ފްރާންސުން އަނެއްކާވެސް އެގައުމުގެ މުސްލިމުންނާ ދެކޮޅަށް އޮޕަރޭޝަނެއް ފަށައިފި

ޕެރިސްގެ އިރުއުތުގައި އޮންނަ ޕަންޓީން އަވަށުގެ ގްރޭންޑް މޮސްކްގެ ބޭރުގައި ހުރި އިއުލާނެއް މުސްލިމް އަންހެނަކު ކިޔަނީ

ފްރާންސުން އެ ގައުމުގައި ދިރިއުޅޭ "ވަކިވެގަތުމުގެ ފިކުރު ގެންގުޅޭ" މުސްލިމުންނާ ދެކޮޅަށް "ބިޔަ، ކުރިން ހިންގާފައި ނުވާ ވަރުގެ" އޮޕަރޭޝަނެއް ފަށައިފިކަމަށް ފްރާންސުގެ އިންޓީރިއާ މިނިސްޓަރު ވިދާޅުވެއްޖެއެވެ.

"ވަކިވެގަތުމުގެ ފިކުރާ ދެކޮޅަށް، އަހަރެންގެ އިރުޝާދުގެ ދަށުން ސަރުކާރުގެ މުއައްސަސާތަކުން ބިޔަ، ކުރިން ހިންގާފައި ނުވާފަދަ އޮޕަރޭޝަނެއް ފަށާނެ." އިންޓީރިއާ މިނިސްޓަރު ޖެރާލްޑް ޑަރްމަނީން ކުރެއްވި ޓުވީޓެއްގައި ވެއެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ސަރުކާރުގެ އިދާރާތަކުން 76 މިސްކިތެއް ބަލައި ފާސްކޮށް މޮނިޓަރކުރާނެއެވެ. އަދީ އެގޭތެރޭން "ބަންދުކުރަން ޖެހޭ" ތަންތަން ބަންދުކުރާނެއެވެ.

އިންޓީރިއާ މިނިސްޓަރާ އަރިސް ބައެއް ފަރާތްތަކާ ހަވާލާދީ ފްރާންސުގެ ލަފިގާރޯ ނޫހުން ބުނެފައިވާ ގޮތުގައި ފާއިތުވި ނޮވެންބަރު މަހުގެ 27 ވަނަ ދުވަހު މިނިސްޓަރު ވަނީ މިސްކިތްތަކާމެދު އަމަލުކުރަންވީ ގޮތް ތަފްސީލުކޮށް ބަޔާންކުރައްވައި ފްރާންސުގެ ހުރިހާ ސަރަހައްދެއްގެ ގަވަރުނަރުންނަށް ލިއުއްވާފައެވެ. ބަލައި ފާސްކޮށް މޮނިޓަރކުރަން އެންގި މިސްކިތްތަކުގެ ތެރޭން 16 މިސްކިތް ހުންނަނީ ވެރިރަށް ޕެރިހުގައެވެ. ބާކީ 60 މިސްކިތް އެހެން ރަށްތަކުގައެވެ.

މީގެތެރޭން 18 މިސްކިތަކާ ދެކޮޅަށް މިނިސްޓަރުގެ އެންގެވުމުގެ މަތިން "ވަގުތުން ފިޔަވަޅު އެޅުމަށް" ވަނީ ނިންފާފައެވެ. އެހެންކަމުން، އެ މިސްކިތްތައް ބަންދުކުރުމަކީ އެކަށީގެންވާ ކަމެކެވެ.

މުސްލިމުންނާ ދެކޮޅަށް ވަރަށް ޖޯޝާއެކު ނުކުމެވަޑައިގެން ހުންނެވި އިންޓީރިއާ މިނިސްޓަރު ފާއިތުވި ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ފަޚުރުވެރިކަމާއެކު ވިދާޅުވެފައި ވަނީ ރައީސު އިމާނުއެލް މެކްރޯންގެ ރައީސުކަމުގެ 3 އަހަރުގެ ތެރޭގައި އޭނާގެ ސަރުކާރުން 43 މިސްކިތް ބަންދުކޮށްފައި ވާކަމުގައެވެ.

ސަރުކާރުން މުސްލިމުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަމުންދާއިރު، ފްރާންސަކީ ޔޫރަޕުގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމެވެ. އަދި ފްރާންސުގެ ދެވަނަ ދީނަކީ އިސްލާމްދީނެވެ. 2016 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ފްރާންސުގައި 5.7 މިލިއަން މުސްލިމުން އެބަތިއްބެވެ. އެއީ އެ ގައުމުގެ އާބާދީގެ %8 އެވެ.

ފާއިތުވި އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ޝަޣްލީ އެބްދޯ މަޖައްލާގެ އޮފީސް ކައިރީގައި ވަޅިން ހަމަލާދީ 2 މީހަކު މަރާލުމާއި، އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ނީސްގެ ނޮޓްރެޑާމް ފައްޅީގައި 3 މީހަކަށް ވަޅިން ހަމަލާދީ މަރާލުމަކީ މުސްލިމުންވެސް ކުށްވެރިކުރާ އަނިޔާވެރި އަމަލުތަކެވެ.

އެހެންނަމަވެސް، ފްރާންސުގެ މުސްލިމުންގެ ކަންބޮޑުވުމަކީ ޓެރަރިސްޓް ހަމަލާތަކުގެ ރައްދުގައި މުސްލިމުންނަށް ދަތިކޮސް ގޯނާކުރުމެވެ.

"ފްރާންސުގެ މުސްލިމުން އެންމެ ދެރަވަނީ މިކަހަލަ ޓެރަރިސްޓު ހަމަލާތަކާމެދު. އެމީހުން ދަނީ މި ފަދަ ހަމަލާތަކާ އެމީހުންގެ ދީނާ އަދި އެމީހުންނާއެކު ދިރިއުޅޭ މުސްލިމުންނޫން މީހުންނާ މެދު އެމީހުން ދެކޭ ގޮތާ އެއްވެސް ގުޅުމެއް ނެތްކަން ބަޔާންކޮށްދެވޭތޯ މަސައްކަތްކުރަމުން." ފްރާންސުގެ އިސްލާމީ ކޮންފެޑެރޭޝަންގެ ރައީސު ފާތިޙު ސަރިކީރް ވިދާޅުވިއެވެ.

ފްރާންސުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި އަންނަ ބުދަ ދުވަހު އޮންނަ ކެބިނެޓް ޖަލްސާގައި "ޖުމްހޫރިއްޔަތުގެ އަސާސުތައް ވަރުގަދަކޮށް" "ވަކިވެގަތުމުގެ ފިކުރާ" އިސްލާ ހައްދު ފަހަނައަޅައިއިދިއުމާ" ދެކުޅަށް މަސައްކަތްކުރުމާ ބެހޭ ގާނޫނެއްގެ ދެލިކޮޕީއާމެދު މަޝްވަރާކުރާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.