ސިޔާސީ ލީޑަރުންގެ ކޮލިޓީއެއް އަޅުގަނޑަށް ނުފެނޭ:ރައީސް

ސިޔާސީ ލީޑަރުންގެ ފަރާތުން ސިޔާސީ ލީޑަރުންގެ ކޮލިޓީއެއް ފެނިވަޑައި ނުގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނަކީ ސިޔާސީ ލީޑަރުންގެ ފަރާތުން ހިތްވަރު ލިބިގަންނާނެ ބޭފުޅެއް ނޫންކަމަށެވެ. ހިތްވަރު ލިބިގަންނާނީ ރައްޔިތުންގެ ފަރާތުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ހިތްވަރު ލިބިގަންނަނީ ސިޔާސީ ލީޑަރުންގެ ފަރާތަކުންނެއްނޫން. އެ ސިޔާސީ ލީޑަރުންގެ ކޮލިޓީއެއް އަޅުގަނޑަކަށް ނުފެނުނު. އަދި އެ ސިޔާސީ ލީޑަރުންގެ ތެރޭގައި އެއްގަލަށްއެރޭ އެއްވެސް ސިފައެއް އަޅުގަނޑަށް ނުފެނުނު. އަދި އެ ސިޔާސީ ލީޑަރުންގެ ތެރޭގައި ސިޔާސީ އައިޑިއޮލޮޖީއެއް ރައްޔިތުންނަށް އިޚުލާސްތެރިވެގެން ކޮށްދޭނެ ކޮމަން ޕްލެޓް ފޯމެއް އަޅުގަނޑަށް ނުފެނުނު. އެހެންވީމާ އަޅުގަނޑު ހިތްވަރު ލިބިގަންނާނީ ދިވެހި ރައްޔިތުންގެ ކިބައިން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ބޭނުންފުޅުވަނީ ރާއްޖޭގައި އަމާންކަމާއި ސުލްހަވެރިކަން އޮތުންކަމަށެވެ. "އަޅުގަނޑުމެންނަކީ ހަމަޖެހުން ނަގާލާ ބަޔަކަށް ވެގެންނުވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މިހާރުވެސް ރަށްރަށުން މީހުން ގެނައުމަށް ޓްވީޓްތަކާއި މެސެޖުތައް އެބަ ހިނގާ ކަމަށެވެ. ރަށްރަށުން މީހުން ގެނެސްގެން އެމީހުންނަށް ކާންބޯންދޭން ބޭނުންކަމަށްވާނަމަ "ދާންވީ ނޫންތޯ ފައިސާފޮށި ހިފައިގެން ރަށްރަށަށް އެމީހުންނަށް ކާންބޯންދޭން. ކޮންމެހެން އެމީހުން މާލެ ގެންނާނެ ކަމެއްނެތެއްނޫން،" ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.