1 ޖަނަވަރީ 2023 އިން ފެށިގެން ޖީ.އެސް.ޓީގެ ރޭޓުތައް ބަދަލުވަނީ

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން، 1 ޖަނަވަރީ 2023 އިން ފެށިގެން، ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ ރޭޓް %16 (ސޯޅަ އިންސައްތަ) އަށް އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީ.އެސް.ޓީ ރޭޓް %8 (އަށެއް އިންސައްތަ) އަށް ބަދަލުވާނެ އެވެ.

މިހެންކަމުން، 1 ޖަނަވަރީ 2023 ނުވަތަ އެ ތާރީޚުގެ ފަހުން ޖީ.އެސް.ޓީ ލާޒިމުވާ ވަގުތު އަންނަ މުޢާމަލާތްތަކުން ޖީ.އެސް.ޓީ ނަގަންޖެހޭނީ އައު ރޭޓުތަކުގައެވެ.

މި ބަދަލާއި ގުޅިގެން ސަމާލުވާންޖެހޭ ކަންތައްތައް ފާހަގަކުރަމުން މީރާއިން މައުލޫމާތު ދިން ގޮތުގައި، ރަޖިސްޓަރީކޮށްފައިވާ ފަރާތަކީ 24 ގަޑިއިރުގެ އުސޫލުން ވިޔަފާރިކުރާ ފަރާތެއް ކަމުގައިވާނަމަ، 1 ޖެނުއަރީ 2023 ގެ 00:00 ގެ ކުރިން ފޯރުވައިދޭ މުދަލާއި ޚިދުމަތުގެ އަގުން ޖީ.އެސް.ޓީ ނަގަންވާނީ ޓޫރިޒަމް ދާއިރާނަމަ %12 އަދި  ޓޫރިޒަމް ދާއިރާ ނޫން ދާއިރާނަމަ %6 ގެ ރޭޓުންނެވެ.

1 ޖަނަވަރީ 2023 ގެ 00:00 ގައި ނުވަތަ އޭގެ ފަހުން ފޯރުވައިދޭ މުދަލާއި ޚިދުމަތުން ޖީ.އެސް.ޓީ ނަގަންވާނީ ޓޫރިޒަމް ދާއިރާނަމަ %16 އަދި ޓޫރިޒަމް ދާއިރާ ނޫން ދާއިރާތައްނަމަ 8% ގެ ރޭޓުން ނެވެ. އެނޫން ފަރާތްތަކުން އައު ރޭޓުގައި ޖީ.އެސް.ޓީ ނަގަން ފަށާނީ 1 ޖަނަވަރީ 2023 ގައި އެ ފަރާތެއްގެ ވިޔަފާރި ފަށާ ވަގުތުން ފެށިގެން ނެވެ.

މިކަމާ ގުޅިގެން، 1 ޖަނަވަރީ 2023 އިން ފެށިގެން އައު ރޭޓުތަކުގައި ޖީ.އެސް.ޓީ ނެގުމަށްޓަކައި، ސިސްޓަމްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި މުދަލާއި ޚިދުމަތުގައި އެ ތާރީޚުން ފެށިގެން އައު ރޭޓުތައް ހިމަނައިގެން އަގު ޖެހުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދުރާލާ ރާވައިގެން ކުރިއަށް ގެންދިއުމަށް މީރާއިން އިލްތިމާސްކުރެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.