ކޮވިޑް- 19 ގެ ސަބަބުން ކުރިން އަންދާޒާ ކުރެވިފައިވާ ވަރަށް ވުރެ މާ ބޮޑު ގެއްލުން ދުނިޔޭގެ ކަންކޮޅުތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވެފައިވާ ކަމުގައި އދ.ން ހާމަކޮށްފިއެވެ. އެތަކެއް ސަތޭކަ މިލިއަން މީހުންގެ ވަޒީފާ ގެއްލިފައި ވާއިރު، ވަޒީފާ ނުގެންލޭ މީހުންގެ އާމްދަނީވެސް ވަނީ ވަރަށް ބޮޑަށް ދަަށަށް ގޮސްފައެވެ.
މަސައްކަތްތެރިންނާ ބެހޭ އދ. ގެ ޖަމްއިއްޔާ، އިންޓަނޭޝަނަލް ލޭބާ އޮގަނައިޒޭޝަން (އައިއެލްއޯ) އިން ދާދި ފަހުން ތައްޔާރުކުރި ރިޕޯޓަކުން ހާމަވި ގޮތުގައި އަހަަރުގެ މެދުތެރެއަށް އައިިއިރު ދުނިޔޭގަ މަސައްކަތްކުރާ ގަޑި ވަނީ %17.3 ދަށަށް ގޮސްފައެވެ. މީގެ މާނައަކީ ގާތްގަނޑަކަށް 500 މިލިއަން މީހުންގެ ވަޒީފާ ގެއްލުމެވެ.
މިއީ ޖޫން މަހު އައިއެލްއޯއިން އަންދާޒާކުުރި ވަރަށްވުރެ 100 މިލިއަން އިތުރު އަދަދެކެވެ. އޭރު އައިއެލްއޯއިން އަންދާޒާކުރީ މިއަހަރުގެ ފުރަތަމަ ހަ މަސްދުވަސް ނިމޭއިރު މަސައްކަތްކުރާ ގަޑި %14 ދަށަށް ދާނެ ކަމުގައެވެ.
"މިކަމުގެ ނަތީޖާއަކީ ކާރިސާއެއް." އައިއެލްއޯގެ ޑިރެކްޓަރ ޖެނެރަލް ގައި ރައިޑާ ވިދާޅުވިއެވެ. ވާޗުއަލް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު، ކޮވިޑް- 19 މަލިމަޑުކަމުގައި ހޭދަވި ނުވަ މަސްދުވަހުގެ ތެރޭގައި މަސައްކަތްތެރިންގެ އާމްދަނީ %10.7 ދަށަށް ގޮސްފައި ވާކަމުގައެވެ.
އައިއެލްއޯއިން ބުނި ގޮތުގައި މިއީ މަސައްކަތްތެރިންގެ އާމްދަނީން 3.5 ޓްރިލިއަން އެމެރިކާ ޑޮލަރު ގެއްލިގެން ދިއުމެވެ. އެއީ ދުނިޔޭގެ އުފެއްދުންތެރިކަމުގެ %5.5 އެވެ.
އައިއެލްއޯއިން އިތުރަށް ފާހަގަކުރި ގޮތުގައި އެކި ގައުމުތަކުން އިގްތިސާދީ ގެއްލުން ކުޑަކުރުމުގެ ގޮތުން ސްޓިމިއުލަސް ޕެކޭޖްތައް ތައާރަފު ނުކުރިނަމަ މަސައްކަތްތެރިންނަށް ލިބުނު ގެއްލުން މާ ބޮޑުވީހެވެ. އޭރުން މަސައްކަތު ގަޑީގެ %28 ގެއްލި، މަސަައްކަތްތެރިންނަށް 9.6 ޓްރިލިއަން ޑޮލަރު ގެއްލުންވީހެވެ.
ސްޓިމިއުލަސް ޕެކޭޖްތައް ތައާރަފުކުރި ނަމަވެސް، އެކަން ކޮށްފައިވަނި ހަމަހަަމަގޮތަކަށް ނޫންކަންވެސް އައިއެލްއޯއިން ފާހަގަކޮށްފައި ވެއެވެ. އެ ޖަމްއިއްޔާއިން ފާހަގަކޮށްފައިވާ ގޮތުގައި ދަށް އަދަ މެދުމިނުގެ އާމްދަނީ ލިބޭ މަސައްކަތްތެރިންނަށް މި ޕެކޭޖްތަކުން ލިބުނީ މަތީ އާމްދަނީ ލިބޭ މީހުންނަށް ވުރެ 982 ބިލިއަން ޑޮލަރު މަދުންނެވެ.