(4 ޖަނަވަރީ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ވެގެން އުޅޭގޮތެއް ސާފުކޮށްދިނުމަށް ޒަރޫންގެ ކިބައިން ކަޝަފް އެދުނެވެ. ޒަރޫން އޭނާދެކެ ރުޅިއަންނަ ގޮތް ވުމަކީ ކަޝަފް އެދޭގޮތެއް ނޫނެވެ. ޒަރޫންގެ ޖަވާބަކަށް ވީ އެއްވެސް ކަމެއް ނުވާކަމަށެވެ. އެހެންވީމާ ވީކަމަކާ ބެހޭ ވާހަކަ ދެއްކެން ނޯންނާނެ ކަމަށެވެ. އެކަމަކު ، ކޮންމެވެސް ކަމެއް ވެއްޖެކަން ކަޝަފަށް ޔަޤީނެވެ. އިސްލާމްއާބާދަށް އައުމުގެ ކުރިން ޒަރޫން ހުރީ ވަރަށް އުފަލުންނެވެ. ވީހާވެސް އަވަހަކަށް އަންނަން ބޭނުން ވެފައެވެ. އެކަމަކު ، އިސްލާމްއާބާދަށް އައި ދުވަހުން ފެށިގެން ކަޝަފާ ރަނގަޅަކަށް ވާހަކައެއް ނުދައްކައެވެ. އިސްވެ އެއްވެސް އެއްޗެކޭ ނުބުނެއެވެ. އަބަދު އިންނަނީ މޫނު ކުނިކޮށްގެންނެވެ. މޫނު ކުނިކޮށްގެން އިނަސް ކަޝަފް އަޅައެއް ނުލާނެ ނޫން ހެއްޔެވެ. އެހެންނަމަވެސް ، ވެގެން އުޅެނީ ކީއްތޯ ކަޝަފަށް ސުއާލު ކުރެވެނީ ޒަރޫންއަށް އަޅައިލަން ބޭނުންވާތީއެވެ. ކަންބޮޑުވާތީއެވެ. ވެގެން އުޅޭގޮތެއް ސާފުކޮށް ދެމީހުންގެ މެދުގައި ވާހަކަ ދައްކައިގެން އެކަމެއް ޙައްލު ކުރުމަށްޓަކައެވެ.
" އަހަރެންގެ ކުރިން އުސާމާ ، ކަޝަފްގެ ކައިވެންޏަށް އެދުނު ވާހަކަ އުސާމާގެ ފަރާތުން އަހަރެންނަށް އެނގިއްޖެއެވެ. އެވާހަކަ އަހަރެންގާތު ކުރިން ނުބުނީ ކީއްވެ ހެއްޔެވެ ؟ " ޒަރޫން އެންމެ ފަހުން ބުންޏެވެ.
ޒަރޫން ހިތްހަމަ ނުޖެހިފައި އެއިނީ ، އެވާހަކަ ޒަރޫންގާތު ކަޝަފް ނުބުނެ ހުރީމައެވެ. އެހެން މީހެއްގެ ފަރާތުން އެކަން އެނގުނީމައެވެ. އެކަހަލަ ކުދިކުދި ކަންކަމުގައި ހިތްހަމަ ނުޖެހި ރުޅިއަންނަން ވެއްޖިއްޔާ އެއީ ވަރަށް ދެރަ ކަމެކެވެ. ޒަރޫން ރުޅިއަންނަންޖެހޭ ކަމެއް އެކަމުގައި އޮތްކަމަކަށް ކަޝަފް ނުދެކެއެވެ. ޒަރޫންގެ މައްސަލަޔަކީ ، އެވާހަކަ ޒަރޫންގާތު ބުނުމަކީ އެހާ ބޭނުންތެރިކަމެއް ނޫންކަމަށް ކަޝަފަށް ފެނިފައި އޮތުމެވެ. އެހިސާބުން ، ޒަރޫންއަށް ބޭނުންތެރިކަންކަން އިތުރަށް ސާފުކުރަން ކަޝަފަށް ޖެހުނެވެ. އަދި އެކަމާ ބެހޭގޮތުން ސުއާލު ކުރިއެވެ.
