މިއަހަރުގެ ސެޕްޓެމްބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު އިތުރުވެއްޖެ

ފާއިތުވި ސެޕްޓެމްބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހާ އަޅާބަލާއިރު 27 އިންސައްތަ ވަނީ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ހާމަކޮށްފި އެވެ.

ކަސްޓަމްސް ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ދިވެހިރާއްޖެއަށް 3.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރ މަހު މި ޢަދަދުވަނީ 4.4 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ.

މީގެއިތުރުން، ފާއިތުވި ސެޕްޓެމްބަރ މަހު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހާ އަޅާބަލާއިރު 25 އިންސައްތަ އިތުރުވެފައިވާ ކަަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ. 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު 281 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރ މަހު މި ޢަދަދުވަނީ 351 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޗައިނާ، ޔޫ.އޭ.އީ އަދި ސިންގަޕޯ އެވެ.

އޮމާނުން 794 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 627 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. އަދި ޗައިނާ އިން 525 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފަ އެވެ. ޔޫ.އޭ.އީ އިން 438 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޯ އިން 392 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.