ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓްގައި ނިޔާވި ޒުވާނާއަށް އެއްވެސް ލަސްކުރުމެއްނެތި ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދީފައިވާނެ ކަމަށް އެތަނުން ބުނެފިއެވެ.
މެމޯއެއް ނުހެދިގެން އެޒުވާނާއަށް ފަރުވާ ނުދެވި ލަސްވި ކަމަށް ދައްކާ ވާހަކަ އެތަނުން ދޮގު ކުރެއްވިއެވެ. އާސަންދަ ކޮމްޕެނީގެ ސީނިއަރ މީޑީއާ އޮފިސަރ އާޝިޔާ ސާލިހު ވިދާޅުވީ "ރޭ އެކްސިޑެންޓްވެ ނިޔާވި ޕޭޝަންޓް ހުޅުމާލޭ ހޮސްޕިޓަލަށް ގެނައި ވަގުތުން ފެށިގެން ލަސްކުރުމަކާ ނުލައި ފަރުވާދޭން ފެށިވާހަކަ ދަންނަވަން. މެމޯ ނުހެދިގެން ފަރުވާނުދީ ލަސްކުރި ވާހަކައަކީ ހަގީގަތާ ޚިލާފު ވާހަކައެއް،" ކަމަށެވެ.
އެކްސިޑެންޓަށްފަހު އޭނާ ހޮސްޕިޓަލަށް ގެނައިއިރު ހާލު ވަރަށް ސީރިއަސް ކަމަށް ވެސް އާޝިޔާ ވިދާޅުވިއެވެ. އެހެންކަމުން ހުޅުމާލޭ ހޮސްޕިޓަލުން އައިޖީއެމްއެޗަށާއި، އޭޑީކޭ ހޮސްޕިޓަލަށް ގުޅައިގެން ވާހަކަ ދެއްކި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އޭޑީކޭގައި "ނިޔުރޯސާޖަންއެއް ހުރުމާއެކު ޕޭޝަންޓުގެ ޕާސަނަލް ޑީޓޭލްސް ނޭގުނު ނަމަވެސް ޕޭޝަންޓާ އޭޑީކޭއިން ހަވާލުވާގޮތަށް ވަނީ ހަމަޖެހިފައި. އޭރު ހުޅުމާލޭ ފަޅުތެރޭ ސީ އެމްބިޔުލާންސް ޕޭޝަންޓް ގެންދަން ތައްޔާރީ ހާލުތުގައިއޮތް،" ކަމަށް ވެސް ވިދާޅުވިއެވެ.
އެހެން އޮއްވައި ޕޭޝަންޓުގެ އާއިލާގެ ފަރާތުން ހުޅުމާލޭ ހޮސްޕިޓަލަށް އައިސް އޭނާ ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކުރުމަށް ބޭނުންވުމުން އެކަން ހަމަ ޖެއްސުމަށް 15-20 މިނިޓް ހޭދަވި ކަމަށްވެސް އާޝިޔާ ވިދާޅުވިއެވެ. ކަންކަން ހަމަޖެހުމުން ވަގުތުން އެ ހޮސްޕިޓަލަށް އޭނާ ވަނީ ބަދަލުކޮށްފައެވެ.
އާޝިޔާ ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލުން ދެވެންއޮތް ހުރިހާ ފަރުވާއެއްވެސް ލަސްކުރުމެއްނެތީ އޭނާއަށް ދީފައިވާ ކަމަށާއި، ވެންޓިލޭޓަރަށް ވެސް ލެވެން އޮވެމެ ނުލިވާހަކައަކީވެސް ދޮގެއް ކަމަށެވެ. ހުޅުމާލެ ހޮސްޕިޓަލުގައި ވެންޓިލޭޓަރުގެ ޚިދުމަތް ދެވެން ނެތްކަމުން އައިޖީއެމްއެޗާއި އޭޑީކޭއަށް ގުޅައިގެން "ޕޭޝަންޓް ޓްރާންފަރ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ،" ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ހަގީގަތާ ޚިލާފު މިފަދަ ވާހަކަތައް ނުފެތުރުމަށް ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކޮމްޕެނީން ވަނީ އިލްތިމާސް ކުރައްވައިފައެވެ.