" އެއީ އަހަރެންގާތު ކަޝަފް ބުނަންޖެހޭނެ ވާހަކަ އެކެވެ. އެވާހަކަ ކުރިން ބުނެފަ އޮތްނަމަ ، މިމައްސަލައެއް ދިމައެއް ނުވާނެއެވެ. " ޒަރޫން ބުންޏެވެ.
އޭނާއިނީ ރުޅިއަންނަ ގޮތް ވެފައެވެ. އަޑުގައިވަނީ ހަރުކަށި ކަމެވެ. ކަޝަފަށް އެނގުނު ގޮތުގައި ، ކަޝަފްގެ ކައިވެންޏަށް އެދުނު ހުރިހާ މީހުންގެ މަޢުލޫމާތު އޭނާ ޒަރޫންއަށް ކިޔައި ދޭން ޖެހޭ ހެއްޔެވެ ؟ އަދި ޒަރޫން ކައިވެނިކުރަން ހުށަހެޅި ހުރިހާ ކުދިންގެ މަޢުލޫމާތު ، ޒަރޫންއަށް ކިޔައިދޭން ޖެހެނީ ހެއްޔެވެ ؟ ކައިވެނީގެ ފަހުން އެއީ މީހުން ދައްކައި އުޅޭކަހަލަ ވާހަކައެއް ނޫނެވެ.
ޒަރޫން އެބުނަނީ އެންމެންގެ ވާހަކައެއް ނޫނެވެ. އުސާމާގެ ވާހަކައެވެ.
" އެއީ ހަމައެކަނި ހުށަހެޅުމެކެވެ. އެކަމާބެހޭ އެއްވެސް ވާހަކައެއް އިތުރަކަށް ކުރިޔަކަށް ނުދެއެވެ. އެހިސާބުން އެކަން އޮތީ ނިމިފައެވެ. " ކަޝަފް ބުންޏެވެ.
ކޮންމެ ގޮތަކަށް އެކަން ނިމިފައި އޮތްނަމަވެސް ، ޒަރޫން ދެކޭގޮތުގައި ކަޝަފް ، ޒަރޫންގާތު އެވާހަކަ ބުނަން ޖެހޭނެއެވެ. ޒަރޫން ވާޙަކަ ދައްކަމުންދިޔައިރު އިނީ ރުޅިއައިސް ރަތްވެފައެވެ. ކައިވެނީގެ ފަހުން އަދި މިހާތަނަށް ކަޝަފް ދެކެ އެހާވަރަށް ރުޅިއެއް ނާދެއެވެ. ކަޝަފްގާތަށްވެސް ރުޅި އައެވެ. އަދި ހަރުކަށިކަމާއެކު ޒަރޫންއާ ވާހަކަ ދައްކަން ފެށިއެވެ. އެކަމުގައި ސިއްރުކޮށް ފޮރުވަން އެއްވެސް ވާހަކައެއް އޮތްނަމަ ، އުސާމާ އެވާހަކައެއް ޒަރޫންގާތަކު ނުބުނާނެއެވެ. އެހެންނޫނީ އުސާމާ ، ޒަރޫންގާތު އެވާހަކަ ދެއްކުން ކަޝަފް މަނާ ކުރީހެވެ.
" އެއްވެސް ކަމެއް ފޮރުވަން އޮތްނަމަ ، އަހަރެމެން އެކަމެއް ފޮރުވުނީހެވެ. އެއީ އެހާ އުނދަގޫކަމެއް ނޫނެވެ. އެވާހަކަ ނުދެއްކީ އެއީ ނުވާކަމަކަށް ހަދައި ، ފޮރުވާނެ އެއްވެސް އެއްޗެއް އެކަމުގައި ނެތީމައެވެ. " ކަޝަފް ބުންޏެވެ.
