އެކާވީސްވަނަ ސައްތައިގެ އިޖްތިމާޢީ ވަބާތަކުގެ ތެރެއިން އެއްޖިންސުން އުޅުމުގެ ވަބާ - 2

އަސްލު ލިޔުއްވީ: ޑޮކްޓަރ މުޙައްމަދު ރިޒަލް އިސްލާމް ނަދުވީ

ތަރުޖަމާކުރީ: ޢަބްދު اللّـه ފާރޫޤު ޙަސަން

(19 އޮކްޓޯބަރު 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ވޭތުވެދިޔަ ސައްތައިގެ އަށްޑިހައިގެ އަހަރުތަކުގައި ހުޅަނގުގައިކުރި ސާރވޭތަކުން އެނގިފައިވާގޮތުގައި އެއްޖިންސުންއުޅޭ މީހުންގެ އެވްރެޖު ޢުމުރު ވަރަށްބޮޑަށް ކުރުވެއެވެ. 2002 ގެ ސާރވޭއަކުން އެނގިފައިވަނީ އެއްޖިންސުންއުޅުމުގެ ފާޙިޝް ޢަމަލުކުރާ މީހުން އެކަން ނުކުރާ މީހުންނަށްވުރެ ދެބައިކުޅައެއްބައި ޢުމުރު ކުރުކަމެވެ. އެއްޖިންސުންއުޅުމަކީ އެނުބައި ޢަމަލާއެކު ގައިންގަޔަށްއަރާ ބަލިތަކާއި ގައިންގަޔަށްނާރާ އެތަކެއް ބަލިތަކެއްގެ "ހަދިޔާ" ގެންނަކަމެކެވެ. އެކަމަށް އާދަވެފައިވާ މުޖްރިމުންނާއެކު އެބައިމީހުންނާ ގުޅިގެންއުޅޭ މީހުންނަށް އޭގެ ނުރަނގަޅު ނަތީޖާގެ ރަހަ ދެކޭންޖެހެއެވެ. ބައެއް މިސާލުތައް ހުށަހަޅައިލަމެވެ.

ހ. ޕައިލްސް (Hemorrhoids)

ށ. ފުރަގަސްފަރާތް ކަނޑައިގެންދިޔުން (Anal Fissure)

ނ. ފުރަގަސްފަރާތަށް އަނިޔާވުން (Anorectal Trauma)

ރ. ފުރަގަސްފަރާތަށްޖެހޭ ކެންސަރު (Anal Cancer)

ބ. ސިފިލިސް (Syphilis)

ޅ. ގޮނޯރިޔާ (Gonorrhea)

ކ. ހެޕަޓައިޓިސް ބީ. އާއި ސީ. (Hepatitis B & C)

މި ފާޙިޝް ޢަމަލުގެ ސަބަބުން މިނޫންވެސް އެތަކެއް ޖިންސީ ބަލިތަކަށާއި އެނޫން ބަލިތަކަކަށް ހުރަހެޅެއެވެ.

އެއިޑްސްއަކީވެސް ދުނިޔޭގެ ތާރީޚުގައި ބިރުވެރި ވަބާއެއްގެ ސިފަ ޚިޔާރުކޮށްފައިވާ ނުރައްކައުތެރި ބައްޔެކެވެ. އެބަލީގެ ސަބަބުން އެތަކެއްލައްކަ ބަޔަކުވަނީ މަރުގެ އަނގަޔަށް ގޮސްފައެވެ. އެ ނުރައްކައުތެރި ބަލީގެ ޝިކާރަޔަކަށްވެފައިވާ މީހުންގެ ޢަދަދު އެތަކެއްލައްކައިން ގުނައިލެވެއެވެ. މެޑިކަލް ސައިންސަށް އައިސްފައިވާ އާދަޔާޚިލާފު ތަރައްޤީއާއެކުވެސް މި ނުރައްކައުތެރި ބިރުވެރި ބައްޔަށް ފުރިހަމަޔަށް ޝިފާލިބޭ ބޭހެއް އަދިވެސް ނުއުފެއްދެއެވެ. ސާރވޭ ރިޕޯޓުތަކުން އެނގިފައިވާގޮތުގައި ޢާންމުންނަށްވުރެ ފަސޭހައިން އެއިޑްސްގެ ޝިކާރަޔަކަށްވަނީ އެއްޖިންސުންއުޅޭ މީހުންނެވެ. އެހެންކަމުން ދުނިޔޭގެ އެއްވެސް ޤައުމަކުން އެއްޖިންސުންއުޅޭ މީހުންގެ ފަރާތުން ލޭގެ ހަދިޔާ (Blood Donation) ޤަބޫލުކުރުމުގައި މައްސަލަ އުޅެއެވެ.

