ވ. އާރަށުގެ ޚިޔާނާތުގެ މައްސަލައިގާ ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލު ކުރެއްވުމުގެ މައްސަލައިގެ ޝަރީއަތް ގާތުން ބަލާކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.
އަމްރު ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ފަރާތުން ސީދާ ޕްރޮސެކިއުޓަރ ޖެނެރަލް ވަޑައިގަތުމުން މުހިންމު ކަމަށެވެ.
އަމްރު މިފަދައިން ވިދާޅުވެފައި މިވަނީ ރައީސް ޔާމީންގެ ޝަރީއަތުގައި އެންމެ ފަހު ބޭއްވި އަޑުއެހުމުގައި ދައުލަތް ތަމްސީލުކުރައްވާ ދެ ވަކީލުން ކޯޓުގެ ހުރުމަތް ކެނޑޭފަދަ އަމަލެއްކުރުމުގެ ސަބަބުން ގާޒީ އިންޒާރުދިނުމާއި ގުޅިގެންނެވެ.
"ޔާމީންގެ ޝަރީއަތް ގާތުން ބައްލަވަމުން މިދަނީ. ކުރީގެ ރައީސެއްގެ ޝަރީއަތް އަދި ރާއްޖޭގަ ހިންގި އެންމެ ބޮޑު ޚިޔާނާތުގެ ޝަރީއަތަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސީދާ ޕީޖީ ވަޑައިގަތުން ވަރަށް މުހިންމު.' އަމްރު ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރެއްވުމުގެ މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ހުނުމުން އިސް ގާޒީ އަހުމަދު ޝަކީލް ވަނީ އެ ވަކީލުންނަށް އިންޒާރު ދެއްވާފައެވެ.
ބުދަ ދުވަހު ބޭއްވި އެ ޝަރީއަތުގައި ޔާމީންގެ ފަރާތްޕުޅުން ދިފާއީ ހެއްކެއްގެ ގޮތުގައި މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ހުށަހަޅުއްވާފައިވާއިރު، ނަރީޝަށް ދިފާއުން ކުރި ސުވާލުތަކަށް ފަހު ކްރޮސްއެކްޒާމިން ކުރުމަށް ދައުލަތަށް ދިން ފުރުސަތުގައި ދައުލަތުގެ ވަކީލުން ތަކުރާރުކޮށް ދާއިރާއިން ބޭރުން ސުވާލުތައް އަމާޒުކުރާތީ އެކަމަށް ދިފާއުން ކުރި އިއުތިރާޒުތައް ބަލައިގަނެ ގާޒީ ޝަކީލް ވަނީ ދައުލަތުގެ ވަކީލުންނަށް ދާއިރާގެ ތެރެއިން ސުވާލުތައް ކުރުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.
ގާޒީ ޝަކީލް އެގޮތަށް ނަސޭހަތް ދެއްވި ފަހުންވެސް ދެތިން ފަހަރަކު ދައުލަތުން ވަނީ ދާއިރާއިން ބޭރު ސުވާލުތައް ފެންމަތިކުރައްވާފައެވެ. އެކަމަށް ދިފާއީ ވަކީލު އާދަމް ސަމީމް އިއުތިރާޒުކުރައްވައި ވާހަކަދައްކަވަމުން ގެންދެވި ވަގުތުގައި ދައުލަތުގެ ވަކީލުން ކަމުގައިވާ އަހުމަދު ނައުފަލް އާއި ވަކީލު މަރިޔަމް ޝަހުމާ ވަނީ ހީނސަމާސާކުރައްވައިފައެވެ. އެކަމާ ގުޅިގެން ގާޒީ ޝަކީލް ވަނީ އެ ބޭފުޅުންނަށް އިންޒާރު ދެއްވާފައެވެ.
ގާޒީ ޝަކީލް ވިދާޅުވެފައިވަނީ، ޝަރީއަތަށް ޖެއްސުންކުރުމާއި އުނދަގޫ ކުރުމަކީ ވަކީލުންގެ ފަރާތުން އެއްވެސް ވަރަކަށް ފެނިގެންވާނެކަމެއް ނޫން ކަމަށެވެ. އެކަމަށް ޝަރީއަތުން ފުރުސަތު ނުދެއްވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ގާޒީ ޝަކީލް އިތުރަށް ވިދާޅުވެފައިވަނީ ޝަރީއަތުގެ މަޖިލީހުގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ފުރައްސާރަކުރުމަށްވެސް ފުރުސަތު ނުދެއްވާނެ ކަމަށެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ ޝަރީއަތެއް މާދަމާ ބޭއްވުމަށް ވަނީ ނިންމައިފައެވެ. ޔާމީންގެ ބަލި ހާލަތުހުރި ގޮތުން އެމަނިކުފާނުގެ އެދިވަޑައިގަތުމަކަށް އިއްޔެގެ ޝަރީއަތް ވަނީ ކެންސަލްކޮށްފައެވެ.