" ޒަރޫންއެވެ ! އުސާމާ އަހަރެންނާ ބައްދަލުކޮށް އަހަރެންގެ ކައިވެންޏަށް އެދުނެވެ. އަހަރެން އެކަން ޤަބޫލު ނުކުރީއެވެ. އުސާމާއަށް އަހަރެންގެ ހިތުގައި އެއްވެސް ވަރަކަށް ޝަޢުޤުވެރިކަން އޮތްނަމަ އަހަރެން އިންނާނީ އުސާމާއާ އެވެ. އެކަން އެއީ ބޮޑު މައްސަލަޔަކަށް ހަދަން ޒަރޫން ބޭނުންވާނަމަ ، އެކަމުގައި އަހަރެން ކުރާނެ ކަމެއް ނެތެވެ. " ކަޝަފް އިތުރަށް ބުންޏެވެ.
ކަޝަފަށް އެއީ ވަރަށްބޮޑު ކަމަކަށް ވިއެވެ. އޭނާގެ ހިތުގައި ޖެހި އެރޭ ނިދޭގޮތެއްވެސް ނުވިއެވެ. އަނެއްކާވެސް އެހެން މުބީބާތެއް ކުރިމަތިވީއެވެ. އެ މުސީބާތާވެސް ކުރިމަތިލާން މިއޮތީ ޖެހިފައެވެ. އެއްވެސް ކަމަކާ ނުލައި ޒަރޫން އެވަނީ ކަޝަފަށް ޝައްކު ކޮށްފައެވެ. އެއީ ކަޝަފްގެ އަމިއްލަ ނަފްސު ޤަބޫލުކުރާނެ ކަމެއް ނޫނެވެ. ޒަރޫންގެ މަންމަ އޭނާވަނީ މަކަރުވެރިޔަކަށް ، ވަގަކަށް ހަދާފައެވެ. ޒަރޫން އެވަނީ އޭނާއަކީ ބޭވަފާތެރި ، ޚިޔާނާތްތެރިޔަކަށް ހަދާފައެވެ. ދުނިޔެއަކީ ކޮންފަދަ ތަނެއް ހެއްޔެވެ ؟ ކިތަންމެ ރަނގަޅުމީހަކު ، ކިތަންމެ ރަނގަޅަކަށް އުޅެން އުޅުނަސް އެފުރުސަތެއް ދުނިޔެއެއް ނުދައްކައެވެ. ދުނިޔެއަކީ ކެހިވެރިތަނެކޭ މުސްކުޅިން ބުނެއުޅެނީ އެހެން ވެގެންނެވެ. ކަޝަފްގެ ދިރިއުޅުން އަމާންކަމާއި އޮމާންކަމާއެކު ގެންދިއުމަށް އަޅާ ކޮންމެ ފިޔަވަޅާކާއެކު ، މުސީބާތެއް އެބަ ކުރިމަތި ވެއެވެ. ކަޝަފްގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އޮބަހައްޓައި ހިތްވަރު އައު ކުރުމަށް ނިންމިއެވެ.
އަނެއްދުވަހު ހެނދުނު ކަޝަފް އޮފީހަށް ދިޔައިރުވެސް ޒަރޫން އޮތީ ނިދާފައެވެ. އެހެންކަމުން ، ޒަރޫންއަށް އުނދަގޫ ނުކުރަންވެގެން ކަޝަފް ދިޔައީ ޒަރޫންއަށް ނުގޮވައެވެ. ޒަރޫން އަށް ނިދިން ހޭލެވުނު އިރު ކަޝަފެއް ނެތެވެ. ކަޝަފް އޮފީހަށް ދިޔަކަން ޒަރޫންއަށް އެނގުނީ ގޭގައި ގެންގުޅޭ ނޯކަރުމީހާގެ ފަރާތުންނެވެ. އެއީ ޒަރޫންއަށް ވަރަށް ބޮޑު މައްސަލަޔަކަށް ވިއެވެ. އުސާމާގެ މައްސަލައިގެ އިތުރަށް ޒަރޫން ، ހިތްހަމަ ނުޖެހި ރުޅިއައުމަށް އިތުރު ކަމެއް މެދުވެރިވީއެވެ. ޒަރޫންއަށް އަންގައި ނުލާ ކަޝަފް އޮފީހަށް ދިއުން ވެގެންދިޔައީ ވަރަށް ބޮޑު ކަމަކަށެވެ. އަނދަމުންދާ އަލިފާނގަނޑަކަށް ތެޔޮއެޅުންފަދަ ކަމަކަށެވެ.