އެޗް.އައި.ވީ./އެއިޑްސްބަލި ނައްތައިލުމަށްޓަކައި އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއިން ގެންދަނީ ވަރަށްބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެނަތީޖާއެއްގެގޮތުން އެއިޑްސްބަލީގެ މީހުން ދުވަހެއް ދުވަހަކަށް އަންނަނީ މަދުވަމުންނެވެ. ނަމަވެސް ރިޕޯޓުތަކުން އެނގޭގޮތުގައި އެއްޖިންސުންއުޅޭ ފިރިހެނުންގެ ތެރޭގައި HIV/AIDS ދަނީ އިތުރުވަމުންނެވެ. އެއިޑްސް ކޮންޓްރޯލް ކުރުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ހިންގާ ޕްރޮގްރާމް UNAIDS ގެ 2013 ގެ ރިޕޯޓުގައި ޞަރީޙުކޮށް ބަޔާންކޮށްފައިވެއެވެ.

“Although the incidence of HIV infection is declining in most regions of the world, the incidence among men who have sex with men appears to be rising in several places – including in Asia, where this mode of transmission is a major contributor to the HIV epidemics of several countries. Globally, men who have sex with men are estimated to be 13 times more likely to be living with HIV than the general population”.

"އެޗް.އައި.ވީ. އިން އަސަރުފޯރުމުގެ ހާދިސާތައް ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި އަންނަނީ ހުއްޓުމެއްނެތި މަދުވަމުންނެވެ. ނަމަވެސް އެކި ސަރަޙައްދުތަކުގައި އެއްޖިންސުންއުޅޭ ފިރިހެނުން މިބަލީގެ ޝިކާރަޔަކަށްވުން ދަނީ ދުވަހެއްދުވަހަކަށް އިތުރުވަމުންނެވެ. އޭޝިޔާގައެވެ. އޭޝިޔާގެ ވަރަށްގިނަ ޤައުމުތަކުގައި އެޗް.އައި.ވީ. ވަބާއެއްގެ ސިފަ އިޚްތިޔާރުކުރަމުންދާ އެންމެބޮޑު އެއްސަބަބަކީ އެއްޖިންސުންއުޅުމެވެ. ޢާލަމީ ފެންވަރުގައި ބަލައިލާއިރު ފިރިހެންކުޅީ މީހުން (އެއްޖިންސުންއުޅޭ ފިރިހެނުން) ގެ ތެރޭގައި އެޗް.އައި.ވީ. ފެތުރޭ މިންވަރު ޢާންމު އާބާދީއަށްވުރެ ތޭރަގުނަ އިތުރެވެ."

ކެޕިޓަލިސްޓް އިސްތިޢުމާރުގެ ނުބައި ރޭވުމެއް

އެއްޖިންސުންއުޅުމުގެ މައްސަލައާ ގުޅޭގޮތުން އުފެދޭ ވަރަށް މުހިންމު ސުވާލެކެވެ. އެއްޖިންސުންއުޅުމަކީ މުޖްތަމަޢަށް މިހައި ނުރައްކައުތެރި އަދި އިންސާނީ އާބާދީއަށް މިހައި ބިރުވެރި އަސަރުތަކެއްފޯރުވާ ކަމަކަށްވާއިރު މުޅިދުނިޔޭގައި މި ފާޙިޝް ވަބާ މިހައިބޮޑަށް ފެތުރެމުންދަނީ ކީއްވެގެންބާވައެވެ؟ ފަތުރަމުން ގެންދިޔުމުގެ ބޭނުމަކީ ކޮބައިބާވައެވެ؟ ދުނިޔޭގެ ސަތޭކަޔަށްވުރެގިނަ ޤައުމުންވަނީ މި ފާޙިޝް ކަންތައްތައް އަދަބުދޭންޖެހޭ ކުށްކުށުގެ ލިސްޓުން ނަގައިފައެވެ. ވަރަށްގިނަ ޤައުމުތަކުން ގެންދަނީ އެއްޖިންސުންއުޅުމުގެ ނުތާހިރު ޢަމަލު ހިންގާ މީހުންނަށް އެކަންފަހިވެ ހިތްވަރު ލިބޭގޮތަށް ޤާނޫނުތަކާއި ގަވާއިދުތައް ހަދަމުންނެވެ. އޭގެސަބަބަކީ ކޮބައިބާވައެވެ؟

