ހައި-ލެވެލް އިންޓަރގަވަރމެންޓަލް މީޓިންގ އޮން ދަ ފައިނަލް ރިވިއު އޮފް ދަ އޭޝިއަން އެންޑް ޕެސިފިކް ޑިކޭޑް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސް، 2013-2022 މިއަދު ފަށާއިފި އެވެ.
ޖަކާޓާގައި މިއަދު ފެށުނު މި ބައްދަލުވުން 21 އޮކްޓޫބަރު 2022ގެ ނިޔަލަށް ކުރިއަށްދާއިރު، މި ބައްދަލުވުމުގެ ކޯ-ޗެއަރ ކުރައްވަނީ މިނިސްޓަރ ޢާޢިޝަތު މުޙައްމަދުދީދީ އެވެ.
މި ބައްދަލުވުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލުވާ މުޖުތަމަޢުއެއް ޤައުމުތަކުގައި ބިނާކުރުމަށް، ޔޫ.އެން.ސީ.އާރު.ޕީ.ޑީ އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަޑުދަނޑިތައް ހާޞިލުކުރުމަށްޓަކައި އެކުލަވާލާފައިވާ ވަޢުދެއްކަމަށްވާ އެޖެންޑާ 2030 ‘Leave no one behind’ ގެ ވަރަށް ޙާއްސާ އިސްކަމެއް ދީގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ESCAP ގެ މެންބަރު ޤައުމުތަކުން ފާއިތުވެދިޔަ ޤަރުނުގައި ކުރެވިފައިވާ މަސައްކަތްތަކުގެ ނަތީޖާ ދެނެގަތުމަށް 2021 ވަނަ އަހަރު ވޮލަންޓަރީ ސަރވޭގެ ނަތީޖާ އަދި ހޯދުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވޭ ބައްދަލުވުމުކެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ޤަރުނުގައި މެންބަރު ޤައުމުތަކުން މަސައްކަތްތައް ރާވާނެގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވިގެން ދާނެއެވެ. މިގޮތުން ޤައުމީ ފެންވަރުގައި އެކުލަވާލެވިފައިވާ ޤާނޫނުތައް ޔޫ.އެން.ސީ.އާރު.ޕީ.ޑީގައި ހުރިކަންކަން ޙާޞިލްކުރުވޭނެ ފަދަ ގޮތަކަށް ބައްޓަންކުރުމާއި، އައު ވިސްނުންތަކާއިއެކު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމާޒުކޮށްގެން ކުރެވޭ މަސައްކަތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ބައިވެރިކުރުން އިތުރުކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދިމާވާ އައު މައްސަލަތައް ދެނެގަތުމާއި، މިފަދަ ފަރާތްތަކަށް ހުރި ފުރުޞަތުތައް ދެނެގަތުމާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ޝާމިލުކުރެވޭ ފަދަ މުޖުތަމަޢުއެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތްތައް މޮނިޓަރކުރުމުގެ މަޝްވަރާތައް ކުރެވިގެންދާނެ އެވެ.
ޤާނޫނު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީއެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) މުރާޖާ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު މިފަދަ ބައްދަލުވުންތަކުގައި އެހެން ޤައުމުތަކުން މިދާއިރާގައި ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ހަވާލާދެވުނު ޤާނޫނަށް ގެނައުމަށް ބޭނުންވާ މުހިންމު އިސްލާޙުތަކާއި ބަދަލުތައް ދެނެގަތުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ އެވެ.