އެކަމާ ރުޅިއައިސް ރަތްވެފައި ހުރެ ޒަރޫން ދެކޮޅަށް ހިނގަމުން ދަނިކޮށް ކަޝަފްގެ ފޯނެއް އައެވެ.
------------------------
" ވަރިބަލިވެފަ ހުރިގޮތަކަށް ޒަރޫންއަށް ގަދަޔަށް ނިދިފައި އޮތީމަ އަހަރެން ހެނދުނު އޮފީހަށް އައިއިރު ނުގޮވީއެވެ. އޮފީހަށް އަންނަން ޖެހުނީވެސް ވަރަށް ހެނދުނާ އޮފީހުން ގުޅީމައެވެ. އެހެން ނޫންނަމަ މަޑުކޮށްލެވުނީހެވެ. " ކަޝަފް ބުންޏެވެ.
" ކަޝަފް ގެއިން ނުކުންނަމުން އަހަރެންނަށް ނުގޮވިޔަސް އެންމެ ރަނގަޅެވެ. އޮފީހަށް ދާންވީމަ ދާންވީއެވެ. " ޒަރޫން ބުންޏެވެ.
ކަޝަފް ވާހަކަ ދެއްކީ ނުހަނު މަޑުމައިތިރިކަމާއެކު ލޯބިންނެވެ. އެހެންނަމަވެސް ޒަރޫންގާތަށް އައިސްހުރި ރުޅިގަނޑު އަދިވެސް މައިތިރިއެއް ނުވެއެވެ. ޒަރޫން ވާހަކަ ދެއްކީވެސް ރުޅިއައިސް ހުރެއެވެ. ޒަރޫންއަށް ނުގޮވީ މާ ގަދަޔަށް ނިދިފައި އޮތީމަކަމަށް އަނެއްކާވެސް ކަޝަފް ބުންޏެވެ.
" މަސައްކަތަކީ އެންމެންނަށްވެސް އޮންނަ އެއްޗެކެވެ. އަހަރެންނަށްވެސް މަސައްކަތް އޮވެއެވެ. އަހަރެން ގޭގައި އުޅެންޏާ އަހަރެންނަށްވުރެ މުހިންމު އެހެންކަމެއް ކަޝަފްގެ އޮވެގެން ނުވާނެއެވެ. އެކަމަކު އޮފީހަށް އަވަހަށް ދާންވީއޭ ކިޔާފަ ބަހަނާ ދައްކާފަ ނުގޮވައި ދިޔައީ ނޫން ހެއްޔެވެ ؟ " ޒަރޫން ރުޅިވެރިކަމާއެކު ބުންޏެވެ.
" ޒަރޫން ދޫކޮށްލާފައި އަހަރެން ދިޔައީ ހެއްޔެވެ ؟ ނޫނީ އަހަރެން ދޫކޮށްލާފައި ޒަރޫން ދާން ބޭނުންވަނީ ހެއްޔެވެ ؟ ތިގޮތަށް ޒަރޫން ތި ވިސްނަނީ ކީއްވެގެން ހެއްޔެވެ ؟ " ރުޅި ނައިސް ވޭތޯ ވަރަށް ބެލުމަށްފަހު ، ކަޝަފްގާތަށްވެސް ރުޅި އައެވެ.
އެގޮތަށް ވިސްނުމުގެ ސަބަބު އޭނާގެ އެބަ އޮތްކަމަށް ޒަރޫން ބުންޏެވެ. އަދި އޭނާއަކީ ތަންދޮރު ނުދަންނަ ނުވިސްނޭ މީހެއް ނޫންކަމަށްވެސް ޒަރޫން ބުންޏެވެ.
