މީރާއިން މާފުށި ގެސްޓްހައުސްތަަކަށް އަމާޒުކޮށްގެން ހަރަކާތެއް ފަށައިފި

ޓޫރިޒަމް ދާއިރާގައި ވިޔަފާރި ހަރަކާތްތައް ހިންގާ ފަރާތްތަކުން ޓެކުހާ ގުޅޭ އިލްތިޒާމްތައް ފުރިހަމަކުރުމުގައި ހުރި މައްސަލަތައް ދެނެގަތުމަށާއި އެކަންކަން ހައްލުކުރުމަށް އެހީތެރިވެދިނުމަށް މީރާއިން ކުރިއަށްގެންދާ ޕްރޮގްރާމެއްގެ ދަށުން މާފުށީގައި ހިންގާ ގެސްޓްހައުސްތައް އިންސްޕެކްޓްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް މިއަދު ހިންގަމުން ދާ ކަމުގައި މީރާއިން މައުލޫމާތުދީފި އެވެ.

މި ހަރަކާތުގައި މާފުށީގައި ހިންގާ ގެސްޓްހައުސްތަކަށް ޒިޔާރަތްކޮށް، މައުލޫމާތާއި އެހީތެރިކަން ފޯރުވައި ދިނުމުގެ އިތުރުން، އޮޑިޓް ކުރުމަށް ކަނޑައެޅިފައިވާ ފަރާތްތައް އޮޑިޓްކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ އެވެ.

މީގެ އިތުރުން ޓެކުހަށް މަކަރުހެދުމުގެ ތުހުމަތުގައި މީރާއިން ތަހުގީގުކުރާ ބައެއް ފަރާތްތައް ބަލައިފާސްކުރުމަށްވެސް ހަމަޖެހިފައިވާކަމުގައި މީރާއިން މައުލޫމާތު ދެއެވެ.

ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހާ ގުޅޭ އިލްތިޒާމްތައް ފުރިހަމަކުރުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މިފަދަ ޕްރޮގްރާމްތައް އިތުރު ރަށްރަށުގައި ވެސް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށާއި، އަލަށް ހުޅުވާ ރިސޯޓްތަކާއި، މަލްޓިނޭޝަނަލް ކުންފުނިތަކާއެކު ޓޫރިޒަމް ދާއިރާގައި ހިންގާ މުއާމަލާތްތަކާގުޅޭ ގޮތުން ދައްކަންޖެހޭ ޓެކްސް ދެއްކުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ތަފާތު ފިޔަވަޅުތައް އަޅަމުންދާކަމަށް ވެސް މީރާއިން މައުލޫމާތުދެ އެވެ.

ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހުގެ ޤާނޫނުތަކުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމުތައް ފުރިހަމަކުރާ މިންވަރު ބަލައި، ޓެކުހާގުޅޭ އިލްތިޒާމުތައް ގަވާއިދުން ފުރިހަމަ ކުރަމުން ނުދާ ފަރާތްތަކާމެދު މީރާއިން ފިޔަވަޅު އަޅަމުންދާނެކަމުގައި ވެސް މީރާއިން ހާމަކުރެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.