މި ސުވާލުގެ ޖަވާބުގައި ދަންނަވާންޖެހެއެވެ. މިހާރަކަށްއައިސް ދުނިޔޭގައި ޙަޤީޤަތުގައި ވެރިކަންކުރަނީ ކެޕިޓަލިސްޓުންނެވެ. ވުނޭރުންނެވެ. ދުނިޔޭގައި ހިނގަނީ އެބައިމީހުންގެ މަނަހެވެ. ދުނިޔޭގެ ޤައުމުތަކުން ޕޮލިސީތައް ހަދަނީ އެބައިމީހުންގެ ކަޅިމަތިބަލައިގެންނެވެ. ވުނޭރުންނަށް މަންފާހުރި ހުރިހައިކަމެއް ދިރުވައި އާލާކުރެވެއެވެ. އެބައިމީހުންނަށް މަންފާއެއްނެތް ކޮންމެކަމެއްގެ ކުރިމަރައިލެވެއެވެ. އެއްޖިންސުންއުޅުމުގެ ވަބާ މިހާރުވަނީ ދުނިޔޭގެ ފެންވަރުގައި ވަރަށްބޮޑު އިންޑަސްޓްރީއަކަށް ވެފައެވެ. ތަފާތު ޤައުމުތަކުގައި އެއްޖިންސުންއުޅޭ މީހުންނަށްޓަކައިވަނީ ބޮޑެތި ހޮޓާތައް އިމާރާތްކޮށްފައެވެ. ފެންވަރު ރަނގަޅު ރެސްޓޯރަންޓުތައް ހުޅުވައިފައެވެ. އެބައިމީހުންގެ ކްލަބް (Gay Clubs) ތައް ހިންގައެވެ. އެބައިމީހުންނާ ބެހޭގޮތުން ނުހަނު ފުޅާދާއިރާއެއްގައި ލިޓްރެޗަރ (Gay Literature) ޝާއިޢުކުރެވެއެވެ. ދޭތެރެދޭތެރެއިން މުޒާހަރާތަކާއި ރެލީތައް (LGBT Pride Parade) އިންތިޒާމު ކުރެވެއެވެ. މިނޫންވެސް ޢައްޔާޝީކަމާއި ޝަހުވަތްތެރިކަމުގެ ހުޅުރޯވާކަހަލަ ޙަރަކާތްތައް ބާއްވައެވެ. އެކަންކަމުން ވުނޭރުންނަށް ބިލިޔަން ޑޮލަރުން ޓްރިލިޔަން ޑޮލަރުން ވުނަކުރެވެއެވެ. އެހެންކަމުން ވުނޭރުން ބޭނުންވަނީ އެއްޖިންސުންއުޅުން ވީހައިވެސް ފުޅާދާއިރާއެއްގައި ކުރިލައިހެދުމެވެ. ފެތުރި ޢާންމުވުމެވެ. އެބައިމީހުންގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށްޓަކައެވެ. އެކަމުގެ ސަބަބުން އިންސާނިއްޔަތަށް ލިބޭ ގެއްލުމަކީ އެ އަމިއްލަ އެދުމުގައި ހިތްކަނުވެފައި ތިބޭމީހުން ވިސްނާކަމެއް ނޫނެވެ.

One Photos - TFbSMD3CkceMNPGj06RjnVE0n.jpg
މާތް ﷲ ޝަހުވަތު ލެއްވީ ދެޖިންސުގެ ދެމީހަކު އެކަކު އަނެކެއްގެ ކިބައިން ހިތުގެ އުފަލާއި އަރާމާއި ލޭފަވެތިކަން ލިބިގަނެ ދެމީހުންގެ ދެމެދުގައި ކުރެވޭ ލޯބީގެ މުޢާމަލާތުގެތެރެއިން އިންސާނީ ދަރިފަސްކޮޅު ދެމެހެއްޓެވުމަށް. އެމަތިވެރި މަޤްޞަދު ޙާޞިލު ނުވާގޮތަށް އެއްޖިންސުން ޝަހްވަތުގެ އަލާކެނޑުވުމަކީ ފިޠުރަތާ ދެކޮޅަށް ކުރާ ބަޣާވަތެއް. ---

ހުރިހައި ދީންތަކެއް އެއްޖިންސުންއުޅުމާ ދެކޮޅުހަދައެވެ.