" ޒަރޫން ވިސްނާ ގޮތަކަށް ވިސްނާށެވެ ! " ކަޝަފްވެސް ރުޅިއައިސްގެން ފޯނު ކަނޑައިލިއެވެ.
ޙާލު ބަލައިލުމަށްޓަކައި ކަޝަފް ގެޔަށްގޮސް އަބްރާރް ސާރ އަށް ފޯނުކޮށްލިއެވެ. ޙާލު އަޙުވާލު އަހައި ވާހަކަ ދައްކައިލުމަށްފަހު ، އަބްރާރްގެ ފޯނުތަކެއް އައިއިރުވެސް ނުނެގުނީމަ ފޯނުކޮށްލީކަމުގައި ކަޝަފް ބުންޏެވެ. އަބްރާރް ފޯނުކުރީ ޔުނިވަރސިޓީގެ ކިޔަވާކުދިންކޮޅެއް ގްރޫޕް ސްޓަޑީ ޓުއަރއެއްގަ އިސްލާމްއާބާދަށް ދާތީ އެކުދިންގެ ކަންތައް ބަލައިލަ ދިނުމަށް ކަޝަފްގެ ކިބައިން އެދުމަށެވެ. އެ ދަތުރާ ބެހޭ މަޢުލޫމާތު ކަޝަފަށް ފޮނުވާނެކަމަށް އަބްރާރް ބުންޏެވެ. އަދި ކަޝަފްވެސް އެކަން އިންތިޒާމް ކޮށްދޭނެކަމަށް ވަޢުދު ވިއެވެ. އެއަށްފަހު ، ޒަރޫން ކިހިނެއްތޯ އަބްރާރް ސުއާލު ކުރިއެވެ.
" ޒަރޫންގެ ވާހަކަ ނުއަހާށެވެ ! އަހަރެންގެ ބޮލުގައި ރިއްސުމަށްވުރެ އިތުރުކަމެއް އޭނާގެ ކިބަޔަކުން ނުލިބެއެވެ. " ކަޝަފް ބުންޏެވެ. އަދި ކިހިނެއްވީތޯ އަބްރާރް ސުއާލު ކުރިއެވެ.
" އުސާމާ ، އަހަރެންގެ ކައިވެންޏަށް އެދުނު ވާހަކަ ޒަރޫން ގާތު ބުނެގެން އެހުންނަނީ އެކަމާ ރުޅިއައިއްސައެވެ. އެވާހަކަ އަހަރެން ޒަރޫންގާތު ނުބުނީ އެއީ އަހަރެން އިންކާރުކުރި ކަމަކަށްވެފައި އެކަން ނިމިފައި އޮތީމައެވެ. އެއަށްވުރެ ބޮޑުވަރެއް ނުވެއެވެ. އެކަމާ ރުޅިއައިސްގެން އަބަދު ހުންނަނީ ފުއްޕާފައެވެ. " ކަޝަފް ޖަވާބު ދިނެވެ.
އަބްރާރް ވަގުތުން ޒަރޫންއަށް ފޯނު ކުރިއެވެ. އަދި ޒަރޫން ކިހިނެއްތޯ ސުއާލު ކުރިއެވެ. އާދައިގެ ގޮތަކަށް ވާހަކަ ދައްކައިލުމަށްފަހު ، ޒަރޫންއާއި ކަޝަފްގެ މެދުގައި އުފެދިގެން އުޅެނީ ކޮން މައްސަލަ ގަނޑެއްތޯ އަބްރާރް އެހިއެވެ. އެވާހަކަ އިވުމާއެކު ޒަރޫންގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ދެބުމަ ގޮށްޖެހުނެވެ. ކަޝަފާއި އޭނާ ވަރަށް ރަނގަޅުކަމަށް ޒަރޫން ބުންޏެވެ. އެހެންނަމަވެސް އެވާހަކަ އަބްރާރް ޤަބޫލެއް ނުކުރިއެވެ. އަދި އެކަން އެނގުނީ ކަޝަފާ ވާހަކަ ދައްކައިލީމާ ކަމުގައި ބުންޏެވެ. ކަޝަފް ބުނީ ކީކޭތޯ ، ޒަރޫން ސުއާލު ކުރިއެވެ.
