއޮތީ ތައްޔާރު ވެފައެވެ. ހިނިތުންވެ ތިބެ ވާހަކަ ދައްކައި ސަމާސާ ކުރަމުން ގެންދާއިރު ، ޒަރޫން އެހެން ހަދައިގެން ނުވާނެއެވެ. އެތައް އުނދަގުލެއް އުފުއްލައިގެން ފިރިހެނުންނަށް އިތުބާރުކުރެވެން އަހަރެންނަށް ފެށުނު ވަގުތުއެވެ. އެންމެ ފުރަތަމަ ފަހަރަށް ބޯމަތީ އޮތް ޓިނުގަނޑެއްގެ ދަށުގައި ހަމަ ނޭވާލައިގެން ނިދައިލުމުގެ ފުރުޞަތު ލިބުނު ހިނދުއެވެ. ކީއްވެގެން ހެއްޔެވެ ؟ ބޭއިޚްތިޔާރުގައި ކަޝަފަށް ، " ކީއްވެގެން " ދެތިން ފަހަރަށް ތަކުރާރު ކުރެވުނެވެ.

ކަޝަފް ، ޒަރޫންގެ އޮފީހަށް ފޯނުކޮށް ޒަރޫން ކޮބައިތޯ ސުއާލު ކުރިއެވެ. ވާހަކަ ދައްކަނީ ޒަރޫންގެ އަންހެނުންކަމުގައި ބުންޏެވެ. ޒަރޫން އޮފީހުގައި ނޭޅޭ ކަމަށް ފޯނުނެގިމީހާ ބުންޏެވެ. މިއަދު ބައްދަލުވުމެއް ނެތް ހެއްޔެވެ ؟ ދިޔަތަނެއް ނުބުނޭހޭ ކަޝަފް ސުއާލު ކުރިއެވެ. ބައްދަލުވުމެއް ނެތް ވާހަކަޔާއި ބޭރަށްދަމުން އާދެވޭނީ ވަރަށް ލަހުންކަމަށް ޒަރޫން ބުނިކަމަށް ، ފޯނުނެގިމީހާ ބުންޏެވެ.

ޒަރޫން އެއްޗެތި ބަހައްޓާ ވަތްގަނޑުތައް ކަޝަފް ހާވަން ފެށިއެވެ. އަދި ކޮޓަރީގެ އެތަން މިތަން ބަލައި އެއްވެސް އެއްޗެއް ފެނޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. އެހެންނަމަވެސް އަސްމަރާއާއި ޒަރޫން ގުޅުމެއް ހިންގާކަމުގެ އެއްވެސް ހެއްކެއް ފެންނަގޮތެއް ނުވިއެވެ. އެދެމީހުންގެ ގުޅުން އަދި އެހާ ހިސާބަށް ނުދަނީކަމަށް ވެދާނެއެވެ.

ޒަރޫން އޮފީހުން އައީ ރޭގަނޑު ކުޑަކޮށް ލަސްވި ފަހުންނެވެ. ގެޔަށް އައިސް ،  " ހެލޯ ބޭބީއޭ " ގޮވައިލަމުން ކޮޓަރިތެރެޔަށް ވަތް ޒަރޫންއަށް ފެނުނީ އޭނާ ދެކެން ބޭނުންނުވާ މަންޒަރެކެވެ. އޭރު ކަޝަފްގެންދަނީ ފޮށްޓަށް އެއްޗެތި އަޅަމުންނެވެ. އެހެންނަމަވެސް ، ވެގެންއުޅޭގޮތެއް ކުޑަކޮށްވެސް ޒަރޫންއަކަށް ނުކުރެ ވެއެވެ. މި ހިނގަނީ ކޮން ކަމއްތޯ އާއި އަދި ޕެކް ކުރަނީ ކޮންތާކަށް ދާންވެގެންތޯ އަހައިލިއެވެ.

" އަހަރެން މިދަނީ ގެޔަށެވެ. " ކަޝަފް ވަގުތުން ޖަވާބު ދިނެވެ.