އެއްޖިންސުންއުޅުމުގެ ސަބަބުން އިންސާނިއްޔަތަށްލިބޭ މާސިންގާ ގެއްލުންތަކާއި އެކަމުގެ ހަޑިހުތުރުކަމުގެ ސަބަބުން ދުނިޔޭގެ ހުރިހައި ދީންތަކެއް އެކަމާ ދެކޮޅުހަދައެވެ. އެއްޖިންސުން އުޅުމަކީ އިންސާނިއްޔަތާ ޚިލާފު ޖަރީމާއެއްކަމުގައި ޤަބޫލުކުރެއެވެ. އެންމެ އިސްތިސްނާއެއް ފިޔަވައެވެ. އެއީ ފާދަރުންނެވެ. ޔޫރަޕުގެ ޤައުމުތަކުގައި މިވަބާ މާބޮޑަށް ޢާންމުވުމުގެ ސަބަބުން ޗާޗުތަކާ ގުޅިފައިވާ ދީނީ އިމާމުންނަށްވެސް އެކަމުގެ ނޭދެވޭ އަސަރުން ސަލާމަތްވެވަޑައިގެންނެވިފައެއް ނުވެއެވެ. އެހެންކަމުން ކްރިސްޓިޔަންދީނުގެ ފާދިރީން އެމައްސަލައިގައި ޢަމަލީގޮތުން ސާބިތުކުރައްވަނީ ތަންކޮޅެއް ދޫގޮތެކެވެ. މައިތިރި ރަވައްޔާއެކެވެ. އެކަމަކުވެސް އެބޭފުޅުންނަކަށްވެސް ދީނީގޮތުން އެކަން ހުއްދަކުރެއްވޭނެ އެއްވެސް ހީލަތެއް ފެނިވަޑައެއް ނުގެންނެވިއެވެ. ހިންދުސްތާނުގެ ހުރިހައި ދީންތަކެއްގެ މީހުންވެސް (މައިގަނޑު ދީންތައްކަމުގައިވާ ހިންދީންނާއި ޖީންމަޒުހަބުގެ މީހުންނާއި ބުދުދީނުގެ މީހުންނާއި، ސިކުންނާއި) އެނޫން ދީންތަކުގެ އެންމެންވެސް އެއްޖިންސުންއުޅުމަކީ އެއުރެންގެ ދީންތަކުގައި މަނާކަމެއްކަން ޤަބޫލުކުރެއެވެ.

އިސްލާމްދީނަކީ އަރަހުށި މާތް اللّــه އިންސާނިއްޔަތަށް ފޮނުއްވި ރަޙުމަތެކެވެ. އެދީނަކީ ރަޙްމަތުގެ ދީނެވެ. އެހެންކަމުން އިންސާނިއްޔަތަށް ގެއްލުންހުރި ކޮންމެކަމަކާ އެދީން ދެކޮޅުހަދައެވެ. އިންސާނިއްޔަތަށް ފައިދާހުރި ކޮންމެކަމަކަށް ހިތްވަރުދީ ބާރުއަޅައެވެ. އެއްޖިންސުންއުޅުމާމެދު އިސްލާމްދީނުގެ މައުޤިފު ވަރަށް ސާފެވެ. ވަރަށް ޞަރީޙައެވެ. އިސްލާމްދީންވަނީ ނުހަނު ބާރުހުރި ޢިބާރަތްތަކަކުން އެކަން ކުށްވެރިކޮށްފައެވެ. އެކަން ހުއްޓުވުމަށްޓަކައި ރައްކައުތެރިވުމުގެ ތަދްބީރުތައް ޚިޔާރުކޮށްފައެވެ. އެ ފާޙިޝް ޢަމަލަށް އަރައިގަންނަ މީހުންނަށް ޢިބްރަތްތެރި ބޮޑެތި އަދަބުތަކެއް ކަނޑައަޅައިފައެވެ. ދުނިޔެއާއި އާޚިރަތުގައެވެ. އަންނަނިވި ފޮޅުވަތްތަކުގައި ކޮންމެވެސް މިންވަރަކަށް އޭގެ ތަފްސީލުތަކަށް އަލިއަޅުވައިލެވޭނެއެވެ.

އިސްލާމްދީނުގެ ނަޒަރުގައި ޖިންސު

އިސްލާމްދީނުގައިވާގޮތުން އަރަހުށި މާތް اللّــه ހުރިހައި މަޚްލޫޤާތުތަކެއް ހެއްދެވީ ޖޯޑުޖޯޑަށެވެ. ވަޙީކުރައްވައިފައިވެއެވެ.

"ކޮންމެއެއްޗަކުން ތިމަންރަސްކަލާނގެ (އަންހެން ފިރިހެން) ދޭތި އުފެއްދެވީމެވެ." (الــذّاريـــات: 49)

އާދެ، މިއީ ޒައުޖިއްޔަތުގެ ޤާނޫނެވެ. ގަސްގަހާގެއްސާއި ޙަޔަވާނާތާއި އިންސާނުންގެ ތެރޭގައިވެސްވަނީ މިޤާނޫނެވެ. މިޤާނޫނުގެ މަޤްޞަދަކީ ހުރިހައި އެއްޗެއްސެއްގެވެސް ނަސްލު އިތުރުވަމުންދިޔުމެވެ. ޤާނޫނުގެ ޒަރީޢާއިންނެވެ. ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.

"ބިމުން ފަޅައިގެންހެދޭ ތަކެތީގެ ތެރެއިންނާއި، އެއުރެންގެ އަމިއްލަ ނަފުސުތަކުންނާއި، އެއުރެން ނުދަންނަ ތަކެތީން، ޖޯޑުޖޯޑަށް ހުރިހައި ތަކެތި ހެއްދެވި ރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ." (يـس: 36)

އަދިވެސް ވަޙީކުރައްވައިފައިވެއެވެ.