" އަހަރެންމީ ޒަރޫންކަހަލަ ތަންދޮރު ނޭނގޭ މީހެއް ނޫނެވެ. މިހާރު ތިއުޅެނީ ކުޑަކުދިން އުޅޭ ގޮތަށެވެ. ޒަރޫން ބޮޑުވާނީ ކޮންއިރަކުން ހެއްޔެވެ ؟ ކަޝަފް ، ޒަރޫންއާ އިނުމަށް މެދުވެރިވީ އަހަރެންނެވެ. ކަޝަފަށް އެހެން ހަދާނެކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. ކުރިން ވެނިމި ގޮސްފައިވާ ކަމެއް ނަގައިގެން ، ކަޝަފް ގެ ތަޞައްވުރާ ބެހޭގޮތުން ބޭއަދަބީ ކަންތައްތަކެއް ތިކުރަނީ ކީއްވެ ހެއްޔެވެ ؟ ތީ ކިހާ ދެރަ ކަމެއްހެއްޔެވެ ؟ " އަބްރާރް ، ޒަރޫންއާ ދިމާއަށް އެއްޗެތި ގޮވައިގަތެވެ.
އަބްރާރް ފޯނުން ވާހަކަ ދައްކަ ދައްކަ އޮއްވާ ރުޅިއައިސްގެން ، ޒަރޫން ފޯނު ކަނޑައިލައެވެ. ޒަރޫންއަށް އެކުރެވުނީ ކިހާވަރެއްގެ ކަމެއްކަންވެސް ވިސްނައެއް ނުލައެވެ. އަދި އެކަނޑައިލެވުނީ ކިހާވަރެއްގެ ކާކުގެ ފޯނެއްކަމެއްވެސް ވިސްނާލާކަށް ހަނދާނެއް ނުވިއެވެ. އެއަށްވުރެ ބޮޑަށް އިބިލީސް އޮތީ އޭނާގެ ބޮލަށް ސަވާރު ވެފައެވެ.
އަބްރާރް ، ޒަރޫންއާ ވާހަކަ ދެއްކިފަހުން އަދި ވަކިން ޒަރޫންގެ މުރަނަކަން އޮންނަނީ ބޮޑުވެފައެވެ. ގޭގައުޅޭ ނޯކަރުންނަށް ދާނދެން ޒަރޫން ނުބަވާ މީހަކާ ދިމައެއް ނުވެއެވެ. ކަޝަފަށް އަރާ ރޯޅި އަދި މާ ބާރެވެ. މިރޭވެސް ، ނޯކަރު ބުނީމަވެސް ހަޅޭއްލަވައިގެންފައި ކާކަށްވެސް ނުނުކުމެއެވެ.
ކައިވެނީގެ ކުރިން ، ދިރިއުޅުމަކާމެދު ކަޝަފް ވިސްނައިލާހިނދު ، ކައިވެނިކުރީމަ ކުރިމަތިވާނެކަމަށް ހިތަށް ފެނުނު ހުރިހާ މުސީބާތެއް ކުރިމަތި ވެއްޖެއެވެ. ކައިވެންޏެއްކުރަން އޭނާ ބޭނުން ނުވެހުރީ އެސަބަބަށްޓަކައެވެ. ހުރިހާ ފިރިހެނުންނަކީވެސް ހަމަ ، އެއްފާޑެއްގެ ބަޔެކެވެ. ބައްޕަ ކަމަށްވިޔަސް އަދި ޒަރޫން ، ނޫނީ އެހެންކޮންމެ މީހެއްކަމަށްވިޔަސް ފިރިހެނުންނަކީ އެއްފާޑެއްގެ ބަޔެކެވެ. އެކަމަކު ، ކަޝަފް އޭނާގެ ގޮތެއް ދުލެއް ނުކުރާނެއެވެ. ގޮތް ދޫކުރެވޭނީވެސް ވަކިވަރަކަށެވެ. ފިރިހެނުންނަކީ ، އަންހެނުންނަށް ބޭނުންގޮތެއް ހަދަން ދުނިޔެއަށް ފޮނުއްވާފަ ތިބި ބައެއް ނޫނެވެ. ޒަރޫން ބޭނުމިއްޔާ ރުޅިއައިސް ހުންނާށެވެ. ޒަރޫން ބޭނުންހާގޮތެއް ހަދާކަށް ، ކަޝަފް ދުލެއް ނުކުރާނެއެވެ.
