އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރަނީ އިސްލާހަށް: ގާސިމް އިބްރާހިމް

އަބަދުވެސް މަސައްކަތް ކުރައްވަނީ އިސްލާހަށް ކަމަށް ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ކޮންމެ ފަދަ ކަމެއް ނުވަތަ ކޮންމެ ގޮތެއް ހަދައިގެން ވެރިކަން ހޯއްދެވުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށާއި ސިޔާސީ ދާއިރާގައި ކުރި ހޯދުމަކީ ވެސް ކުރަން ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

ގާސިމް އިބްރާހިމް ވިދާޅުވީ ސިޔާސީ ކަންކަމައިގެން އެވަރަށް ނޫޅުއްވާ ކަމަށާއި އުޅޭ ނަމަ ހުންނާނީ ވެރިކަމުގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަނީ ވެސް ހަމައެކަނި އިސްލާހަށް މަސައްކަތް ކުރުމުގެ ބޭނުމުގައި ކަމަށާއި ލިބޭ ފައިސާ ހޭދަކުރެވޭ ގޮތާއި މެދު ހިތާމަ ނުކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. އަދި މިހާތަނަށް ލިބުނު އާމްދަނީގެ 60 އިންސައްތަ ޚަރަދުކޮށްފައިވާނީ ގައުމަށާއި ދިވެހި ދަރިވަރުންނަށް ކިޔަވައި ދިނުމަށާއި ﷲ ގެ މަގުގައި ކަމަށް ވެސް ވިދާޅުވިއެވެ.

މާގިމިގީ ދާއިރާގެ މަޖިލިސް މެމްބަރު ކަންވެސް ކުރައްވާ ގާސިމް އިބްރާހިމް 2008 ވަނަ އަހަރު އަދި 2013   ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާ ފުރަތަމަ ބުރުން ނާކާމިޔާބުވެވަޑައިގެންފައެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ގާސިމް ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ޖޭޕީން ވަނީ ދީފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.