ޖޫން މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 78 އިންސައްތަ އިތުރުވެއްޖެ

ޖޫން މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 78 އިންސައްތަ އިތުރުވެއްޖެއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ މިދިޔަ 2021 ވަނަ އަހަރުގެ ޖޫން މަހު ދިވެހިރާއްޖެއަށް 2.9 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި މި އަހަރުގެ ޖޫން މަހު 5.2 ބިލިއަން ރުފިޔާ އަށް އިތުރުވެފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ ފާއިތުވި ޖޫން މަހު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 44 އިންސައްތަ ވަނީ އިތުރުވެފައިވާ ކަމަށެވެ. އަދި 2021 ވަނަ އަހަރުގެ ޖޫން މަހު 274 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖޫން މަހު މި ޢަދަދުވަނީ 394 މިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށެވެ.

ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ،  ޗައިނާ، ޔޫ.އޭ.އީ އަދި މެލޭޝިޔާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.

އޮމާން އިން 1.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 636 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

މީގެއިތުރުން ޗައިނާ އިން 558 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި ޔޫ.އޭ.އީ އިން 435 މިލިއަން ރުފިޔާގެ މުދާ، މެލޭޝިޔާ އިން 428 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.