ކަޝަފަކީ ޒަރޫންގެ ތައްޕާހުން ދިރިއުޅޭ މީހެއް ނޫނެވެ. އަދި އޭނާ ދިރިއުޅެނީ ޒަރޫންގެ ގެޔަކު ނޫނެވެ. ކަޝަފްގެ ހިތަށް ދުވަހަކުވެސް ތަދުނުވާވަރަށް ތަދުވިއެވެ. ކައިވެންޏެއްގެ ކުރީކޮޅުގައި އެލިބެމުންދާ ތަކުލީފުތަކަކީ ، ކުރިޔަށް އޮތް މުސްތަޤްބަލްގައި ލިބިގެންދާނެ ހިތްދަތި އަދި އުނދަފޫ މުސީބާތާއި ތަކުލީފުތަކުގެ ނިޝާނެކެވެ. ހާސްކަމާއި ހިތްދަތިކަމުން އޭނާގެ މުސްތަޤްބަލް ބަނަވެފައި އޮތް މިންވަރު ކަޝަފަށް އިޙްސާސް ކުރެވެއެވެ. ކުރިޔަށް އޮތް މުސީބާތްތަކުގެ އިންޒާރުދޭ ރަނގަބީލު އޭނާގެ ކަންފަތްދޮށުގައި އެދަނީ ޖެހެމުންނެވެ. އެހެންނަމަވެސް ، ޒަރޫން ގެނެސް އޭނާގެ ދުނިޔެއާ އެއްކޮށްލި މުސީބާތްތަކުގައި ، ކަޝަފް ދިރިއެއް ނޫޅޭނެއެވެ. އެކަންކަމުން ސަލާމަތްވުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ، ކަޝަފް ކުރާނެއެވެ. މުސްތަޤްބަލެއް ނެތް ދިރިއުޅުމެއްގައި ، ދިރުމެއްނެތް އުއްމީދެއްގައި ކަޝަފްގެ ޙަޔާތް ބަރުބާދު ކޮށެއް ނުލާނެއެވެ.
ކަޝަފްގެ ދިރިއުޅުމުގައި ދިމާވަމުންދާ މުސީބާތްތަކުން ސަލާމަތްވުމަށްޓަކައި ، އޭނާ އެހީއަކަށް އެދޭނީ ކާކުގެ ކިބަޔަކުން ހެއްޔެވެ ؟ ކަޝަފްގެ ކައިވެންޏަށް އެންމެ ބޮޑު ޙިއްސާއެއް އޮތް އެކަކީ ސާރ އަބްރާރެވެ. އަބްރާރަކީ ، ޒަރޫންގެ ވިސްނުމާއި ފިކުރު ، އަދި ޚިޔާލާތު ބަދަލުކޮށްލެވިދާނެ މީހެއް ނޫނެވެ. އެއަށްވުރެ ، އަބްރާރް ސާރ ޒަރޫންއާވެސް އަދި ޒަރޫންގެ ޢާއިލާއާ މާގާތެވެ. ޒަރޫންގެ މައިންބަފައިންނަކީ އަމްދުން ، އެކަހަލަ ވާހަކައެއް ދައްކަން އެކަށީގެންވާ ބައެއް ނޫނެވެ.
(ނުނިމޭ)