ސްރީލަންކާގައި އިހުތިޖާޖުކުރާ މީހުން ރިޔާސީ ގަނޑުވަރަށް ވަދެގެންފި

އިހުތިޖާޖުކުރާ މީހުން ރިޔާސީ ގަނޑުވަރުގެ ގޯތިތެރޭގައި

ސްރީލަންކާގައި ރައީސު ގޮތާބޭ ރާޖަޕްކްސާއާ ދެކޮޅަށް އިހުތިޖާޖުކުރާ މީހުން ކޮލޮމްބޮގެ ފޯޓުގައި ހުންނަ ރިޔާސީ ގަނޑުވަރަށް  ވަދެގެންފިއެވެ. އިހުތިޖާޖުކުރާ މީހުން ހުއްޓުވުމަށް ފުލުހުން ބެރިކޭޑު ޖަހައި، ކަރުނަގޭހާއި، ފެން ޖެހި ނަމަވެސް އެމީހުން ހުއްޓުވުމުގައި ފުލުހުންނަށް ކާމިޔާބުނުލިބުނެވެ.

އިހުތިޖާޖުކުރާ މީހުން ވަނީ ބެރިކޭޑް ދުރުކޮށްލައި ރިޔާސީ ގަނޑުވަރުގެ ތެރެއަށް ވަދެފައެވެ.

އާއްމުން ރިޔާސީ ގަނޑުވަރަށް ވަދެގަތް އިރު ރައީސު ރާޖަޕަކްސާއާއި އާއިލާ އެތަނުގައި ނުއުޅުއްވައެވެ. ގަނޑުވަރުގެ ކައިރިއަށް އިހުތިޖާޖުކުރާ މީހުން އެއްވާން ފެށުމާއެެކު ރައީސާއި އާއިލާ ވަަނީ ރައްކާތެރިކާއެކު އެހެން ތަނަކަށް ގެންގޮސްފައެވެ.

"ރައީސު ވަނީ ރައްކާތެރި ހިސާބަަކަށް ގެންދެވިފައި." ޑިފެންސް މިނިސްޓްރީ މަސްދަރަކުން ބައެއް ނޫސްތަކަށް މައުލޫމާތުދީފައި ވެއެވެ. އެ މަސްދަރުން ހާމަކުރި ގޮތުން އިހުތިޖާޖުކުރާ މީހުން ރިޔާސީ ގަނޑުވަރާ ދުރަށް ފޮނުވުމަށް ސިފައިން ވައިގެ ތެރެއަށް ބަޑިވެސް ޖަހާފައި ވެއެވެ. އެހެންނަަމަވެސް، އާއްމުން މައިތިރި ނުކުރެވުނެވެ.

މިހާރު ކުރިއަށްދާ އިހުތިޖާޖުގައި 30 މީހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. އޭގެތެރޭގައި ދެ ފުލުހުންވެސް ހިމެނެއެވެ. އަނިޔާވި މީހުންގެ ތެރޭން ބައެއް މީހުން ވަނީ ކޮލޮމްބޯގެ ނޭޝަނަލް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

ސްރީލަންކާގެ ބައެއް ނޫސްތަކުން ބުނާގޮތުގައި ގައުމުގެ އެކި ކަންކޮޅުތަކުން ގިނަ އަަދަދެއްގެ މީހުން ދަނީ ރައީސު ރާޖަޕަކްސާގެ އިސްތިއުފާއަށް ގޮވާލައި ކުރާ އިހުތިޖާޖުގައި ބައިވެރިވުމަށް ކޮލޮމްބޯއަށް ޖަމާވަމުންނެވެ. ކޮލޮމްބޯގައި ހިންގާފައި އޮތް ކާފިއު ރޭ އުވާލުމާއެކު ގިނަ ބަޔަކު ވަނީ ގޯލް ފޯސްގައި ގާއިމުކޮށްފައިވާ 'ގޮޓާގޯ ވިލެޖް' އަށް ޖަމާވަމުންނެވެ.

ގިނަ އަދަދެއްގެ ރަސްމީ އުޅަނދުތަކާއި، ސަލާމަތީ އުޅަނދުތައް ހިމެނޭ މޮޓޮކޭޑެއް ކޮލޮމްބޯގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ވަންނަ މަންޒަރު މީސްމީޑިޔާގައި އާއްމުވެފައިވާ ބައެެއް މަންޒަރުތަކުން ފެނިފައިވާއިރު، ރައީސު ގޮތާބޭ ރާޖަޕަކްސާ އިސްތިއުފާދެއްވައި، ސިންގަޕޫރަށް ފިއްލަވަން އުޅުއްވާކަމުގެ އަޑުތަކެއް ވެސް ވަނީ އަރާފައެވެ.

ރައީސު ރާޖަޕަކްސާގެ އަމިއްލަފުޅު ސްރީލަންކާ ޕޮދުޖަނަ ޕެރުމޫނާ (އެސްއެލްޕީޕީ) ގެ ތެރޭންވެސް އޭނާގެ އިސްތިއުފާއަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.