ޓެކްސް ނިޒާމްގެ ތާރީޚް

ޓެކުހަކީ ، އޮޅުންބޮޅުން ބޮޑު އަދި ، އެއީ ކޮން އެއްޗެއް ކަމާއި ޓެކްސް މަސައްކަތް ކުރަނީ ކިހިނެއްކަން ދެނެގަތުމަކީ އެހައި ފަސޭހަ ކަމެއްނޫނެވެ. ޓެކުހުގެ ތާރީޚަކީ ، ޓެކްސް ނަގަން ފެށުނު ގޮތާއި ޓެކުހުގެ ބޭނުމާއި ބޭނުންކުރެވޭގޮތް އަދި އޭގެ ފައިދާ އާއި ފައިދާކުރަނީ ކިހިނެއް ، ކޮންގޮތަކަށްކަން ، ސާފުކޮށް އެނގޭނެ އެއްޗެކެވެ. އިހުޒަމާނުގައި ޓެކްސްނަގައި ޓެކުހުގެ ބޭނުން ކުރެވެމުންދިޔައީ ކިހިނެއްކަން ، ވަރަށް ރަނގަޅަށް ސާފުވެގެން ދާނެއެވެ. ޓެކުހުގެ ތާރީޚަކީ ، މިއަދުގެ ޖީލުން ، ސިޔާސީ ނިންމުންތައް ނިންމާ ފަރާތްތަކަށް ، ޓެކުހާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި މުހިންމު އެއްޗަކަށް ވާނެއެވެ.

މިޒަމާނުގެ ޓެކްސް ކޯޑަކީ ވަރަށް ދިގު އަދި ބަދަލެއް ނާންނަ އެއްޗަކަށް ވެދާނެއެވެ. ސަރުކާރުތަކުން މިއަދި ބަރޯސާވާ ، ސޭލްސް ޓެކްސް ، ޕްރޮޕަޓީ ޓެކްސް ފަދަ ޓެކުހަކީ ދުނިޔެ ތަރައްޤީވާން ފެށި ޒަމާނުންފެށިގެން ނެގެމުން އަންނަ އެއްޗެކެވެ. މީގެ ގާތްގަނޑަކަށް ، ފަސް ހާސް އަހަރުކުރިން ، އިހުގެ މިޞްރުގައި ޓެކްސް ނެގިކަން ރިކޯޑް ކުރެވިފައި އެބައޮތެވެ. ދަނޑުވެރިކަމުގައި ގޮވާންކޮށް ކެނޑޭ ބާވަތްތަކުގެ 20 އިންސައްތަ ، އޭރު ، ފިއުޢައުނުގެ ވެރިކަމަށް ނެގެމުން ދިޔައެވެ. އެދުވަސްވަރު ، މިޞްރުގައި ފައިސާއެއް ނުގެންގުޅެއެވެ. މިޒަމާނުގެ ބާރޓާ ނިޒާމާ އެއްފަދަގޮތަކަށް ، ގޮވާމުގެ ބާވަތްތަކުގެ އަގުކުރެވި އެކި ތަކެތީގެ ވިޔަފާރީގައި ބަދަލުކުރެވިގެން ދިޔައެވެ.

ގްރީކަކީ ، ޒަމާނީ އާ ގޮތްތަކަށް ޓެކްސް ނިޒާމް ތަޢާރުފްކޮށް ، މުޅި ދުނިޔެއަށް ޢާންމު ކުރި ޤައުމެވެ. ގްރީކުގެ ވެރިކަން ދުނިޔެއަށް ފެތުރިގެން ދިއުމުގައި ޓެކްހުގެ ނިޒާމްވެސް ދުނިޔޭގެ އެކި ކަންކޮޅަށް ތަޢާރުފް ވަމުން ، ދުނިޔެ ތަރައްޤީ ވަމުން ދިޔައެވެ. މީލާދީ ސަނަތުން 196 ވަނަ އަހަރުގެ ތެރޭގައި ، ޓެކްސްގެ ޤާނޫނު ލިޔެވިގެންދިޔައީ ، މައިގަނޑުގޮތެއްގައި ، " ދަ ރޮސެއްޓާ ސްޓޯން " ގެ ނަމުގައި ލިޔެވިފައިވާ ލިޔުންތަކުގެ މައްޗަށެވެ.

