އެކެއް
ކަނޑުގެ އައްސޭރީގައިވާ މެދުމިންވަރެއްގެ ހޮޓަލެކެވެ. ހޮޓަލުގެ ނަމަކީ "އާޝްޔާނާ"އެވެ. ހޮޓެލުގެ މަތީބުރީގެ ކޮޓަރިއެއްގައި ޒުވާން ޖޯޑެއް ނިދާފައި ތިއްބެވެ. ރަޖްނީ އާއި ޖަޔަންތުއެވެ. ރަޖުނީ އޮތީ ގާތްގަނޑަކަށް އޮރިޔާން ޙާލެއްގައެވެ. ޖަޔަންތުގެ އަތްވަނީ ރަޖްނީގެ އުނގަނޑުގައެވެ. ރަޖްނީ ވަނީ، ޖަޔަންތު ގައިގައި ޖައްސާލެވިފައެވެ.
ނިދީގައި އޮތް ރަޖްނީ މޯޅިއަކަށް ދެމިލާފައި ލޯ ހުޅުވާލިއެވެ. އެވަގުތު އޭނާއަށް އިޙްސާސް ކުރެވުނީ ކުޑަދޮރުން ކޮޓަރީގެތެރެއަށް އައިސް އައިސްހުރި ހެނދުނުގެ ލުއިލުއި އަލިކަމެވެ. އެހެންކަމުން އޭނާގެ އުނަގަނޑުގައި ހިފަހައްޓާފައިވާ ޖަޔަންތުގެ އަތް މަޑުމަޑުން ނައްޓާލާފައި ތެދުވެ އެނދުމަތީގައި އިށީނދެއްޖެއެވެ. އަދި ކުޑައިރުކޮޅަކު އެހެން އިނުމަށްފަހު ތެދުވެ ސާޅީ ރަނގަޅުކޮށްލައިފިއެވެ. އަދި ހޭވިފައިވާ ބޮލުގެ އިސްތަށިގަނޑު އަތުން ރީތިކޮށްލުމާއެކު، ގަޑިން ވީއިރެއް ލަފާކޮށްލުމަށް ޓަކައި ކަނޑާ ދިމާއަށް ހުޅުވޭ ގޮތަށްހުރި ކުޑަދޮރުގެ ކައިރިއަށް އަތުވެއްޖެއެވެ. ކުޑަދޮރު ހުޅުވާފައި ބަލާލިއިރު ގޮނޑުދޮށްވަނީ އަދި މާބޮޑަށް އަލިވެފައެވެ. ކަނޑުގެ ރާޅުތަކުގެ ތެރޭގައި ދަތުރުކުރަމުންދާ ކުދިކުދި އޮރުވާތަކާއި ދުރުން މާ ދުރުންދާ ބޯޓްފަހަރު ވެސް ސާފުކޮށް ފެންނަން ފަށައިފިއެވެ. ރަޖްނީ އެނބުރިލާފައި ނިދަން އޮތް ޖަޔަންތާ ދިމާއަށް ބަލާލިއެވެ. އަދި މަޑުމަޑުން ހިނގާފައި އައިސް އޭނާގެ ކައިރިއަށް ހުއްޓިފައި ވައިއަޑަކުން ގޮވާލިއެވެ.
"އޭ...... މިސްޓަރް...!"
ޖަޔަންތަށް ހޭނުލެވުމުން އޭނާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ.
"ޖަޔަންތު ބާބޫ... ތެދުވަންނަވާ .... ހެނދުނުވެއްޖެ."
