އޮގަސްޓުމަހު ޖެންޑަރ އަށް ހުށަހެޅި މައްސަލަތައް މަދުވެއްޖެ

ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ގެންދަވަނީ ކުޑަކުދިންނަށްކުރާ އަނިޔާގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރައްވަމުން.

ނިމިގެންދިޔަ އޮގަސްޓު މަހުގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ހުށަހަޅާފައިވާ ޖުމްލަ މައްސަލަތަކުގެ ޢަދަދު ޖުލައިމަހަށްވުރެ 21 އިންސައްތަ މަދުވެއްޖެއެވެ. އޯގަސްޓްމަހު އެމިނިސްޓްރީއަށް ހުށަހަޅާފައިވަނީ ޖމްލަ 168 މައްސަލައެވެ. އެއީ ޖޫން މަހު ހުށަހެޅި މައްސަލަތަކާ އަޅާބަލާއިރު 30 އިންސައްތަ މަދު ޢަދަދެކެވެ.

މިފަހަރުވެސް އެންމެގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށްކުރާ އެކިބާވަތުގެ އަނިޔާގެ މައްސަލަތަކެވެ. ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 101 މައްސަލަ އޮގަސްޓުމަހު ހުށަހަޅާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނީއްކައިގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 40 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. ޙައްގުތަކުން ކުޑަކުދިން މަޙްރޫމުކުރުމާ ގުޅޭ 2 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ. އަދި ޢާއިލީ މައްސަލަތަކާ ގުޅޭ 14 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ. އޭގެ އިތުރަށް ކުށްކުރުމާބެހޭ ތިންމައްސަލައެއް ވެސް ހުށަހަޅާފައިވެއެވެ. ކުޑަކުދިންގެ އަޚުލާޤާ ބެހޭ 4 މައްސަލައެއް ވެސް ހުށަހަޅާފައިވެއެވެ. ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ގޮތުގައި 25 މައްސަލައެއް އޮގަސްޓުމަހު ހުށަހަޅާފައިވާ ކަމަށް ހިސާބުތަކުން ދައްކައެވެ.  އޭގެ އިތުރަށް ބާރާއި ނުފޫޒު ފޯރުވުމުގެ 3 މައްސަލަ، ޖިންސީ ހާނީއްކަކުރުމުގެ 2 މައްސަލަ، ރޭޕްކުރުމުގެ 2 މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ 2 މައްސަލައެއް ހުށަހަޅާފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 10 މައްސަލައެއްވެސް އޮގަސްޓުމަހު ވަނީ މިނިސްޓްރީއަށް ރިޕޯޓުކޮށްފައެވެ. އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި ބެހޭ 9 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވެސް ތަފާސް ހިސާބުން ދައްކައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.