ފާއިތުވި އަހަރު ނިމުނުއިރު ދުނިޔޭގެ ކަންކޮޅުތަކުން 50 މިލިއަން މީހުން 'މިޒަމާނުގެ އަޅުވެތިކަމުގައި' ބަނދެވިފައިވާކަމަށް އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) އިން ބުނެފިއެވެ. އެއީ އެމީހުންގެ ރުހުމާ ދެކޮޅަށް މަސައްކަތްކުރުވުމާއި، ރުހުމާ ދެކޮޅަށް ކުރެވޭ ކައިވެނިތަކުގައެވެ. މިއީ އޭގެ ކުރީ އަހަރުގެ އަދަަދަށްވުރެ %25 އިތުރު އަދަދެކެވެ.
އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ) އިން ބުނެފައިވަނީ އދ. މަސައްކަތްތެރިކަމާ، ހިޖުރަކުރުމާ ގުޅޭ ޖަމްއިއްޔާތަކާ، ވޯކް ފްރީ ފައުންޑޭޝަން ގުޅިގެން ކުރި ދިރާސާއިން ދައްކާ ގޮތުތައި ފާއިތުވި އަހަރު 28 މިލިއަން މީހުން އެމީހުންގެ ރުހުމާ ދެކޮޅަށް، އެމީހުން ބޭނުންނުވާ މަަސައްކަތްތައް ކުރުވުމަށް ގެންގުޅެފައި ވާއިރު 22 މިލިއަން މީހުން ތިބީ އެމީހުންގެ ރުހުމާ ދެކޮޅަށް ކޮށްފައިވާ ކައިވެނިތަކުގައި ބަނދެވިފައެވެ.
2030 ހަމަައަށް މިޒަމާނުގެ އަޅުވެތިކަން ދުނިޔޭ ނައްތާލުމަކީ އދ. ގެ ލަނޑުދަނޑިއެއް ކަމުގައި ކަނޑަައަޅާފައި ވިޔަސް އެ ޖަމްއިއްޔާގެ ދިރާސާތަކުން ދައްކާގޮތުގައި 2016 އާއި 2021 އާ ދެެމެދު އެފަދަ އަޅުވެތިކަމުގައި ބަނދެވިފައި ތިބި މީހުން އަަދަދު ވަނީ 10 މިލިއަން އިތުރުވެފައެވެ.
އައިއެލްއޯއިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކުޑަކުދިންނާއި ކުރެވޭ ކައިވެންޏާ، ރުހުމާ ދެކޮޅަށް ބޮޑެތި މީހުންނާ ކުރެވޭ ކައިވެނިތައް އެންމެ ބޮޑަށް އިތުރުވެފައިވާ ގައުމުތަކުގެ ތެރޭން އަފްޣާނިސްތާން، ބަންގްލާދޭޝް، ކޮންގޯ، މިސްރު، ޔޫގެންޑާ އަދި ޔަމަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރަށް ކޮވިޑް-19 އާއި، މޫސުމީ ބަދަލުތަކާއި، ހަނގުރާމަތައް ފަދަ ކާރިސާތަކުގެ ސަަބަބުން ގިނަ ބަޔަކު ފަގީރު ހާލަތަށް ވެއްޓިފައި ވާއިރު، ގިނަ ބަޔަކަށް ވަނީ އަމިއްލަ ވަޒަން ހިޖުރަކުރަން މަޖުބޫެރުވެފައެވެ. އަދި އެތައް ބަޔަކު ދަނީ މިންތީގެ ތަފާތުކުރުމުގެ ސަބަބުން ހާލުގައި ޖެހިފައެވެ. މިހުރިހާ ކަމެއް ވެފައިވަނީ މިޒަމާނުގެ އަޅުވެތިކަމުގައި މީހުން ބަނދެވުމަށް މަގުފަހިކުރުވާ ކަންކަމަށެވެ.
އައިއެލްއީ ބުނި ގޮތުގައި، ވަކި ގައުމުތަކެއްގައި ބޮޑަށް ފެތުރިފައި އޮތްނަމަވެސް، މިޒަމާނުގެ އަޅުވެތިކަމުގެ މައްސަލަ ދުނިޔޭގެ ހުރިހާ ގައުމެއްގައިހެން އެބައޮތެވެ.
"ރުހުމާ ދެކޮޅަށް މަސައްކަތްކުރުވުމަކީ ހަމައެކަނި ފަގީރު ގައުމުތަކުގެ މައްސަލައެއްކަމުގައި ދުށުމަކީ ގޯހެއް." އައިއެލްއޯގެ ޑިރެކްޓަަރ ޖެނެރަލް ގައި ރައިޑަރް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވިގޮތުގައި ރުހުމާ ދެކޮޅަށް މަސައްކަތްކުރުވުމުގެ މައްސަލަތަކުގައި ދެބައިކުޅަ އެއްބަޔާ، ރުހުމާ ދެކޮޅަށް ކައިވެނިކުރުމުގެ މައްސަަލަތަކުގެ ހަތަރުބައިކުޅަ އެއްބަައި މައްސަލަތަކަކީ މެދުމިނުގެ އާމްދަނީ ލިބޭ ގައުމުތާއި، މުއްސަނދި ގައުމުތަކުން ފެނިފައިވާ މައްސަލަތަކެވެ.