މި ސަރުކާރުގައި އެހެން ސިޔާސީ ޕާޓީތަކުގެ ލީޑަރުން އިންޑިއާ އަށް ވިކުނަސް ޕީޕީއެމްގެ ސިޔާސީ ލީޑަރުން ނުގަނެވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ޖެހޭނީ ފައިބަން ކަމަށާއި، ކިތަންމެ ރުޅި އަޔަސް "އިންޑިއާ އައުޓް" ވިދާޅުވާނެ ކަމަށެވެ.
އެއީ އެމަނިކުފާނު ދެކެ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު މުނޫ މަހާވަރު ކޯފާވާ ކަމަކަށް ވީ ނަމަވެސް އެވާހަކަ ތަކުރާރު ކުރައްވާ ކަމަށް ވިދާޅުވެ، ބާރު އަޑުފުޅުން އިންޑިއާ އައުޓް ވިދާޅުވެފައި ވެއެވެ.
ރައީސް ޔާމީން ވަނީ އިންޑިއާ ސިފައިން ބާލާނެ ކަމަށާއި އިންޑިއާ އަކީ ނިއުކްލިއާ ބާރަކަށް ވިޔަސް މި ރާއްޖޭގައި އެހެން ނުތިބެވޭނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
" އިންޑިއާ މީހުން ފައިބަން ގޮވާލަނީ، ރާއްޖެ އަކީ އަޅުގަނޑުގެވެސް ގައުމަށް ވާތީ. އަދި މިއީ އިންޑިއާގެ އަވަށެއްވެސް، އަދި އިންޑިއާގެ ބާރު ހިނގާ ތަނެއްވެސް ނޫން. އެހެން ކަމުން ފޭބުން ނޫން ގޮތެއް ނެތް." ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދަށް ބަހުގެ ހަމަލާތަކެއް ދެއްވާ ރައީސް ޔާމީން ވިދާޅުވީ ރައީސް ސޯލިހަކީ، އެއްވެސް "ކަމެއް ނުވާ ބޭފުޅެއް" ކަމަށެވެ. އަދި އެމްއެމްޕީއާރުސީ ޚިޔާނާތުގައި ހިމެނޭ މީހުންގެ ތެރެއިން އެންމެ ބޮޑު މީހާ (އަދީބު) ހުރީ ގޭގައި ރައްކާތެރި ކޮށްފައި ކަމަށެވެ.
މީގެ އިތުރުން އެ މައްސަލަވެސް ރަނގަޅަށް ނުބެލުނ އިރު، ވެންޓިލޭޓަރުގެ މައްސަލަވެސް ނުބެލުނު ކަމަށާއި، އެނޫން ކިތަންމެ ކަމެއް ކުރަން ނުކެރުމުގެ އިތުރުން ކުރަން ނޭނގޭ ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރ ޝާހިދާ ބެހޭ ގޮތުން ވިދާޅުވީ، "ލަދެއް ހަޔާތެއް ނެތް" ކަމަށާއި، ޚާރިޖީ ދައުރުގައި ގެންނަން ބުނި 2.9 ބިލިއަން ރުފިޔާގެ އެހީގެ ތެރެއިން އަދި މިހާތަނަށް ގެނެވުނީ 300 މިލިއަން ރުފިޔާ އެކަނި ކަމަށެވެ.