ޓެކްސްގެ ގިނަ ސުންގަޑިތަކެއް މިމަހު އަންނަނީ – ދުރާލާ ތައްޔާރުވޭ: މީރާ

ޓެކްސްގެ ގިނަ ސުންގަޑިތަކެއް މި މަހު އަންނާތީ ދުރާލާ ތައްޔާރުވުމަށް މީރާ އިން އެދެފިއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ މި މަހުގެ 31 ވަނަ ދުވަހު ޓެކްސްގެ ގިނަ ސުންގަޑިތަކެއް އަންނަކަމަށެވެ.

އެގޮތުން އާމްދަނީން ނަގާ ޓެކުހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއާއި، ޖޫން 2022 އަދި 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި އަންނަކަން ވަނީ ހަނދާންކޮށްދީފައެވެ. އަދި ޖޫން 2022 ގެ ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއާއި ޖޫން 2022ގެ އެއަރޕޯރޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ވެސް މިމަހު 31 ގައި ހަމަވާނެކަން ވަނީ ހަނދާންކޮށްދީފައެވެ.

އާމްދަނީން ނަގާ ޓެކުހުގެ 2022ވަނަ އަހަރުގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅަންޖެހޭނީ އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރެއިން 2021 ވަނަ އަހަރު ދައްކަންޖެހުނު ޓެކުހުގެ އަދަދު 20،000 ރުފިޔާއަށްވުރެ އިތުރުވާ ފަރާތްތަކުންނެވެ. އަދި، 2022ވަނަ އަހަރަކީ ޓެކްސް ދައްކާ ފަރާތުގެ ފުރަތަމަ ޓެކްސް އަހަރުކަމުގައި ވާނަމަ އަންދާޒާކުރާ ޓެކުހުގެ ޢަދަދު 20،000 ރުފިޔާއަށްވުރެ އިތުރުވާނަމައެވެ.

މީރާ އިން ވަނީ މި ޓެކްސްތަކަށް އޮންލައިންކޮށް ބަޔާން ހުށަހަޅައި ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިފައިވާކަން ހަނދާންކޮށްދީ، ޓެކުހާ ގުޅޭ ޒިންމާތައް އަދާކުރުމަށް މީރާއަށް އައުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކުންވެސް މީރާކަނެކްޓް ބޭނުންކުރުމަށް އިސްކަންދިނުމަށް ވެސް އެދިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.