ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ޔޫރަޕިއަން ޔޫނިއަންގެ ވަފްދާ ބައްދަލު ކުރެއްވައިފި އެވެ.
މި ބައްދަލު ކުރެއްވުމުގައި އެންމެ އިސް ކަމެއް ދެއްވާ ކަމެއްގެ ގޮތުގައި ރައީސް ޔާމީން އެދިވަޑައިގަތީ ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ބޮޑު އަގު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށެވެ. އަދި ރާއްޖޭގެ ރަށްށުގައި ކުނިނައްތާލުމުގެ ނިޒާމު ގާއިމްކުރުމަށް އެހީ ހޯދުމަށާއި ތަރައްގީގެ އެކިދާއިރާތަކަށް ފައިނޭސް ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
ހަމަ އެއާއެކު މިސަރުކާރު ވެރިކަމަށް އައިސް ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވަމުންދާ ކަމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ސަރުކާރުގެ ނުފޫޒު އޮތްކަމާއި މިނިވަން ޖުޑިޝަރީއެއް ނެތުމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
މީގެ އިތުރުން މަޖިލީހުގައި ސަރުކާރުގެ މެޖޯރިޓީ އޮތުމުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ބޮޑެތި މައްސަލަތަކާގުޅޭގޮތުން އިދިކޮޅަށް މަޖިލީހުގައި ވަކާލާތުކުރުމަށް ހުރި ގޮންޖެހުންތައް ފާހަގަކުރެއްވި އެވެ.
ޔޫރަޕިއަން ޔޫނިއަންގެ ވަފްދުންވަނީ ރާއްޖޭގެ ދަރަނީގެ ނިސްބަތް މިހާރު އޮތް ހިސާބުން ވަރަށް ކަންބޮޑުވާކަން ފާޅުކޮށް ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ދަރަނީގެ މައްސަލަ ޙައްލުކުރައްވާނީ ކިހިނެއްތޯ އޮޅުންފިލުވާފަ އެވެ.
ރައީސް ޔާމީން ވިދާޅުވީ ދަރަނީގެ މައްސަލައަކީ ޙައްލުކުރަން ޖެހޭ މައްސަލައެއް ކަމަށާއި އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އެކަމަށް ޙައްލު ހޯއްދަވާނެ ކަމަށެވެ.
މިސަރުކާރުން ދަރަނި ނަގައިގެން ބޭނުންކުރަމުންދަނީ ކޮންސިއުމަބްލް ކަންކަމަށް ކަމަށާއި އެއީ ކަންބޮޑުވާ ކަމެއްކަން ފާހަގަކުރެއްވި އެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ ސިޔާސަތުތައް ބައްޓަން ކުރައްވާނެ ގޮތްތަކާބެހޭ ގޮތުން މައުލޫމާތު ހިއްސާކުރެއްވި އެވެ.