ނަމަވެސް ޖަޔަންތުގެ މަސްތުން ފުރިފައިވާ ނިންޖެއް އަދިވެސް ނުފިލިއެވެ. އެހާ ގަދަ ނިންޖަކުން އޭނާ ހޭލައްވާލުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ނުވާނޭ ހީކޮށްފައި، ރަޖްނީ ކޮޓަރިތެރޭގައި ތަރުތީބެއް ނެތްގޮތަށް އުކާލެވިފައިވާ ބިއްލޫރިތަށިތަކާއި ރާ ހުސްކޮށްފައިވާ ފުޅިތަކާ ދިމާއަށް ބަލާލިއެވެ. ކުއްލިއަކަށް އޭނާއަށް ފެނުނީ މޭޒުމަތީގައި އޮތް ޖަޔަންތުގެ ދަބަހާއި ރަންކުލައިގެ އަތުކުރީގަޑިއެވެ. ރަޖްނީ މޭޒުކައިރިއަށް ޖެހިލާފައި ދަބަސް ހުޅުވާލިއެވެ. އޭގައި ގާތްގަނޑަކަށް ދެހާސްރުފިޔާގެ ނޫޓް ހުއްޓެވެ. އޭނާ އޭގެ ތެރެއިން ސަތޭކަ ދިހަރުފިޔާ ނަގާފައި ބާކީ ހުރި ފައިސާތައް ދަބަހަށްލާފައި އެ ދަބަހާއި ރަންކުލައިގެ ގަޑި ޖަޔަންތުގެ ބޯދަށުގައި އޮތް ބާލީހުގެ ދަށަށްލައި، ފޮރުވައިފިއެވެ. އޭނާ އެ ނެގި ސަތޭކަ ދިހަރުފިޔާއަކީ އޭނާގެ ރޭގެ ފީއެވެ. ބަލީސް ދަށަށް އެ އެއްޗެހި ލުމަށްފަހު ޖަޔަންތުއާއި ދިމާއަށް މަޑުމަޑުން ހީނލާފައި ބައިބައި އޭ ބުނަމުން ކޮޓަރިން ނިކުމެއްޖެއެވެ. ރަޖްނީ ހޮޓަލުގެ އެނބުރޭ ސިޑިން ތިރިއަށް ފައިބައިގެން އައިސް ހޮޓަލުގެ ފުރަގަހަށް އައިއިރު އެ ސިޑީގެ ކައިރީގައި ގާތްގަނޑަކަށް ހަތްއަހަރުވީ ފަގީރު ކުއްޖަކު އިނެވެ. އެނާ އެވަގުތުވެސް އިނީ ބިޑިއެއް ބޯށެވެ. ރަޖްނީއަށް އޭނާ ފެނުމާއެކު މޫނުމަތިން ނުރުހުމުގެ އަސަރު ފާޅުވެގެންދިޔައެވެ. އަނެއްކޮޅުން އެކުއްޖާއަށް އެތަން ފެނިފައި ކަންބޮޑުވެގެން އަވަސްއަވަހަށް ބިޑި އެއްލާލިއެވެ.
"ކީއްވެ....ގޭގައި އުނދުނަށް އަލިފާން ނުލެވިގެން އުޅޭއިރު މިތާނގައި ފުއްޕާމޭ ދިލަޖައްސަން ތިޔައުޅެނީ...!"
އެކުއްޖާ ކަރުތެރެއިން ކަހަލަ ގޮތަކަށް ހީނލިއެވެ. ރަޖްނީ މޫނު ކުނިކޮށްލާފައިމެ، އޭނާގެ ބްލައުޒްގެ ކަރުވަޅުތެރެއިން ފަސްރުފިޔާގެ ނޫޓެއް ނަގާފައި އެ ކުއްޖާއަށް ދިނެވެ. އަދި ބުންޏެވެ.
"މި ގެންދޭ.. މަންމައަށްދޭން...ބުނަންތަ- އަނެއްކާ މި ނޫޓް ދުމަށްދުއްވާ ނުލާތި..."
އެކުއްޖާ ލޯބިން ފުރިފައިވާ ނަޒަރަކުން ރަޖްނީއާ ދިމާއަށް ބަލަމުން ނޫޓްގައި ހިފައިފިއެވެ. އަނެއްކާވެސް ރަޖްނީ ބުންޏެވެ.
"އަދި ބުނަން އެ ބާބޫޖީ އަދިވެސް ނިދަނީ... ހޭލީމާ "އޭނާ ހިނގައްޖޭ" އޭނާ ގާތުގައި ބުނެދީ..އިނގޭ..!"
