މިހާރު އިވެމުންދަނީ އަމިއްލަ ފައިދާއަކަށް ނުވަތަ ޕާޓީގެ ފައިދާއަށް ރާއްޖޭގެ ތަންތަން ދޭ އަޑު: އެމްއެންޕީ

ފޮޓޯ: އެމްއެންޕީ

މިހާރު އިވެމުންދަނީ އަމިއްލަ ފައިދާއަކަށް ނުވަތަ ޕާޓީގެ ފައިދާއަށް ރާއްޖޭގެ ތަންތަން ދިނުމަށް ނިންމާފައިވާ ވާހަކަތައް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިހެން ވިދާޅުވީ އެ ޕާޓީގެ އައު އޮފީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނާޒިމް ވަނީ 2019 ވަނަ އަހަރު މި ސަރުކާރުން ޗާގޯސް މައްސަލައިގައި އިނގިރޭސިވިލާތާ އެއްކޮޅަށް ވޯޓު ދިނުމުން ޕީޕީއެމުން ފާޑު ކިޔާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމުމުން ވެސް ޕީޕީއެމުން ފާޑު ކިޔަމުންދާކަން ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު އެ ޕާޓީއަށް ކާމިޔާބުކުރެވިއްޖެނަމަ، ރާއްޖެއިން ބައެއް ނުގެއްލޭގޮތަށް ޗާގޯސް މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އަދި މި ސަރުކާރަށް ވެސް ޗާގޯސް މައްސަލަ ހައްލު ނުކުރެވޭ ކަމަށާއި އެކަން ކުރާނީ އެމްއެންޕީން ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ފޮޓޯ: އެމްއެންޕީ

މަޖީދީމަގުގައި ހުންނަ މއ. ކެލާވީގެ އެއް ވަނަ ފަންގިފިލާގައި ހުންނަ އެ ޕާޓީގެ އައު އޮފީސް ހުޅުވާފައި މިވަނީ އެ ޕާޓީއަށް އެއް އަހަރު ފުރުނު ދުވަހު އެވެ.

މި އޮފީސް ހުޅުވައިދެއްވީ އެޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމާއި އެމްއެންޕީގެ ނައިބު ރައީސް އަދި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އަދި އެޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި އެހެން ބޭފުޅުން ނެވެ.

ދީނާއި ގައުމު ހިމާޔަތް ކުރުމާއި ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމުގެ މަގުސަދުގައި އުފައްދާފައިވާ މި ޕާޓީއަކީ މިހައިތަނަށް އެންމެކުރު މުއްދަތުގައި ދިހަ ހާސް މެމްބަރުން ހަމަކުރި ޕާޓީ އެކެވެ.

ދަނގެތީ ދާއިރާގެ މެމްބަރު ނާޒިމްއާއި ވިލިމާލޭ ދާއިރާގެ މެމްބަރު އުޝާމް އަދި ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީން ވަނީ ކާމިޔާބީތަކެއްވެސް ހާސިލުކޮށްފަ އެވެ.

އެގޮތުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވެސް ވާދަކޮށް، ރާއްޖޭގެ އެންމެބޮޑު ދެ ޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޕީޕީއެމްގެ މައްޗަށް ވަނީ ކާމިޔާބު ހޯދާފަ އެވެ.

އެ ޕާޓީން އަންނަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ކެންޑިޑޭޓަކު ނެރުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ޕްރައިމަރީއަކުން ކެންޑިޑޭޓު ހޮވާއިރު، ޕާޓީގެ ރައީސް ކާނަލް ރިޓެއަރޑް މުހައްމަދު ނާޒިމް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާން ކުރައްވާފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.