"އެކަލާނގެއީ އިސްވެދިޔަ މިސާލަކާނުލައި އުޑުތަކާއި، ބިން ހެއްދެވި ރަސްކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ތެރެއިން އަނބީން ލެއްވިއެވެ. އަދި އެކަލާނގެ ނަޢަމުސޫފީގެ ތެރެއިން ދެޖިންސުގެ ތަކެތި ލެއްވިއެވެ. އެކަލާނގެ އެގޮތުން ތިޔަބައިމީހުން ގިނަކުރައްވަތެވެ." (الشّـــورى: 11)

މި މާތް އާޔަތުގައިވަނީ ޖިންސީގުޅުމުގެ މަޤްޞަދު ބަޔާންކުރައްވައިފައެވެ. އާދެ، ކޮންމެ ޖޯޑެއްވެސް (ދެމަފިރިޔަކުވެސް) އެކަކު އަނެކެއްގެ ޒަރީޢާއިން ހިތްހަމަޖެހުމާއި ހިތްގައިމުކަން ލިބިގަތުމެވެ. އެއުރެންގެ މެދުގައި ލޯތްބާއި ހިތުގެ ގާތްކަމުގެ ޖައްވެއް ޤާއިމުވެފައި އޮތުމެވެ. ދެވަނަ އަދި މުހިންމު މަޤްޞަދަކީ ދަރިމައިވުމުގެ ޒަރީޢާއިން ނަސްލު އިތުރުވެ ދެމިގެން އައުމެވެ. އަނބީންނާއެކު ޖިންސީގުޅުން ޤާއިމުކުރުމާ ބެހޭގޮތުން ކީރިތި ޤުރްއާނުގައި ސާފުބަސްފުޅުން އަންގަވައިފައިއެވަނީ އެކަމުގެ މަޤްޞަދަކީ ނަސްލު އިތުރުކުރުންކަމެވެ. އެމަޤްޞަދު ޙާޞިލުކުރުމަށް އެވަނީ ބާރުއަޅުއްވައިފައެވެ. އެއްޖިންސުންއުޅުމަކީ މާތް اللّــه ޖިންސީ ކަޝިޝް ލެއްވި މަޤްޞަދު ޙާޞިލުވާކަމެއް ނޫނެވެ. އަދިވެސް ވަޙީކުރައްވައިފައިވެއެވެ.

"ފަހެ، މިހާރު ތިޔަބައިމީހުން އެކަނބަލުންގައި ބީހިއުޅޭށެވެ! (އެބަހީ: ޖިމާޢުވުން ހުއްދަކުރައްވައިފިއެވެ. ޖިމާޢުވެ އުޅޭށެވެ.) އަދި ތިޔަބައިމީހުންނަށްޓަކައި اللّــه ކަނޑައަޅުއްވައިފައިވާގޮތް އެދޭށެވެ!" (الــبــقـــــرة: 187)

މި މާތް އާޔަތުގެ ތަފްސީރުގައި عـــلاّمـــــة زمحــشـــرى ލިޔުއްވައިފައިވެއެވެ.

"ހުސްއެކަނި ޝަހްވަތްތެރިކަން ފުއްދުމަށްޓަކައި އެއްދާން ނުކުރާށެވެ. ޖިމާޢުނުވާށެވެ. އަދި ކީއްހެއްޔެވެ؟ އަރަހުށި މާތް اللّــه އެކަމަކަށްޓަކައި ކާވެނި ޝަރްޢުކުރެއްވި މަޤްޞަދަށް އިސްކަންދޭށެވެ. ޖިމާޢުވުމުގެ މަޤްޞަދަކީ ނަސްލު ސިލްސިލާކުރުމެވެ. އެކަން އަމާޒަކަށް ހަދާށެވެ." (އަލްކުއްޝާފު ޢަންޙަޤާއިޤުއްތަންޒީލި: 1/229. إبـــن عــبــاّس އާއި، مجـــاهـــد އާއި، عـكــــرمـــة އާއި ضحّــاك އާއި ســــدى (رحـمــهــم اللّــه) އާއި އެނޫންވެސް މުފައްސިރުންގެ އަރިހުންވެސް އައިސްފައިވަނީ މި ތަފްސީރެވެ. ބައްލަވާ މާވަރުދީ، ރާޒީ، ބައިޟާވީ، އިބްނުކަޘީރު رحـمــهــم اللّــه ގެ ފޮތްތައް)