އެހެން ބުނެފައި ރަޖްނީ ހޮޓަލުގެ ފަހަތުގައި ހުންނަ ދޮރުން ނުކުތުމާއެކު އެ ކުއްޖާ އިންތަނުން ތެދުވެގެން ގޮސް އޭނާ އެއްލާލި ބިޑި އަލުން ނަގައިފިއެވެ. އަދި އަވަސް އަވަހަށް އެ ބިޑި ބޯންފަށައިފިއެވެ.
ރަޖްނީ ހޮޓަލުގެ ގޯތިތެރެއިން ނިކުންނަން އުޅެނިކޮށް އޭނާއަށް ފެނުނީ ކުރިމަތިން އަންނަ ފުލުހުންގެ ދެމީހުންނެވެ. އެ މީހުން ފެނުމާއެކު ރަޖްނީ ބިރުގަންނަގޮތްވިއެވެ. އަދި ދޮރާށީގެ އެއްފަރާތުގައިވާ ތަނބަކާ ނިވާވެ ފިލައިފިއެވެ. އަދި ބިރުން ހުރެ އެމީހުންނާ ދިމާއަށް ބަލަން ހުއްޓެވެ. ފުލުހުންގެ ދެމީހުން ވަރަށް ބޮޑާގޮތަކަށް ހިނގާފައި އައިސް އެތާ މަގުމަތީގައި ހުއްޓާފައި އޮތް އޮޓޯ ރެކްޝާއެއްގެ ކައިރިއަށް ހުއްޓިއްޖެއެވެ. އޭގެ ޑްރައިވަރަކަށް އިން މޯތީ އޭރު އޮތީ ނިދާފައެވެ. ފުލުހުންގެ އެކަކު އަތުގައި އޮތް ލަޓިގަނޑުން މަޑުމަޑުން މޯތީގައިގާ ޖައްސާލާފައި ބުންޏެވެ.
"އޭ ... ތެދުވޭ.. ކިހައި އިރެއްވަންދެން ނިދަންކަމަށްތަ ތިޔައޮތީ؟"
"އަނެއްކާ ކާކު....!" މޯތީ ކުއްލިއަކަށް ތެދުވެފައި ރުޅިއައިސްގެން ބުންޏެވެ.
"ކީކޭ... ކާކުހޭ؟..." ފުލުހުންގެ އެކަކު ލަޓިގަނޑުން ރެކްޝާގައި ޖަހާފައި ބުންޏެވެ.
މޯތީއަށް އެމީހުން ފެނުމާއެކު ކަންބޮޑުވާ ގޮތްވިއެވެ. އަދި އަވަސް އަވަހަށް ބުންޏެވެ. "އޯ.. ވަރަށް ރީތި ހުވަފެނެއްގައި ތެރޭގައި އޮއްވާ ތިޔަ ބޭފުޅުން ތިޔަވަޑައިގެންނެވީ..."
"ކީކޭ... ރީތި ހުވަފެނެއްގެ ތެރެއިން އަހަރުމެން އައިއްޔޭ..." ފުލުހުން މިހެން ބުނުމާއެކު އަނެއްކާވެސް އެމީހުންގެ އަތުގައި އޮތް ލަޓިގަނޑުން މޯތީއާ ދިމާއަށް މަޅައިގަތެވެ. އެވަގުތު މޯތީ ވެސް ބިރުން ބުނަން ފެއްޓިއެވެ.
"ތިޔަ ބޭފުޅުންނެއް ނޫން... ހުވަފެނުގައި ފެނުނު ބޭފުޅުން. އަޅުގަނޑު މިބުނަނީ އެބޭފުޅުން ވަޑައިގަތިއްޔޭ... ތިޔަބޭފުޅުން މަޑުކޮށްލައްވާ.. ކުރިން ފަތިސްވެ އަލިވިލެނީ ކާޅުގޮވާ އަޑަށް... މިހާރު މި އަލިވިލެނީ ތިޔަބޭފުޅުންގެ ލަޓިގަނޑުގެ އަޑަށް..."
