ސްެރީލަންކާގެ ބޭރުގެ ދަރަނި އަލުން ދައްކާނެ ގޮތެެއް ކަނޑައެޅުމާ ބެހޭ ވާހަކަތައް ފަށައިފި

ސްރީލަންކާއަށް އެކި ގައުމުތަކުން ނަގާފައިވާ ދަރަނި އަލުން ދައްކާނެ ގޮތެއް ކަނޑައެޅުމާ ބެހޭ ވާހަކަތައް ފަށައިފިއެވެ. ސްރީލަންކާ ސަރުކާރުގެ ތަރުޖަމާނު އިއްޔެ ބުނިގޮތުގައި މާލީ ލަފާދޭ ކުންފުންޏެއްކަމަށްވާ ލަޒާޑްއިން މިހާރު ވަނީ ޖަޕާން، ޗައިނާ އަދި އިންޑިޔާ ފަދަ ގައުމުތަކާއެކު ވާހަކަތައް ފަށައިފައެވެ.

ފާއިތުވި މޭމަހު ސްރީލަންކާއިން ވަނީ އެ ގައުމުގެ ބޭރުގެ ދަރަނި އަލުން ދައްކަން ފަށައި، އެކަންކުރާނެ ގޮތްތަކެއް ކަނޑައެޅުމުގެ މަސައްކަތް އެމެރިކާގެ ލަޒާޑް ލިމިޓެޑްއާއި އިނގިރޭސިވިލާތުގެ ކްލިފަޑް ޗާންސް އެލްއެލްޕީ ހިމެނޭ ބައިނަލްއަގުވާމީ ގާނޫނީ ވަކީލުންގެ ކޮންސޯޓިއަމަކާ ހަވާލުކޮށްފައެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މި ސެޕްޓެންބަރު މަހުގެ ކުރީކޮޅު ހާމަކުރި ގޮތުގައި އިބްތިދާއީ އެއްބަސްވުމެެއްގެ ދަށުން ހަތަރު އަަހަރު ތެރޭގައި ސްރީލަންކާއަށް 2.4 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯން ދިނުމަށް އެ އިދާރާއިން ވަނީ ނިންމާފައެވެ.  އެއީ އެ ގައުމު ވެއްޓިފައިވާ އިގުތިސާދީ ވަޅުގަނޑުން އަރައިގަތުމަށާއި، އާއްމު ރައްޔިތުންނަށް ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދޭނެ ގޮތް ހެދުމަށެވެ.

އެހެންނަމަވެސް، މި ލޯނު ދޫކުރެވޭޏި ސްރީލަންކާއަށް އެންމެ ބޮޑު ދަރަނި ދީފައިވާ ތިން ގައުމު ކަމުގައިވާ ޖަޕާނާއި، ޗައިނާއާއި، އިންޑިޔާއިން ސްރީލަންކާއަށް ދޫކޮށްފައިވާ ލޯނުތައް އަދާކުރެވޭނެ ލުއިގޮތްތަކެއް ހަމަޖައްްސައިދިނުމުން ކަމުގައި އައިއެމްއެފުން ބުނެފައި ވެއެވެ. މި ތިން ގައުމުން ސްރީލަންކާއަށް ދޫކޮށްފައިވާ ދަރަނީ ޖުމްލަ އަދަދު 13 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.

"އެމީހުން ދަނީ އިންޑީޔާ، ޗައިނާ އަދި ޖަޕާނާއި ވާހަކަދައްކަމުން. މައިގަނޑު ބޭނުމަކީ އަހަރުމެން އެންމެންނަށް އެއްބަސްވެވޭ ގޮތްތަކެއް ހޯދުން." ލަޒާޑްެގެ މަސައްކަތާ ބެހޭގޮތުން ސްރީލަންކާގެ ނޫހަކަށް މައުލޫމާތުދެއްވަމުން ކެބިނެޓްގެ ތަރުޖަމާނު ރަމޭޝް ޕަތިރާނާ ބުނެފައި ވެއެވެ.

22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާ 1948 ވަނަ އަހަރު މިނިވަންވީ ފަހުން ކުރިމަތި ނުވާފަދަ އިގުތިސާދީ ދަތިތަކަކާ އެގައުމަށް މިހާރު ވަނީ ކުރިމަތިލާން ޖެހިފައެވެ.

ގައުމުގައި ހުރީ ބޭރު ފައިސާ މުޅިންހެން ހުސްވުމާ ގުޅިގެން ބޭރުގެ ދަރަނި ދެއްކުން ހުއްޓާލިކަން ފާއިތުވި އެޕްރީލް މަހު ސްރީލަންކާއިން ވަނީ އިއުލާން ކޮށްފައެވެ. އެ ގައުމުގެ ބޭރުގެ ދަރަނި 51 ބިލިއަން ޑޮލަރަށް އަރާފައި ވާއިރު، އޭގެތެރޭން 28 ބިލިއަން ޑޮލަރު 2027 ނިމުމުގެ ކުރިން ދައްކަންޖެހެއެވެ.

އިގުތިސާދީ ދަތިކަމުގެ ސަބަބުން ރައްޔިތުންގެ ތެރޭން ގިނަ ބައެއްގެ ރުޅިގަދަވެ މަގުމައްޗަށް ނުކުމެ ކުރި އިހުތިޖާޖުތައް ވަރުގަދަވެ ރިޔާސީ ގަނޑުވަަރަށް ވަންނަ ހިސާބަށް ކަންތައް ދިއުމުން ރައީސު ގޮތާބޭ ރާޖަޕަކްސާ ވަނީ ފާއިިތުވި ޖުލައި މަހުގެ 14 ވަނަ ދުވަހު އިސްތިއުފާދެއްވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.