عـــلاّمـــــة آلـــوسِـــى ވިދާޅުވެފައިވެއެވެ.
"މިއާޔަތުން ދަލީލު ލިބެނީ ޖިންސީގުޅުން ޤާއިމުކުރާމީހުން އެކަމުގެ ޒަރީޢާއިން ނަސްލު ދަމަހައްޓައި ރައްކައުތެރިކުރަން ޢަޒުމު ކަނޑައަޅާން ޖެހޭނެކަމުގެ މައްޗަށެވެ. އެބައިމީހުންގެ ބޭނުމަކީ ހުސްއެކަނި ޝަހުވަތްތެރިކަން ފުއްދުންކަމުގައި ވެގެންނުވާނެކަމުގެ މައްޗަށެވެ. އެހެނީ އަރަހުށި މާތް اللّــه سبحـانــه وتـعــالــى އަހަރެމެންގެ ކިބައިގައި ޖިމާޢުވުމުގެ ޝައުޤުވެރިކަން ލައްވައިފައިވަނީ އަހަރެމެންގެ ނަސްލު ދެމެހެއްޓެވުމަށްޓަކައެވެ. އަހަރެމެންގެ ހަށިތައް ދެމެހެއްޓެވުމަށްޓަކައި ކެއުމުގެ އެދުން ލައްވައިފައިވާ ފަދައިންނެވެ." (އާލޫސީ، ރޫޙުލްމަޢާނީ: 1/462)

އަރަހުށި މާތް اللّــه سبحـانــه وتـعــالــى ކީރިތި ޤުރްއާނުގެ އެހެން އާޔަތެއްގައި ވަޙީކުރައްވައިފައިވެއެވެ.

"ތިޔަބައިމީހުންގެ އަނބީންނީ، ތިޔަބައިމީހުންގެ ދަނޑުބިމެކެވެ. ފަހެ، ތިޔަބައިމީހުން ބޭނުންފަދައަކުން ތިޔަބައިމީހުންގެ ދަނޑުބިމަށް އަންނާށެވެ! (އެބަހީ: ނަސްލު އުފެއްދުމުގެ މަގު ޚިޔާރުކުރާށެވެ!) އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށްޓަކައި (ހެޔޮކަންތައް) އިސްކުރާށެވެ! އަދި ތިޔަބައިމީހުން اللّــه އަށް ތަޤްވާވެރިވާށެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނީ އެކަލާނގެއާ ބައްދަލުވާނެ ބަޔަކުކަން ތިޔަބައިމީހުން ދަންނާށެވެ!" (الــبــقـــــرة: 223)

މުފައްސިރުންވަނީ މިއާޔަތުގެ ބައެއްކަމުގައިވާ (وَقَــدِّمُــــوْ لأَنْــفُـسِـكُــــمْ) މިބަސްފުޅުގެ އެތައް މަފްހޫމުތަކެއް ބަޔާންކުރައްވައިފައެވެ. އޭގެތެރެއިން އެއްމަފްހޫމަކީ ޖިންސީގުޅުމުގެ ޒަރީޢާއިން ދަރީން ލިބުމަށާއި ނަސްލު ދެންމެވުންއެދެން އަމުރުކުރައްވައިފައިވާކަމެވެ. (ޒަމްޙަޝްރީ، ބަޣަވީ، ބައިޟާވީ، އިބްނުޢަޠިއްޔާ، އަބޫޙައްޔާން، ޤުރްޠުބީ رحـمــهــم اللّــه ގެ ފޮތްތައް ބައްލަވާ)

މަތީގައި ބަޔާންކުރި ބަހުސުން އެނގިވަޑައިގަންނަވާނެ ފަދައިން އަރަހުށި މާތް اللّــه ޖިންސީކަޝިޝް (ޖިންސީ ދަމާބާރު) ލެއްވުމުގެ އެންމެ ޚާއްޞަ ޙިކްމަތަކީ ދަރީންހޯދުމާއި ނަސްލު ދެމެހެއްޓެވުމެވެ. އެއްޖިންސުންއުޅުމަކީ ނަސްލު އިތުރުވާކަމެއް ނޫނެވެ. އެއީ އެމަތިވެރި ނިޢުމަތަށް ހަރާންކޯރުވުމެވެ.

One Photos - tPL3XWKzidKtaaYwFJDowJLgT.png
އިންސާނާ އެފިޠުރަތެއްގެމަތީގައި ހައްދަވައިފައިވާ ފިޠުރަތު ދަޢުވަތުދެނީ ހަންހާރަވެތިކަމާ ކުލުނާއެކު އިންސާނީ ނަސްލުއިތުރުކުރަމުން ގެންދަން. ---

ލޫޠުބާގައި މީހުންގެ ހާދިސާއިން ޢިބްރަތް ލިބިގަތުން

އަރަހުށި މާތް اللّــه ކީރިތި ޤުރްއާނުގައިވަނީ އިސްވެދިޔަ ޤައުމުތަކުގެ ތެރެއިން ބައެއް ޤައުމުތަކުގެ މީހުންގެ ވާހަކަ ބަޔާންކުރައްވައިފައެވެ. އިންސާނުން ޢިބްރަތާއި ނަސޭހަތް ލިބިގަތުމަށްޓަކައެވެ. އެކަލާނގެ ކޯފާއާއި ޢަޒާބަށް ބިރުވެތިވެ ތިމާމެންގެ ނަފުސުތައް އިޞްލާޙުކުރުމަށްޓަކައެވެ. އަރަހުށި މާތް اللّــه މިގޮތުން އެބައެއްގެ ވާހަކަ ބަޔާންކުރައްވައިފައިވާ އެއްބަޔަކީ ލޫޠުބާގައިގެ މީހުންނެވެ. لـــوط عــلـيــــه الـسّـــلام އެބައެއްގެގާތަށް ރަސޫލުކަމާއިގެން ފޮނުއްވުނު މީހުންނެވެ.