"ވިޔާނުދާ ވާހަކަތައް ނުދައްކާ ... އަހަރެމެން ގޮވައިގެން ޕޮލިސް ސްޓޭޝަނަށް ހިނގާ..." ފުލުހުން އެކަކު އެހެން ބުނުމާއެކު އެ ދެ މީހުން ރެކްޝާއަށް އަރައި އިށީނދެއްޖެއެވެ.
"ދަންނަވަންތޯ..ތިޔަބޭފުޅުން ގޮވައިގެން އަޅުގަނޑުވާ ޕޮލިސް ސްޓޭޝަން ކީއްކުރަންތޯ؟. ދުނިޔޭގެ އަނެއްފަރާތަށް ވެސް ހިނގައިދާނަން.. އެކަމަކު ކުރާނީ ކީއްތޯ.. ރެކްޝާ މިވަނީ އައުޓް އޮފް އޯޑާރްގައި
"ދޮގު ނުހަދާ..." ފުލުސްމީހާ ދަތްކުނޑިވި ކާލާފައި ބުންޏެވެ.
"ޤަބޫލްކުރަންޏާ.... އަމިއްލަފުޅަށް ބައްލަވާ!" މޯތީ ރެކްޝާ ސްޓާރޓްކުރަން އުޅެމުން ބުންޏެވެ.
ނަމަވެސް އެތަށް ފަހަރަކު ސްޓާރޓްކުރަން މަސައްކަތްކޮށްގެންވެސް ސްޓާރޓްވާނޭ ގޮތް ނުވުމުން މަޖްބޫރުވެގެން ފުލުހުންގެ ދެ މީހުން ރެކްޝާއިން ފައިބައިފިއެވެ. އަދި އޭގެތެރެއިން އެކަކުބިރު ދައްކާ ކަހަލަ ގޮތަކަށް ބުންޏެވެ.
"އެނގިއްޖެ ... ހަމަގަސްތުގައި ނުބައި ހަދަނީ... ކޮންމެވެސް ދުވަހަކުން އަދި އަތުވާނެ.." މިހެން ބުނެފައި އޭނާ އަތުގައި އޮތް ލަޓިގަނޑުން މޯތީގެ ބަނޑުގައި ޖަހާފައި އެމީހުން ހިނގައިގެންފިއެވެ.
"ހީކުރާގޮތްދޯ... ރެކްޝާ އަކީ ކަލޭމެންގެ ބައްޕަގެ އެއްޗެއްކަމަށް ހީކުރަނީތަ... ބައެއްފަހަރު ކޮންމެވެސް މީހެއްގެ ކާރަށް އަރާފައި، އެގޮތަށް އޯޑަރު ނުކުރަނީ ކީއްވެބާ... އެހެން ހަދައިފިނަމަ ވާގޮތް އެނގިދާނެ!
ނަފްރަތުވެލާފައި މޯތީއެހެން ބުނެފައި ރޭގައި އޭނާގެ އަނގައިގެ ތެރޭގައި ގެންގުޅުނު ދުންފަތް ގަނޑާއި ދުފާފައިވާ ޙައްޕުނޑު އަނގައިން ނެރެ ބިންމައްޗަށް ވައްޓާލިއެވެ. އަދި ރެކްޝާ ރަނގަޅުކޮށްލިތަނާ ކުރިމަތީގައި ހުރި ރަޖްނީ އޭނާއަށް ފެނިއްޖެއެވެ.
ރަޖްނީ ފެނުމާއެކު މޯތީގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. މޯތީ ރުޅިއައިސްފައި އިންތަން ފެނިފައި ރަޖްނީގެ މިލާފައިވާ ތުންފަތަށް ހިނިތުންވުމުގެ އަސަރު ވެރިވެގެން ދިޔުމާއެކު ބުންޏެވެ.
"މޯތީ...ކީއްވީތަ؟"
(ނުނިމޭ)
ނޯޓް: މި ވާހަކަ ޝާއިއު ކުރާނީ ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހަކާއި ހޮނިހިރު ދުވަހަކުއެވެ.