އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމު ދިވެއްސަކަށް ލިބުނީ ރައީސް ސާލިހުގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަމުން: ޝާހިދު

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަމުގެ މަގާމު ދިވެހި ރައްޔިތަކަށް ލިބުނުކަމަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ހަރުދަނާ ޚާރީޖީ ސިޔާސަތުގެ ނަތީޖާ ކަމަށް ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީ (ޔޫއެންޖީއޭ) ގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޔޫއެންޖީއޭގެ ރައީސްގެ ހައިސިއްޔަތުން ދެއްވި ވަދާއީ ތަގުރީރުގައެވެ.

ޝާހިދު ވިދާޅުވީ އދ. އާންމު މަޖިލީހުގެ ރިޔާސަތުން ފެންނަނީ ދުނިޔޭގެ ގައުމުތަކުގެ އިތުބާރާއި ޔަގީންކަން ދިވެހި ރައްޔިތުން ހޯދާފައިވާކަމުގެ ފުރިހަމަ ހެކި ކަމަށެވެ.

ރާއްޖޭގެ ޚާރިޖީ ވަޒީރުކަން ވެސް ކުރައްވާ ޝާހިދު އިތުރަށް ވިދާޅުވީ މިވޭތުވެދިޔަ އެއް އަހަރު ބައިނަލްއަގުވާމީ މި ވަރުގަދަ ކިއްލާގެ އެންމެ އުސް ކުންނުގައި ވިހުރެމުން ދިޔައީ ފެއްސާއި ރަތާއި ހުދާ އެކީ ފެނުމުން ދިވެހިން ސަލާމް ކުރަމުން މިގެންދާ ފަޚުރުވެރި ދިދަ ކަމަށެވެ.

ޝާހިދު ވިދާޅުވީ އާންމު މަޖިލީހުގެ ރައީސް މި ދައުރުގައި ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލައްވާން ޖެހިވަޑައިގެންނެވި ކަމަށާއި އެމަނިކުފާނުގެ ރިޔާސަތުން އެންމެ ބޮޑަށް އިސްކަމެއް ދެއްވައިގެން ކުރެއްވި މަސައްކަތަކީ ކޮވިޑް-19 ގެ ވެކްސިން ދުނިޔޭގެ ހުރިހާ ހިސާބަކަށް ހަމަހަކަމާއެކު ގެންގޮސްދިނުމުގެ ބުރަ މަސައްކަތް ކަމަށެވެ.

ދުނިޔެއަށް ދިމާވެފައިވާ މޫސުމީ ބަދަލުގެ ނުރައްކަލުން ސަލާމަތްވުމަށް ތިމާވެށި ހިމާޔަތް ކުރުމަށް ވަރަށް ގިނަ މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

އެ މަނިކުފާނުގެ ރިޔާސަތުގައި މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭ އދ. ގެ އާންމު މަޖިލީހުގެ 103 ރަސްމީ ބައްދަލުވުމެއް ބާއްވައި 307 ގަރާރެއް ފާސްކޮށްފައިވާނެ ކަމަށެވެ. އަދި 28 ނުރަސްމީ ބައްދަލުވުމެއް ބޭއްވުމުގެ އިތުރުން މަތީ ފަންތީގެ 15 ބައްދަލުވުމެއް ބާއްވައި 140 ނިންމުމެއް ބަލައިގެންފައިވާނެ ކަމަށެވެ.

އެ ބައްދަލުވުންތަކުގެ ތެރޭގައި ހަމަހަމަކަމާ އެކު ވެކްސިން ފޯރުކޮށްދިނުމާ ގުޅޭގޮތުންނާއި ޓޫރިޒަމް އަލުން އިޔާދަކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.