ކަޝަފް އެބުނި ވާހަކަޔަކުން ޒަރޫންއަށް ސިހުން ލިބުނެވެ. އަދި ކަޝަފް ދަނީ ކޮން ގެޔަކަށްތޯ ޒަރޫންއަށް އަހައިލެވުނެވެ.  ކަޝަފް އެދަނީ އޭނާގެ ގެޔަށް ކަމުގައި ކަޝަފް ޖަވާބު ދިނެވެ. ޒަރޫން ތެދުވެގެން އައިސް އެނދުމައްޗަށް ވެއްޓިގެންފައި ، ދާވާހަކަ އޭނާގާތު ނުބުނީ ކީއްވެތޯ ސުއާލު ކުރިއެވެ. ކަޝަފް ދާވާހަކަ ބުނުމުގެ ބޭނުމެއް އޮތްކަމަށް ނުފެނުނީކަމަށް ބުނެ ކަޝަފް ޖަވާބު ދިނެވެ. އެއިރުވެސް ޒަރޫނަކަށް ވެގެން އުޅެނީ ކީއްކަމެއް ނޭނގެއެވެ. އެސުއާލުގެ ޖަވާބުގައި ކަޝަފް ކުރީ ސުއާލެކެވެ. ޒަރޫން މިއަދު ހަތަރުދަމު އުޅުނީ ކޮންކާތޯ އަހައިލިއެވެ. ޒަރޫން އުޅުނީ އޮފީހުގައި ކަމަށާއި ދާނީ ދެން ކޮންތާކަށްތޯ ބުނެ ޖަވާބު ދިނެވެ.

" އަހަރެން މިދަނީ އެހެން ވެގެންނެވެ. ޒަރޫން ތިހެދި ދޮގުގެ ސަބަބުންނެވެ. " ކަޝަފް ބުންޏެވެ.

ކަޝަފް އެބުނީ ކޮން ދޮގެއްތޯ ޒަރޫން ސުއާލު ކުރިއެވެ. އެސުއާލު އޭނާކުރެން ނާހައި ޒަރޫންގެ އަމިއްލަ ނަފްސާ ކުރުމަށް ކަޝަފް ބުންޏެވެ. ކަޝަފް އެބުނާ ވާހަކައެއް ޒަރޫންއަށް ވިސްނުނުކަމަށް ހަދާކަށް ބޭނުމެއް ނުވިއެވެ. ކަޝަފްގެ އަތުގައި ހިފައި ، އިށީނދެ ހަމަޖެހިލައިގެން ތިބެ ވާހަކަ ދައްކައިލުމަށް ޒަރޫން އެދުނެވެ. ކަޝަފް އަތް ފޮޅުވާލާފައި ވަގުތުން ނޫނެކޭ ބުންޏެވެ. އެކީއްވެގެންތޯ ހަމަޖެހިލައިގެން އިނދެ ޒަރޫން އެހިއެވެ.

" އަހަރެން ދޮގުހަދާ މީހުންނަށް ދޮގު އޮއްބަން އިތުރު ދޮގުހަދަން ފުރުޞަތުދީގެން ވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ. " ކަޝަފް ބުންޏެވެ.

ޒަރޫން ރުޅިއައިސް ފުންމައިގެން ތެދުވެ ކަޝަފާ ދިމާއަށް ހަޅޭއްލަވައިގަތެވެ. ޒަރޫން އެއްވެސް ކަމެއް ނުކުރާއިރު ކަޝަފް އެހާ ހަރުކަށިކޮށް ވާހަކަ ދައްކާތީ ކަމަށް ބުނެއެވެ.

" ޒަރޫން ، ޒަރޫންގެ އަންހެނުންނަށް މަކަރު ހަދައި އޮޅުވައިލިޔަސް އެއީ މައްސަލައެއް ނޫނެވެ. އެކަމަކު ދޮގުހަދާ ވާހަކަ ބުނީމަ މައްސަލަޔަކަށް ވެއްޖެ އެވެ. " ކަޝަފްވެސް ރުޅިވެރިކަމާއެކު ޒަރޫންއާ ދިމާއަށް ބުންޏެވެ.

ޒަރޫން އެއްވެސް ކަމެއް ނުކުރާ ވާހަކަ އިތުރަށް ބުންޏެވެ. އަދި ކަޝަފަށް ވެގެން އުޅެނީ ކީއްތޯ ސުއާލު ކުރިއެވެ.

“ ޒަރޫން ދެއްކި ދަޅަޔަށް ހެއްލި އަހަރެން ހައްލައި ލެވިއްޖެ އެވެ. އެކަމަކު އަހަރެންނަކީ ، ނުވިސްނޭ މޮޔައެއް ނޫނެވެ. " ކަޝަފް ބުންޏެވެ.

އެހިސާބުން ، ވެގެން އުޅެނީ ކީއްތޯ ސާފުކޮށް ނުބުނަން އުޅެނީ ކީއްވެގެންތޯ ކަޝަފް ކުރެން ޒަރޫން އެހިއެވެ. މައްސަލައެއް ނެތެވެ. ސާފުކޮށް އަހަރެން މިބުނަނީއޭ ބުނެ ، ވެގެން އުޅޭގޮތް ސާފުކޮށްދިނުމަށް ކަޝަފް ތައްޔާރު ވިއެވެ.