އެބައިމީހުންނަކީ މާތް اللّــه އަށް ޝަރީކުކޮށް ބުދަށް އަޅުކަންކުރި ބައެކެވެ. އެނޫންވެސް ނުބައި އެތައްކަމެއް ކަށީގައި ހިފައިފައިވާ ބައެކެވެ. އެހުރިހައި ނުބައިކަންތައްތަކެއްގެ ތެރެއިންވެސް އެންމެ ހުތުރުކަންބޮޑު ފާހިޝް ޢަމަލަކީ އެއްޖިންސުންއުޅުމެވެ. لـــوط عــلـيــــه الـسّـــلام އެބައިމީހުންނަށް ތައުޙީދުގެ ދަޢުވަތު ދެއްވިއެވެ. ނުބައި ޢަމަލުތައް ދޫކޮށްލަން ނަސޭހަތްދެއްވިއެވެ. އެއާއެކު އޭގެކުރީން ދުނިޔޭގެ އެއްވެސްބަޔަކު ކޮށްފައިނުވާ ނުބައި ފާޙިޝް ޢަމަލެއްކަމުގައިވާ އެއްޖިންސުންއުޅުމުގެ ފާޙިޝް ޢަމަލު ކުރަމުންގެންދާތީ އެކަމުގެ ނުބައި ނަތީޖާއާމެދު ޚާއްޞަގޮތެއްގައި އިންޒާރު ކުރެއްވިއެވެ.

"ތިޔަބައިމީހުންގެކުރީން، ޢާލަމްތަކުގެތެރެއިން އެކަކުވެސް ކޮށްފައިނުވާ ފާޙިޝް ޢަމަލު ތިޔަބައިމީހުން ކުރަނީހެއްޔެވެ؟ ހަމަކަށަވަރުން ތިޔަބައިމީހުން ޝަހްވާނީގޮތުން، އަންހެނުންދޫކޮށް، ފިރިހެނުންގެގާތަށް ދަމުއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ފާފަކުރުމުގައި) ހައްދުފަހަނަޅައިފައިވާ ބަޔަކީމުއެވެ. (الأعــــــراف: 80، 81)

އެހެން އާޔަތެއްގައި ތަންބީހުގެގޮތުން ވަޙީކުރައްވައިފައިވެއެވެ.

"ޚަލްޤުތަކުންގެ ތެރެއިން ފިރިހެނުންގެގާތަށް ތިޔަބައިމީހުން އަންނަނީހެއްޔެވެ؟ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުނަށްޓަކައި ހައްދަވައި (ޙަލާލުކުރައްވައި) ފައިވާ އަނބީން ދޫކުރަނީހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ނުބައިކަންތައްތަކުގައި) ހައްދުފަހަނަޅައިދާ ބަޔަކީމުއެވެ." (الشّعراء: 165، 166)

لـــوط عــلـيــــه الـسّـــلام ގެ ނަސޭހަތްޕުޅާއި އިންޒާރުކުރެއްވުމަކުން لـــوط ބާގައިގެ މީހުންގެ ހިތްތަކަކަށް ކުޑަވެސް އަސަރެއް ނުކުރިއެވެ. لـــوط ގެފާނު އެބައިމީހުންގެ ތެރޭގައި ހުންނެވުމަކީ ބުރައެއްކަމުގައި އެބައިމީހުން ދެކޭންފަށައިފިއެވެ. އެހެންކަމުން ހުއްޓައިނުލައި ނުކިޔަމަންތެރިކަމާއި ބޯހަރުކަން ދައްކާންފަށައިފިއެވެ. މަލާމާތުގެގޮތުން އެކަކުއަނެކަކަށް ބުނެއުޅޭންފަށައިފިއެވެ.