ސޭލްސް ޓެކްސް އެންމެ ފުރަތަމަ ތަޢާރުފްކުރީ ، އިހުޒަމާނުގެ ރޯމަން އެމްޕަޔަރގައި ޖޫލިއަސް ސީޒަރެވެ. ޖޫލިއަސް ސީޒަރުގެ ވެރިކަން ހިނގަމުންދިޔަ ހުރިހާ ތަނެއްގައި އެއް ޕަސެންޓްގެ ފްލެޓް ރޭޓެއްގައި ސޭލްސް ޓެކްސް ނެގެމުން ދިޔައެވެ. އޭގެފަހުން ، ސީޒަރު އޮގަސްޓަސް ގެ ވެރިކަމުގައި ، 4 އިންސައްތައަށް ޓެކްސް ބޮޑުކުރިއެވެ. މިއީ އެމެރިކާގެ ގިނަ ސްޓޭޓްގައި މިހާރު ، ސޭލްސް ޓެކްސް ނަގާ ޢަދަދާ ކައިރިކުރާ ޢަދަދެކެވެ.

އިހުޒަމާނުގެ ރޯމަން އެމްޕަޔަރ އޮގަސްޓަސް ގެ ވެރިކަމުގައި ، މީލާދީ ސަނަތުގެ ފުރަތަމަ ޤަރުނުގެ ތެރޭގައި ޓެކްސް ނިޒާމަށް ބަދަލުތަކެއް ގެނެވުނެވެ.  ޓެކްސް ނަގަން ފެށުނީ ، އެކި ސަރަޙައްދުގައި ދިރިއުޅޭ " ޓެކްސް ފާރމަރ " މެދުވެރިކޮށް ، ޓެކްސް ނަގައި ، ސަރަޙައްދުތައް ވަކިން ސަރުކާރަށް ދައްކާ ގޮތަށެވެ. މި ނިޒާމް ވެގެންދިޔައީ ، ވަރަށް އުނދަގޫ އަދި ބަލަހައްޓައި ތަންފީޒުކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވި ބަދަލަކަށެވެ. އެހެންކަމުން ، އޮގަސްޓަސް ނިންމެވީ ، ވަކިވަކި ފަރުދުންގެ މުއްސަނދިކަމަށް ނިސްބަތްކޮށް ، ޑައިރެކްޓް ޓެކްހެއް ނެގުމަށެވެ. މި ޓެކްސްވެސް ވެގެންދިޔައީ ތަންފީޒުކުރަން ދަތި ޓެކްހަކަށެވެ.  އެންމެފަހުން މިޓެކްސްވެސް ބަދަލުކޮށް ، ވަކިވަކިވި ފަރުދުންގެ މުއްސަނދިކަމާ ގުޅިފައިވާ އިންކަމް ޓެކްހަކަށް ، މިޓެކްސް ބަދަލުވެގެން ދިޔައެވެ.

އިހުޒަމާނުގައި ޕްރޮޕަޓީ ޓެކްސް ވަނީ މިޞްރާއި ޕަރސިއާ އަދި ޗައިނާގައި ތަޢާރުފް ކުރެވިފައެވެ. ޕްރޮޕަޓީ ޓެކްހުގެ އަސްލު ބިނާވެފައި އޮތީ ބިމުން އުފައްދާ ފައިދާގެ މައްޗަށެވެ. ދަނޑުބިން ކަމަށް ވަންޏާ އެދަނޑުން ކަނޑާ ގޮވާމުގެ އަގަށެވެ. އެހެންކަމުން ، މިޓެކްސް ދައްކައި އުޅުނީ ދަނޑުވެރިންނެވެ.

