ދިވެހި ބަހުން މުއާމަލާތްކުރާ ފުރަތަމަ ޑިޖިޓަލް ކެއަރ އެސިސްޓެންޓް "އެވީ" އުރީދޫއިން ތައާރަފް ކޮށްފި

އުރީދޫ މޯލްޑިވްސްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް އުފައދައިފައިވާ ޑިޖިޓަލް ކެއާ އެސިސްޓެންޓް "އެވީ" އަޕްގްރޭޑްކޮށް، ކަސްޓަމަރުންނަށް ދިވެހި ބަހުން ޑިޖިޓަލް އެސިސްޓެންޓާ މުއާމަލާތް ކުރެވޭނެ ގޮތް އަލުން އެވީ ލޯންޗުކޮށްފި އެވެ.

"އެވީ" ގެ   މަތިން، ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތްތަކެއް ފޯރުކޮށްދީ، މިހާރަށް ވުރެ ހުރިހާ އުމުރުފުރައެއްގެ އެކިކަހަލަ ކަސްޓަމަރުންނަށް ވެސް ހިދުމަތްތައް ހޯދުމުގައި ޓެކްނޮލޮޖީގެ އެހީގައި ލުއިގޮތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން ގެނެވިފައިވާ ބަދަލެކެވެ.

މީގެ އިތުރުން، އުރީދޫ ބްރޭންޑުގެ އާ ވިޝުއަލް އައިޑެންޓިޓީ އާއި އެއްގޮތްވާ ގޮތުގެ މަތިން އުރީދޫ މޯލްޑިވްސް އިން ވަނީ އެ ކުންފުނީގެ މުޅިން އާ ދިވެހި ފޮންޓް ވެސް ރަސްމީކޮށް ތައާރަފްކޮށްފަ އެވެ. "އަޕްގްރޭޑް ޔޯ ވޯލްޑް" ގެ ދަށުން ދާދި ފަހުން އެ ކުންފުނީގެ ބްރޭންޑް އައިޑެންޓިޓީއަށް ގެނައި ސްޓްރެޓެޖިކް ބަދަލުތަކަކީ އުރީދޫގެ ޝަހުސިއްޔަތާއި ޒަމާނީ ޓެކްނޮލޮޖީއާ އެއްގޮތަށް އެ ކުންފުނިން ކުރަމުން އަންނަ ދަތުރާއި ވިޔަފާރިއަށް އަންނަ ކުރިއެރުން ރަމްޒުކޮށްދޭ ކަމެކެވެ. މި ބަދަލުން ދައްކުވައިދެނީ ޓެކްނޮލޮޖީއާއެކު ހުޅުވިގެންދާ ފުރުޞަތުތައް ތަނަވަސްކުރުމުގެ ވިސްނުމެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް - ހަމާދީ ވިދާޅުވީ އޭއައި މެދުވެރިކޮށް ގުޅުވާލަދޭ ޙިދުމަތްތަކާއި އެހެނިހެން ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކުގެ ސަބަބުން ކަސްޓަމަރުންގެ ދިރިއުޅުން ބަދަލުކޮށް، މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިވާނެ ފަދަ ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަމަށެވެ. އަދި އެ ކުންފުނީގެ ތަސައްވަރާއި މަގްސަދާއި އެއްގޮތްވާ ގޮތުގެ މަތިން، އޭ.އައި ޕަވަރޑް ޑިޖިޓަލް އެސިސްޓެންޓް އެވީ އާއި ދިވެހިން މުޢާމަލާތްކޮށް ޚިދްމަތްތައް ހުރިހާ ކަސްޓަމަރުންނަށް ހޯދުމުގެ ފުރުޞަތު ހުޅުވާލަދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

" އުރީދޫ އޮޕަރޭޓްކުރާ ކޮންމެ މާކެޓެއްގައި އެގަުމެއްގެ ބަހާއި ސަގާފަތް ހިފެހެއޓުމަކީ އުރީދޫއިން ވަރަށް ބޮޑަށް އިސްކަންދޭކަމެއް، އެގޮތުން ރާއްޖޭގައި މިއަދު އުރީދޫގެ އަމިއްލަ ދިވެހި ފޮންޓެއް ރަސްމީކޮށް ތައާރަފްކުރުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ރީތި އާ ފޮންޓުގެ ސަބަބުން ދިވެހި ބަހުން މުއާމަލާތްތަކަށް އިސްކަންދީ، ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެ އަޅުގަނޑުމެންގެ މުއާމަލާތްތަކުން އުރީދޫ ބްރޭންޑް އައިޑެންޓިޓީގެ އަސްލު ދައްކުވައިދޭނެކަމީ ޔަގީންކަމެއް." ހަމާދީ ވިދާޅުވި އެވެ.

އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް އެސިސްޓެންޓް، އެވީ މެދުވެރިކޮށް މޮބައިލް ކަސްޓަމަރުންނަށް ކަސްޓަމާ ކެއާ އެޖެންޓަކާ ވާހަކަ ދެއްކުމަށް ކޯލްގައި ވަގުތު ހޭދަ ނުކުރައްވާ ޑޭޓާ، އެސްއެމްއެސް، ވޮއިސް އަދި ބިލް ބެލެންސް ފަސޭހަކަމާއެކު ބަލާލެވޭނެ އެވެ.  929 އައިވީއާރު، ފޭސްބުކް މެސެންޖާ އަދި ވައިބަރ ޕްލެޓްފޯމް މެދުވެރިކޮށް ފަސޭހަކަމާއެކު މި ހިދުމަތް ހޯދުމަށް މިހާރު ހުޅުވަލާފައިވާއިރު، އެހެން ބޮޓްތަކެކޭ އެއްފަދައިން އެވީވެސް މިވަގުތު ހުރީ ދިވެހި ބަހުން ކަސްޓަމަރުންނާ މުޢާމަލާތްކުރުމުގެ އުނގެނުމުގެ މަރުހަލާގައެވެ. މެޝިން ލަރނިންގ މެދުވެރިކޮށް އެވީ ހިދުމަތް އިތުރަށް ރަނގަޅުކޮށް ކުރިއަށް އޮތް ތަނުގައި ކަސްޓަމަރުންނަށް ލިބޭ ޚިދުމަތްތައް ފުޅާވެގެންދާނެ އެވެ.

އެވީ މެދުވެރިކޮށް ހިދުމަތް ހޯދަން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހައިން 929 އަށް ގުޅައި، ދިވެހި ބަހުން ކުރިއަށްގެންދިއުމަށްފަހު އޮޕްޝަން 1 އިޚްތިޔާރު ކުރެއްވުމުން އެވީ މެދުވެރިކޮށް ޙިދުމަތް ހޯދާލެވޭނެ އެވެ.

ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާއަށް އިންގިލާބީ ބަދަލެއް ގެނައުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ޑިޖިޓަލް ކެއަރ އެސިސްޓެންޓް "އެވީ އަށް އިތުރަށް އިންވެސްޓްކޮށް، މި ޚިދުމަތް އިތުރަށް ތަރައްޤީކޮށް، ޑިޖިޓަލް ޗެނަލްތަކުގައި ކަސްޓަމަރުންގެ މެދުގައި އޮންނަ މުޢާމަލާތްތައް ބަދަލުކުރުމަށް ކުރިއަށްތޮތްތަނުގައިވެސް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ އެވެ. "އެވީ" ބޭނުންކޮށްގެން އުރީދޫއިން ކަސްޓަމަރުން ހޯދަން ބޭނުންފުޅުވާ ހުރިހާ މައުލޫމާތާއި ހިދުމަތްތައް ފޯރުކޮށްދިނުން އޮޓޮމޭޓްކޮށް، މިހާރަށްވުރެ ހަރުދަނާ އަދި ހަލުވި ހިދުމަތެއް ފޯރުކޮށްދެވޭނެ އެވެ.

ދިވެހި ރައްޔިތުންގެ ދިރިއުޅުން މުއްސަނދިކޮށްދޭނެ އާ ޓެކްނޮލޮޖީތަކާއި ހިދުމަތްތަކަށް އިންވެސްޓް ކުރުމަށް އުރީދޫ މޯލްޑިވްސް އިން ކުރަމުންދާ މަސައްކަތުގައި ދެމިއޮންނާނެ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.