"ތިޔަބައިމީހުން لـــوط ގެފާނާއި އެކަލޭގެފާނަށް ތަބަޢަވެގެން ތިބިމީހުން ތިޔަބައިމީހުންގެ ރަށުން ބޭރުކޮށްލާށެވެ! ހަމަކަށަވަރުން، އެއުރެންނީ ޠާހިރުވެތިބޭ ބަޔެކެވެ." (الــنّـــمـل: 56)

لـــوط ގެފާނު އެބައިމީހުންނަށް އެތަކެއްހާސްފަހަރު ނަސޭހަތްދެއްވައި އިންޒާރު ކުރެއްވުމަކުންވެސް އެބައިމީހުންގެ ނުބައި ރަވައްޔާއަކަށް ކުޑަވެސް ބަދަލެއްނައެވެ. އެބައިމީހުންގެ މައްޗަށް ހުއްޖަތް ޤާއިމުކުރެއްވިއްޖެހިނދު މާތް اللّــه ގެ ނިޔާފުޅު އަތުވެއްޖެއެވެ. އެބައިމީހުން ކޮށްއުޅުނު ނުބައި ޢަމަލަށްޓަކައި އެބައިމީހުން މި ހަސްތީން ފަނާކުރައްވައި ނައްތައިލައްވައިފިއެވެ. އެބައިމީހުންނަށް ފޮނުއްވި ބިރުވެރި ޢަޒާބުގެ ވާހަކަ ކީރިތި ޤުރްއާނުގެ އެތައް އާޔަތްތަކެއްގައިވަނީ ބަޔާންކުރައްވައިފައެވެ.

هــــــود ســــورة ގައި ވަޙީކުރައްވައިފައިވެއެވެ.

"ދެންފަހެ، ތިމަންރަސްކަލާނގެ (ޢަޒާބުގެ) އަމުރުފުޅު އައިހިނދު އެރަށުގެ މައްޗަށްއޮތްފުށް ދަށަށްޖެއްސެވީމެވެ. އަދި އަލިފާނުން ދޮންކުރައްވައިފައިވާ މަށީގެ ހިލައިން ތިމަންރަސްކަލާނގެ އެރަށަށް ވާރޭވެއްސެވީމެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި ފާހަގަކުރައްވައިފައިވާ ގޮތުގައެވެ. އަދި އަނިޔާވެރީންނަށް ދުރުގައިވާ ކަމެއްކަމުގައި އެކަންތައް ނުވެއެވެ." (هــــــود: 82، 83)

لـــوط ބާގައިގެ މީހުން ދިރިއުޅުނީ ބަޙުރުލްމައްޔިތު (ޑެޑްސީ) ގެ އިރުދެކުނުގައި ޞަދޫމާއި ޢަމޫރާއާއި، އަދުމާއާއި، ޟިބޫއީމާއި ޟިޣުރެވެ ކިޔުނު ރަށްތަކުގައެވެ. އެރަށްތަކަކީ ކަނޑުގެ އައްސޭރިއާ ގުޅިފައިވާ ފެހިކަންގަދަ ވިޔަނަ ރަށްތަކެކެވެ. އެކަމަކު މާތް اللّــه ގެ ކޯފާގެ ނަތީޖާއެއްގެގޮތުން އެރަށްތައް އަދިއަދަށްދާންދެންވެސްވަނީ ވީރާނާވެފައެވެ. އަދިވެސް އެތާނގެ ހަނަފަސްކަމާއި ވީރާނާކަމާއި ސުންޕާކަމަކަށް ބަދަލެއް ނާދެއެވެ. مـــولانـــاحـفـظ الـــرّحمـــــــن ސިޔުހާރަވީ ލިޔުއްވައިފައިވެއެވެ.

"އުރުދުންގެ ބަޙުރުލްމައްޔިތު ނުވަތަ ބަޙުރުލޫޠު އޮންނަ ހިސާބަކީ ސަދޫމާއި ޢަމާރާގެ އަވަށްތައް އާބާދުވެފައިއޮތް ހިސާބުގަނޑެވެ. އެހިސާބުގަނޑާ ކައިރި ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުން ޤަބޫލުކުރާގޮތުގައި މިހާރު ކަނޑެއްގެ ސިފައިގައި އެފެންނަ ސަރަޙައްދަކީ އެއްޒަމާނެއްގައި ހިކިފަސްތަނެވެ. އެތާނގައި ރަށްރަށް އާބާދުވެފައި އޮތެވެ. ސަދޫމާއި ޢަމާރާގެ އާބާދީއޮތީ އެތާނގައެވެ. لـــوط ބާގައިގެ މީހުންގެ މައްޗަށް ޢަޒާބު އައިހިނދު އެބިންގަނޑު އަނެއްފުށަށް ޖެހިއްޖެއެވެ. އިންތިހާދަރަޖައިގެ ވަރުގަދަ ޒަލްޒަލާއާއި ބިންހެލުން އައުމުގެ ސަބަބުން އެތާނގެ ބިންގަނޑުވަނީ ކަނޑައިގެންގޮސް ގާތްގަނޑަކަށް ސާޅީސް މީޓަރު އަޑިޔަށް ގޮސްފައެވެ. މައްޗަށް ލޮނުގަނޑު އަރައިފައެވެ. ބަޙުރުލްމައްޔިތު ނުވަތަ ބަޙުރުލޫޠެވެ ކިޔެނީ އެހެންވެގެންނެވެ. (ޤަޞަޞުލްޤުރްއާން: 1/595، 596)

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.