ސްކޫލްތަކުގައި ބުރުގާ މަނާކުރުމަކީ ފްރާންސުން އިންސާނީ ހައްގުތަކާބެހޭ މުއާހަދާއާ ޚިލާފަށް ކުރި ކަމެއް: އދ.

ފްރާސްންގެ ސްކޫލްތަކަށް މުސްލިމް އަންހެން ދަރިވަރުން ބުރުގާ އަޅައިގެން ދިއުމް މަނާކުރުމަކީ އެ ގައުމުން ހައްގުތަކާބެހޭ މުއާދާއާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމުގައި އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާ (އދ.) ގެ ކޮމިޓީއަކުން ބުނެފިއެވެ.

ޔުނައިޓެޑް ނޭޝަންސް ހިއުމަން ރައިޓްސް ކޮމިޓީން ބުނެފައިވާ ގޮތުގައި ފްރާންސުގެ އެ އަމަލަކީ އިންޓަނޭޝަނަލް ކޮންވެންޝަން އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްއާ ޚިލާފު އަމަލެކެވެ.

އދ.ގެ ކޮމިޓީން މި ނިންމުން ނިންމާފައި ވަނީ ފްރާންސްގެ ރައްޔިތަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ. 1977 ވަނަ އަހަރު އުފަންވެފައިވާ އެ އަންހެންމީހާގެ ގާނޫނީ ވަކީލުން އޭނާގެ ނަން ހާމަކޮށްފައި ނުވެއެެވެ.

އެ އަންހެންމީހާއަކީ އެކި ހުނަރުތަކުގެ ބޮޑެތި މީހުންނަށް ހިންގާ ތަމްރީނު ކޯހަކަށް 2010 ވަނަ އަހަރު ކުރިމަތިލީ މީހެކެވެ. އޭނާ އިންޓަވިއުއާއި އެންޓްރެންސް ޓެސްޓުންވެސް ފާސްވިއެވެ.

އެހެންނަމަވެސް، ޕެރިހުންގެ އިރުދެކުނުގެ އަވަަށެއްގައި ހުންނަ ލޯންޖެވީން ވެލޯން ހައިސްކޫލްގެ ހެޑްމާސްޓަރު ވަނީ، ސަރުކާރުގެ ތައުލީމީ އިދާރާތަކަށް ދީނީ ޝިއާރެއް ކަމުގައި ބެލެވޭ ބުރުގާ އަޅައިގެން މަނާކޮށްފައިވާކަމަށް ބުނެ ކޯހުން އެ އަންހެންމީހާއަށް ޖާގަނުދީފައެވެ.

"ތައުލީމީ ގޮތުން ކުރިއަށް ދިއުމަށް އޭނާ ހަދަންޖެހޭ ކޯހެއްގައި ބުރުގާ އަޅައިގެން ހުރެ އޭނާ ބައިވެރިވުން މަނާކުރުން ބެލެވޭނީ ބޭނުން ދީނަކަށް އުޅުމަށް އޭނާއަށް ލިބިފައިވާ މިނިވަންކުރުން ކަމުގައި. އެއީ (ހައްގުތަކާބެހޭ) މުއާހަދާއާ ޚިލާފު ކަމެއް."

ކޮމިޓީން ފާއިތުވި މާރިޗު މަހު ނިންމާފައިވާ މި ނިންމުން އެ އަންހެންމީހާގެ ގާނޫނީ ވަކީލުންނަށް ފޮނުވާފައި ވަނީ އިއްޔެއެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.