ޕްރޮޕަޓީ ޓެކްސް އަކީ ، އިންގްލެންޑް އުފެއްދި ، ވިލިއަމް ގެ ވެރިކަމުގައި ، އިންގްލެންޑްގައިވެސް  އަދި ޔޫރަޕްގެ އެކިކަންކޮޅުތަކުގައިވެސް ، ނެގެމުންއައި ޓެކްހެކެވެ. އެކަމަނާގެ ފިރިކަލުންގެ ޓެކްސް ނިޒާމާ ދެކޮޅު ހެއްދެވުމަށް ، ލޭޑީ ގޮޑްވިއާ ، ބަރަހަނާގައި މަގުމައްޗަށް ނުކުމެވަޑައިގެން އަސްދުއްވި ވާހަކައަކީ މަޝްހޫރު ވާހަކަ އެކެވެ.

މީހުންގެ މިލްކިއްޔާތަކީވެސް ޓެކްސް ނެގޭ މުދަލެކެވެ. މި ޓެކްސް ދުނިޔެއަށް ތަޢާރުފް ވެގެން ދިޔައީ ، ރޯމަން އެމްޕަޔަރ ގެ ދުވަސް ވަރުއެވެ. މިލްކިއްޔާތުގެ އަގުކޮށް އެއިން ޓެކްސް ނެގެމުންދިޔައީ 5 އިންސައްތައިގެ ރޭޓުންނެވެ. މީހަކު ނިޔާވުމުން އޭނާގެ މުދާ ވާރުތަވާ އިރު އޭގެ އަގުކޮށް ، 5 އިންސައްތައިގެ ޓެކްހެއް ނެގުނެވެ. މިފައިސާ ބޭނުން ކުރެވެމުން ދިޔައީ  ވަޒީފާއިން މުސްކުޅި ކުރެވޭ މީހުންގެ ޕެންޝަނަށެވެ.

ބޭރުން އެތެރެކުރެވޭ މުދަލަށް ޑިއުޓީ ނެގުމަކީ މީގެ ތިންހާސް އަހަރު ކުރީއްސުރެ ތަޢާރުފް ކުރެވި ހިނގަމުން އަންނަ ނިޒާމެކެވެ. އެންމެ ފުރަތަމަ މި ޑިއުޓީ ނެގެމުން ދިޔައީ މަޢުދަނާއި އުއިން ނުވަތަ ފޭރާމުންނެވެ. މިކަން ފެށުނީ އިހު ޒަމާނުގެ އެނަޓޯލިއާގެ އަވަށެއްކަމުގައިވާ ކަނޭޝް ، މިހާރުގެ ތުރުކީ އާއި އިހުގެ އައްސީރިއާ ނުވަތަ މިހާރުގެ ޢިރާޤާ ދެމެދުގައެވެ. ރޯމަން އެމްޕަޔަރގެ ވެރިކަމުގެ ދަށުގައިވާ ތަންތަނުން އެތެރެވާ މުދަލުންނާއި ބޭރުވާ މުދަލުންވެސް ، ޑިއުޓީ ނެގެމުން ދިޔައެވެ. ރޯމަން އެމްޕަޔަރގެ ސަރަޙައްދުން ބޭރުން އެތެރެ ކުރެވޭ މުދަލުގެ ޑިއުޓީ ނެގެމުން ދިޔައީ ، އެ އެމްޕަޔަރގެ ސަރަޙައްދުގެ ތެރޭގައި އުފައްދާ ތަކެއްޗަށް ނެގޭ ޑިއުޓީގެ 5 އާއި 25 އާ ދެމެދުގެ ގުނަ ބޮޑު ކޮށްގެންނެވެ. ބޭރުން އެތެރެ ކުރެވޭ މުދަލުގެ ޑިއުޓީއަކީ ، ފެށުނީއްސުރެވެސް ، އެތެރެ ކުރެވޭ މުދާ ހިފެހެއްޓުމަށް އަމާޒު ކޮށްގެން ނެގެމުންދިޔަ އެއްޗެކެވެ. އެތެރޭގެ އުފެއްދުންތައް އިތުރުވާ ވަރަކަށް ބޭރުން އެތެރެވާ އެބާވަތެއްގެ ޑިއުޓީ ބޮޑު ކުރެވެއެވެ. އަދި ، އެތަނަކަށް ފުދޭ މިންވަރަށް ވަކި ބާވަތެއް އުފެއްދޭނަމަ ، އެ ބާވަތެއް އެތެރެކުރުން މަނާ ކުރެވެއެވެ.

