ސަރުކާރުގެ އަމާޒަކީ ގައުމު ބިނާކުރަން ތައުލީމީ ގާބިލު ދަރިންތަކެއް އުފެއްދުން: ރައީސް ސާލިހު

ސަރުކާރުގެ އަމާޒަކީ ގައުމު ބިނާކުރަން ތައުލީމީ ގާބިލު ދަރިންތަކެއް އުފެއްދުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދި ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ އަމާޒަކީ ގައުމު ބިނާކުރުމުގައި ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ، މަތީ ތައުލީމު ހާސިލުކޮށްފައިވާ ޒުވާން ޖީލެއް އުފެއްދުން ކަމަށެވެ. އަދި ސަރުކާރުގެ ހިލޭ ފުރަތަމަ ޑިގްރީ ޕްރޮގްރާމްގެ ދަށުން 15،000 ދަރިވަރުން މިހައިތަނަށް އެންރޯލްކޮށް ކިޔަވަމުންދާކަން އެނގުމުން އުފާކުރައްވާ ކަމަށެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 10،050 އަންހެން ދަރިވަރުންނާއި 4،950 ފިރިހެން ދަރިވަރުން ދަނީ ފުރަތަމަ ޑިގްރީއަށް ކިޔަވަމުންނެވެ.

އެގޮތުން ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދަރިވަރުންނަށް ބަލާއިރު 2019 ވަނަ އަހަރު 4,804 ދަރިވަރަކު އަދި 2020 ވަނަ އަހަރު 4،818 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަދި 2021 ވަނަ އަހަރު: 3،301 ދަރިވަރަކު ބައިވެރިވިއިރު 2022 ވަނަ އަހަރުގެ މިހާތަނަށް 2،077 ދަރިވަރަކު ބައިވެރިވެފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.

ހިލޭ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ އަދަދު 15،000 އަށް ހަމަވުމާއި ގުޅިގެން ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ރައީސްގެ ރިޔާސީ ވައުދުފުޅުގެ ސަބަބުން ވަރަށް ގިނަ ދިވެހިންނަށް އާއިލާ ކައިރީ ރަށުގައި ތިބެގެން ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ލިބިއްޖެ ކަމަށެވެ.

"އިލްމީ ޖީލެއް ބިނާވެގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވެއްޖެކަމަށެވެ. އަދި އަންނަން އޮތް ޖީލުތަކަށް މިކަމުގެ ފައިދާ ކުރާނެ ކަމަށް ގަބޫލުކުރަން." މިނިސްޓަރު ވިދާޅުވިއެވެ.

މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހިލޭ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.