"ވޯލްޑް ކްލީން އަޕް ޑޭ” އާ ގުޅުވައިގެން ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފިއެވެ.
"ދުނިޔެ މަގޭ ކެމްޕޭން" ގެ ނަމުގައި ހުޅުމާލެ ސާފުކުރުމުގެ ހަރަކާތެއް މިއަދު ހެނދުނު 7 އިން 9 އަށް ކުރިއަށްގެންގޮސްފައި މިވަނީ އެޗްޑީސީން ރާވައިގެންނެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބްރައީސް ވިދާޅުވީ ރާއްޖޭގެ ނާޒުކު ތިމާވެށި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށެވެ.
ނައިބްރައީސް ވިދާޅުވީ މަގުމަތިން ނަގާ ކުންޏަކީ ކޮންމެވެސް ބަޔަކު އުކާލާ ކުނި ކަމަށާއި އެހެންކަމުން ވެށި ސާފުކުރުމަށް ފަރުދީ ޒިންމާއެއް އޮތްކަން ގަބޫލުކޮށް އެޒިންމާ އަދާކުރުމަށް ވަނީ ގޮވާލައްވާފައެވެ.
"ދުނިޔެ މަގޭ ކެމްޕޭނަކީ" ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ތިމާވެށި ރައްކާތެރިކުރުމަށް ހޭލުންތެރިކުރުމުގެ ގޮތުން މިއަހަރުގެ ޖޫން މަހު ތައާރަފްކޮށްފައިވާ ކެމްޕޭނެކެވެ.
އެ ކޭމްޕޭންގެ ދަށުން ތިމާވެއްޓަށް ގެއްލުންހުރި ކަންކަން ދެނެގަނެ ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމަށް ވަނީ ނިންމާފައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ އަހަރަކު ވެސް "ވޯލްޑް ކްލީން އަޕް ޑޭ" އާއި ގުޅިގެން ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެޗްޑީސީއިން ބުނީ އެ ހަރަކާތަކީ މިއަހަރު މާލެ ސަރަހައްދުގައި ކުރިއަށްގެންދާ އެންމެ ބޮޑު ސާފުކުރުމުގެ ހަރަކާތް ކަމަށެވެ. އަދި ހުޅުމާލެގެ ސާފުތާހިރުކަން ގާއިމްކުރުމަށްޓަކައި އެ ތަނުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންގެ އެއްބާރުލުން ނުހަނު ބޭނުންވާ ކަމަށް އެޗްޑީސީން ބުނެއެވެ.
ހުޅުމާލޭގައި މިއަދު ބޭއްވި މި ހަރަކާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި އެޗްޑީސީގެ އެމްޑީ އަހުމަދު އާތިފް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ވެމްކޯ އާއި އާރްޑީސީންނާއި ގިނަ އަދަދެއްގެ މުވައްސަސާތަކުގެ މުވައްޒަފުންނާއި ސުކޫލު ކުދިންނާއި ޢާންމުން ވެސް ބައިވެރިވެފައި ވެއެވެ.