އެމެރިކާގައި ސަރުކާރުގެ އާމްދަނީގެ ބޮޑުބައެއް ޙިއްޞާ ކުރަނީ ޓެކްސް ފައިސާއެވެ. 1828 ގައި އަޢާރުފް ކުރެވުނު ޓެކްސްއާ ބެހޭ ޤާނޫނަކާ ގުޅިގެން ، އެމެރިކާގެ އުތުރާއި ދެކުނުގައި ޚިލާފު އުފެދި ދާޚީލީ ހަނގުރާމަޔެއް އުފެދުނެވެ. އެދުވަސްވަރު އެ ހިނގި ދާޚިލީ ހަނގުރާމަޔަށްފަހު ، އަދި ތަރައްޤީގެ ޙަރަކާތްތައް ފުޅާވުމާގުޅިގެން ، އެމެރިކާއިން ބޭރުކުރެވޭ މުދަލުގެ ނިސްބަތް ، އެތެރެ ކުރެވޭ މުދަލަށްވުރެ އިތުރު ވެގެންދިޔައެވެ. މިކަމާގުޅިގެން ޓެކުހުން ސަރުކާރަށް ލިބެމުންދިޔަ ޓެކްސް ފައިސާ ، އެތައް ގުނަޔަކަށް އުނިވެގެން ދިޔައެވެ. ސަރުކާރަށް ލިބުނު އާމްދަނީ މަދުވުމާއެކު  އަދި ސިޔާސީ ފިއްތުންތަކާ ގުޅިގެން ، ޓެކްސްގެ ނިޒާމް މުއްސަނދި މަހުޖަނުންނާ ދިމާއަށް ދީލާލައި ، އިންކަމްޓެކްސް ނަގަން ފެށުނެވެ. އަދި ވިޔަފާރީގެ ފައިދާއިންނާއި މުއްސަނދިންގެ އަތުން ޓެކްސް ނަގައި ، ސަރުކާރަށް ކުރިމަތިވެފައި އޮތް ބުރަ ކުޑަވެގެން ދިޔައެވެ.

އޭގެފަހުން ، އިތުރު އެހެން ޓެކްސްތައް އެމެރިކާގައި ތަޢާރުފް ކުރެވިގެން ދިޔައެވެ. އޭގެތެރޭގައި ، އެމެރިކާގެ އިސްޓޭޓް ޓެކްސް (1916) ، ގިފްޓް ޓެކްސް (1924) ، ސޯޝަލް ސެކިއުރިޓީ ޕޭރޯލް ޓެކްސް (1937)  ހިމެނެއެވެ. ޓެކްސް އަކީ ޤައުމީ ސިޔާސަތެއްގެ ދަށުން ، ޤައުމެއްގެ ކުރިއެރުމާއި އިޤްތިޞާދީ ތަރައްޤީގެ މައި ނާރެވެ. ސަރުކާރާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށް ޤައުމެއް ތަރައްޤީ ކުރުމުގެ ވިއުގައެވެ. އެދުވަސްވަރު ، އެމެރިކާގައި އެކަން ކާމިޔާބު ވިޔަސް އިނގިރޭސިވިލާތް ފެއިލް ވިއެވެ. އަދި އިނގިރޭސީންގެ ބާރުގެ ދަށުގައި ހުރި ޤައުމުތަކާއި ސަރަޙައްދުތައް ، ނުއަގުގައި އެމެރިކާއަށް ވިއްކަން ޖެހުނެވެ.

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.