ޒިންމާދާރުކަމާއެކު ޚަބަރާއި މައުލޫމާތު ފެތުރުމަށް މީޑިއާ ކައުންސިލުން ނޫސްވެރިންނަށް އިލްތިމާސްކޮށްފި

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

ޒިންމާދާރުކަމާއެކު ޚަބަރާއި މައުލޫމާތު ފެތުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސްވެރިންނަށް އިލްތިމާސްކޮށްފިއެވެ.

އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ޤާނޫނުއަސާސީން ލިބިދީފައިވީހިނދު، އެ މިނިވަންކަމުގެ ޙައްޤަކީ ވަކި ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކަކާއެކު ބޭނުންކުރަންޖެހޭނެ ޙައްޤެއްކަމުގައި ވެސް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، ނޫސްވެރިންނާއި މީޑިއާތަކުން އެ ޙައްޤު ބޭނުންކުރުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނާއި ގަވާއިދަށާއި އަދި ދިވެހި މީޑިއާގެ ހަމަތަކާ އަޚްލާޤީ މިންގަނޑާ އެއްގޮތަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް، އެންމެހައި ނޫސްވެރިންނާއި މީޑިއާތަކަށް އިލްތިމާސްކުރާ ކަމަށެވެ.

އެ ގޮތުން ޚާއްސަ ގޮތެއްގައި، އާންމު ފަރުދުންގެ އަބުރަށް ނުވަތަ ހައްޤަކަށް އުނިކަމެއް އަތުވެދާނެފަދަ މައުލޫމާތަކަށްވާ ނަމަ، އެ މައުލޫމާތެއްގެ ސައްޙަކަން ކަށަވަރުކުރުމަށްފަހު ނޫނީ އެ މައުލޫމާތެއް ފެތުރުމަކީ އެ ކައުންސިލުގެ ޤާނޫނާއި ދިވެހި މީޑިއާގެ އާންމު ހަމަތަކާ ވެސް ޚިލާފުކަމެއްކަން ވަނީ ހަނދާންކޮށްދީފައެވެ. އަދި ޚަބަރު ފެތުރުމުގައި އެކަމެއްގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއްގެ ވެސް ބަސް ހިމަނައިގެން ޚަބަރާއި މައުލޫމާތު ޝާއިޢުކުރުމަށް މި ކައުންސިލުގެ ގަވާއިދުން މީޑިއާތަކަށް ލާޒިމުކުރާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެހެންކަމުން، ދިވެހި މީޑިއާގެ ހަމަތަކާ އަޚްލާޤީ މިންގަނޑުގައި މީޑިއާގެ ވަސީލަތްތަކުގައި ޝާއިޢުކުރާ ޚަބަރާއި މަޢުލޫމާތަކީ ޞައްޙަ ތެދު މަޢުލޫމާތުކަން ކަށަވަރުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރުމަށް ނޫސްވެރިންނަށާއި މީޑިއާތަކަށް އިލްތިމާސްކޮށްފައިވެއެވެ. އަދި އިސްލާމްދީނާއި ޚިލާފު ޚަބަރާއި މައުލޫމާތާއި، މުޖުތަމަޢުގެ އާންމު އަޚުލާޤީ މިންގަނޑާ ޚިލާފު މައުލޫމާތާ ޚަބަރު ނުފެތުރުމަށާއި އަދި ސައްޙަ މަސްދަރުތަކުން ހޯދާ މައުލޫމާތާއި ޚަބަރު ނޫނީ ނުފެތުރުމަށް ވެސް ހަނދާންކޮށްދީފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.