" އަސްމަރާ އާއި ޒަރޫންގެ އޮންނަ ގުޅުމަކީ ކޮބައި ހެއްޔެވެ ؟ ކަލޭމެން ދެމީހުން ދެމެދުގައި ހިނގަނީ ކޮން ގުޅުމެއް ހެއްޔެވެ ؟ " ކަޝަފްގެ ސުއާލަށް ޖަވާބު ނުދީ ، ކަޝަފް އެދައްކަނީ ކޮން ކަހަލަ ވާހަކައެއްތޯ ޒަރޫން ސުއާލު ކުރިއެވެ.

" ޒަރޫން ބުނެ ބަލާށެވެ ! މިދައްކަނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ ؟ ދެމަފިރިންގެ މެދުގައި ހުރިހާކަމެއް ޙިއްޞާ ކުރެވެން ވާނެ ދޯއެވެ ؟ " ކަޝަފް ބުންޏެވެ.

" އަސްމަރާއަކީ އަހަރެންގެ ދުވަސްވީ ރަޙުމަތްތެރިޔެކެވެ. އަހަރެމެން ދެމީހުންގެ މެދުގައި އެއްވެސް ގޯސް ގުޅުމެއް ނެތެވެ. " ޒަރޫން ރުޅިވެރިކަމާއެކު ޖަވާބު ދިނެވެ.

އަސްމަރާއަކީ ޒަރޫން އިންނަންވެގެން އެންގޭޖްވި އަންހެނެއްކަން ކަޝަފް ހަނދާން ކޮށްދިނެވެ. އަދި ޒަރޫންވެސް ، އިންނަން ނިންމައި އެންގޭޖް ވުމުގެ ކުރިން ، އަސްމާރާއަކީ އޭނާގެ ރަޙުމަތްތެރިޔެއްކަން ކަޝަފަށް ހަނދާން ކޮށްދިނެވެ.

" ތިއީ ދުނިޔޭގައި ދިރިއުޅޭ އެންމެ އަމިއްލަ އެދުންބޮޑު މީހާއެވެ . " ކަޝަފް ބުންޏެވެ.

" ތިއީ ދުނިޔޭގައި ދިރިއުޅޭ އެންމެ ތަންދޮރު ނޭނގޭ އަންހެނާއެވެ. " ޒަރޫން ވެސް ބުންޏެވެ.

" އާނއެކެވެ. ތިބުނީ ހަމަ ރަނގަޅަށެވެ. އަހަރެންނަކީ ދުނިޔޭގައި ހުރި އެންމެ ތަންދޮރު ނޭނގޭ އަންހެނާއެވެ. ޒަރޫންއާ ކައިވެނި ކުރީ އަހަރެންނަށް ތަންދޮރު ނޭނގޭތީއެވެ. އަހަރެންނަށް ޒަރޫންއަށް އިތުބާރު ކުރެވުނީއެވެ. އެކަމަކު ޒަރޫންއަކީ އެއިތުބާރު ޙައްޤުވާފަދަ މީހެއް ނޫނެވެ. " ކަޝަފް ބުންޏެވެ.

" ކަޝަފެވެ. އަހަރެންނަށް ގޯސް ހެދުނީއެވެ. ކަޝަފާ އިނުމަކީ އަހަރެންނަށް ކުރެވުނު މޮޔަ ކަމެކެވެ. ތިޔައީ އެހާ ކޫސަނި ރަނޑާލި އަންހެނެއްކަން އަހަރެންނަށް ނުވިސްނުނީއެވެ. " ޒަރޫން ބުންޏެވެ.

" މައްސަލައެއް ނެތެވެ. ޒަރޫން ތިގެންދަނީ ، އަހަރެންގެ ހުރި ކޮންމެވެސް ގޯސް ސިފައެއް ހޯދަމުން ނޫން ހެއްޔެވެ ؟ އަހަރެންނާ ވަކިވެވޭނެ ބަހަނާއެއް ދެއްކުމަށެވެ. ޒަރޫން އަހަރެންނަށް ދިން ހުރިހާ ކެއްސެއްގެ ހުރިހާ އޮޅުވައިލުމެއްގެ ބަހަނާ ދައްކަން ޖެހޭނެ ނޫން ހެއްޔެވެ ؟ " ކަޝަފް ބުންޏެވެ.

" އަހަރެންނެއް ކަޝަފަށް އޮޅުވައެއް ނުލަމެވެ. " ޒަރޫން ރުޅިއައިސް ރަތްވެގެން އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ.

(ނުނިމޭ)

 

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.