ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް ކައުންސިލުން ނިންމުމުން ސަރުކާރުން ހުރަސް އެޅުމަކީ ލަދުވެތި ކަމެއް: ޝުޖާއު

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގަވާ 3 ސްކޫލް ކަމަށްވާ މާފަންނު މަދަރުސާ ގަލޮޅު މަދަރުސާ އަދި އަހުމަދިއްޔާ ސްކޫލްގެ ޓީޗަރުންނާއި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެގޮތުން ޓީޗަރުންގެ ދުވަސް ފާހަގަކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމުމުން ސަރުކާރުން އެކަމަށް ހުރަސް އެޅުމަކީ ލަދުވެތި ކަމެއް ކަމުގައު ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ކައުންސިލްގެ އިވެންޓް ކޮމެޓީގެ ޗެއާރމަން އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 74 ވަނަ ރަސްމީ އާއްމު ޖަލްސާގައި އޮކްޓޯބަރ 20 ވަނަ ދުވަހު ކައުންސިލްގެ ފަރާތުން ޓީޗާރސް ޑޭ ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ޙަރަކާތާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހުޅުވާލި ފުރުޞަތުގައި ވާހަކަ ދައްކަވަމުންނެވެ. ޝުޖާއު ވިދާޅުވީ މިކަން ޖަލްސާގައި ހާމަކުރަން ބޭނުންވީ ހުރިހާ ކައުންސިލަރުންނަށް އެކަމާއިގުޅޭ މަޢުލޫމާތު ދިނުމުގެ ބޭނުމުގައިކަމަށެވެ.

ޝުޖާއު ވިދާޅުވީ ތަޢުލީމު އުނގަންނަވައިދޭން ތިބޭ މުދައްރިސުންނަކީ ޤައުމެއް ބިނާ ކުރުމުގަ އެންމެ އިސް ދައުރެއް އަދާކުރާ އެއްބައެއްކަން ހުރިހާ އެންމެންވެސް ޤަބޫލުކުރާ ކަމަށާއި، ކައުންސިލުން މިދުވަސް ފާހަގަކުރަން ބޭނުންވީ މި ސަބަބުތަކަށްޓަކައި ކަމަށެވެ.

ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 3 ސްކޫލްގެ ކަންތައްތައް ވަރަށް ގާތުން ބަލަމުންގެންދާކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ އެ ސްކޫލްތަކުން ބައެއް ޙާލަތްތަކުގައި އެޑިޔުކޭޝަން މިނިސްޓްރީގައި އެބޭފުޅުންނަށް ދިމާވާ މައްސަލަތަކުގެ ވާހަކަ ދެންނެވުމުން އެކަންތައްތައް ދަންނަވަންޖެހޭނީ ސިޓީ ކައުންސިލަށްކަމަށް އެޑިޔުކޭޝަނުން ވިދާޅުވާ ކަމަށެވެ. އެހެންނަމަވެސް ޓީޗަރުންގެ ދުވަސް ކައުންސިލުން ފާހަގަކުރަން ނިންމުމުން އެޑިޔުކޭޝަނުން ވަނީ ކައުންސިލުން ކުރާ ކަމެއްގައި ބައިވެރި ނުވުމަށް އެ ސްކޫލްތަކަށް އަންގާފައިކަމަށް ޝުޖާއު ވިދާޅުވި އެވެ.

މާލެ ސިޓީ ކައުންސިލްގެ އިވެންޓް ކޮމެޓީއިން ކައުންސިލުން ބަލަހައްޓާ 3 ސްކޫލްގައި ޓީޗަރުންގެ ދުވަސް ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ޚާއްސަ ޙަފްލާއެއް ބޭއްވުމަށް ނިންމިނަމަވެސް އެ ތާރީޚުގައި އެ ޙަފްލާ ނުބޭއްވުނީ މިކަމުގެ ހުއްދަ ސަރުކާރުން ނުދެއްވުމުން ކަމަށް ޝުޖާއު ވިދާޅުވި އެވެ. އަދި 1 ނޮވެމްބަރު ގައި މި 3 ސްކޫލްގެ ޓީޗަރުންނާއި މުވައްޒަފުންނަށް މި ހަދިޔާތައް ހަވާލުކޮށްފައިވާކަން ޝުޖާއު ފާހަގަކުރެއްވި އެވެ.

މިއާއިއެކު މި ޙަފްލާ ކުލަގަދަކޮށް ނުބޭއްވުނީ އެޑިޔުކޭޝަނާއި ރައީސް އޮފީހުން މިކަމަށް ހުރަސް އަޅައި ސްކޫލްތަކަށް ބިރުދެއްކުމުން ކަމަށް ޝުޖާއު ތުހުމަތުކުރެއްވި އެވެ.

މީގެ އިތުރުން ޝުޖާއު ވިދާޅުވީ ކައުންސިލްގެ މެންޑޭޓްގައި ވާކަމެއް ކުރުމަށް އުޅުމުން ސަރުކާރުން ބިރުން އުޅުމަކީ އަޖައިބުވާކަމެއްކަމަށާއި، މި ކަމަށް ސަރުކާރުން ހުރަސްއެޅީ ސިޔާސީ ކަމެއް ކުރާކަމަށް ތުހުމަތު ކޮށްފައި ކަމަށެވެ.

ކައުންސިލަރު ޝުޖާއުގެ ވާހަކައިގައި ވަނީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ 3 ސްކޫލްގެ ޓީޗަރުންނާއި މުވައްޒަފުން ކުރާ ބުރަ މަސައްކަތަށް ކައުންސިލަރުންގެ ނަމުގަޔާއި އިވެންޓް ކޮމެޓީ ގެ ނަމުގައި ޝުކުރު ދަންނަވާފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.