ފިތުރު ޢީދު ދުވަހު، ރައީސުލްޖުމްހޫރިއްޔާ މާފުއްޓަށް ވަޑައިގަންނަވަނީ

މިއަހަރުގެ ފިތުރު ޢީދު ދުވަހު، ރައީސުލްޖުމްހޫރިއްޔާ މާލެއަތޮޅު މާފުއްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވީ މިއީ މާފުށީ ކައުންސިލްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

"މި ދަތުރުފުޅަކީ އީދު ދުވަހުގެ މެންދުރުގެ ފަރިއްކޮޅަށް ރައީސް ސޯލިހަށް މާފުށި ކައުންސިލުން ދިން ދައުވަތު ގަބޫލުކުރައްވައި ކުރައްވާ ދަތުރުފުޅެއް." މަބްރޫކް ވިދާޅުވިއެވެ.

ޢީދު ދުވަހުގެ ހަރަކާތްތަކާއި ގުޅޭގޮތުން މާފުށި ކައުންސިލުން ބުނެފައިވަނީ ޢީދު ނަމާދަށްފަހު ރަށުގެ ރައްޔިތުންނަށް ބާއްވާ ހެނދުނުގެ ސަޔަށްފަހު، ޢީދު ކުޅިވަރުތައް ފަށާނެ ކަމަށެވެ. އަދި ޢީދު ދުވަހުގެ ރޭ ހަވާ އެރުވުން އޮންނާނީ އެރޭ އޮންނަ ޝޯވ ގައި ކަމަށެވެ. ހަވާ އަރުވަނީ މާފުށީ ކާނި ހޮޓެލްސް އާއި އެރީނާ ހޮޓެލްސްގެ އެހީތެރިކަމާއެކުގައި ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.

މާފުށީގައި ކުރިއަށް ގެންދާ އީދުގެ ހަރަކާތްތައް ރާވަން މާފުށީ ކައުންސިލުން ހަވާލުކޮށްފައިވަނީ ލިކަމެކް ޕްރައިވެޓް ލިމިޓެޑާއެވެ.

މާފުށީ ކައުންސިލުން ބުނީ، އީދު ދުވަހު، އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ ބިގާރަން ސްޕޯޓްސް ކްލަބުގެ ފަރާތުން އާއްމުންނަށް ހުޅުވާލައިގެން ކުޅިވަރުތަކެއް ވެސް ބާއްވާނެ ކަމަށެވެ. އަދި އެ ދުވަހުގެ ހަވީރު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ޔާރާ ޓީމާއި ހަބޭސް ބޮޑުބެރު ގުރޫޕާއި ސަފޫރާ އެންޑް ފްރެންޑްސްގެ ލައިވް މިޔުޒިކާއެކު އެރަށުގައި ކުރީގައި އިސްލާހިއްޔާ ހިންގި ބިމުގައި ޝޯވ އެއް އޮންނާނެ ކަމަށް ވެސް މާފުށި ކައުންސިލުން ބުނެއެވެ.

ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ މަހުގެ ދެ ވަނަ ދުވަހެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.