އަލިފާނާ ކުޅޭ މީހުން ނިމިގެންދާނީ އަނދައިގެން: ޝީގެ އިންޒާރު ބައިޑަންއަށް

ޗައިނާއާއި އެމެރިކާގެ ގުޅުުން އިތުރަށް ނުތަނަވަސްވަމުންދާ ދަނޑިވަޅެއްގައި ޗައިނާގެ ރައީސު ޝީ ޖިންޕިންގްއާއި އެމެރިކާގެ ރައީސު ޖޯ ބައިޑަން ފޯނުން ގުޅުއްވައި ދެގަޑިއެއްހާއިރު ވާހަކަފުޅުދައްކަވައިފިއެވެ. ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، ރައީސު ޝީ ވަނީ ދެގައުމުގެ ދެމެދުގައި އެންމެ ގުޅުން ގޯސްވެފައިވާ މައްސަލަ ކަމުގައިވާ ޓައިވާނުގެ މައްސަލައިގައި ރައީސު ބައިޑަންއަށް އިންޒާރެއް ދެއްވާފައެވެ.

"އަލިފާނާ ކުޅޭ މީހުން ނިމިގެން ދާނީ އޭގައި އަނދައިގެން." ޗައިނާގެ މައި ސަރުކާރާ ވަކިން އަމިއްލަ ވެރިކަމެއް ކުރާތާ އެތައް އަހަރެއް ވެފައިވާ ޓައިވާނުގެ މައްސަލައިގައި ބައިޑަންއަަށް ޝީ ވިދާޅުވިކަމަށް ޗައިނާގެެ ފޮރިން މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

"މި ކަމުގައި އެމެރިކާގެ ލޯ ސާފުކުރާނެ ކަމަށް އުއްމީދުކުރެވޭ." ބުރާސްފަތި ދުވަހު އެމެރިކާގެ އިރުމަތީ ގަޑިން ހެނދުނު 8:33 އިން 10:50 އަށް (ރާއްޖޭ ގަޑިން ބުރާސްފަތި ދުވަހު ހަވީރު 5:33 އިން ރޭގަނޑު 7:50 އަށް) ދެމިގެން ފޯނު ކޯލުގައި ޝީ ވިދާޅުވެފައި ވެއެވެ.

ރައީސު ޝީ ވަނީ ދެގައުމުގެ ދެމެދުގައި ގުޅުން ގޯސްވަމުން ދިއުމުގެ ޒިންމާ އުފުލަން ޖެހޭނީ ޗައިނާކަމަށް ސާފުކޮށް ވިދާޅުވެފައެވެ.

ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ރައީސު ބައިޑަން ވަނީ ޓައިވާނުގެ މައްސަލައިގައި އެމެރިކާގެ ސިޔާސަތު ބަދަލުނުވާކަމަށް ވިދާޅުވެ، ޗައިނާ އެކަނި އަޅާ ފިޔަވަޅަކުން ޓައިވާނުގެ ހާލަތު ބަދަލުކުރުމާ އެމެރިކާ ކަނޑައެޅިގެން ދެކޮޅުކަން ރައީސު ޝީއަށް ހާމަކޮށްދެއްވާފައެވެ.

ޓައިވާނުގެ މައްސަލައިގައި ޗައިނާއާއި އެމެރިކާގެ ގުޅުން އަބަދުވެސް ނުތަނަވަސް ނަަމަވެސް، މި ދަނޑިވަޅުގައި އިތުރަށް ނުތަވަސްވެެގެން އުޅެނީ އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ދަށުގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސްޕީކާ ނެންސީ ޕެލޯސީ ޓައިވާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން އުޅުއްވާކަމުގެ އަޑު ފެތުރުމާ ގުޅިގެންނެވެ. މިފަދަ ދަތުރުފުޅެއް ކުރައްވައިފިނަމަ، އެކަމުގެ "ނަތީޖާ ވަރަށް ގޯސްވާނެ" ކަމުގެެ އިންޒާރު ޗައިނާއިން ވަނީ ދީފައެވެ.

މި އަޑުތަކާ ގުޅިގެން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓް (ޚާރިޖީ ވުޒާރާ) އިން ބުނެފައި ވަނީ ޕެލޯސީ އެފަދަ ދަތުރުފުޅެއް ކުރައްވާނެކަން އަދި އިއުލާން ކުރައްވާފައި ނުވާކަމުގައެވެ. އަދި ދާދި ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވަމުން ރައީސު ބައިޑަން ވިދާޅުވެފައި ވަނީ އެމެރިކާގެ އަސްކަރިއްޔާއިން ދެކޭ ގޮތުގައި މި ދަނޑިވަޅުގައި އެފަދަ ދަތުރުފުޅެއް ކުރެއްވުމަކީ "އެހާ ރަނގަޅު ވިސްނުމެއްނޫން" ކަމަށް ވިދާޅުވެފައެވެ.

"ރައީސު ބައިޑަން ބޭނުންފުޅު ވަނީ ރައީސު ޝީއާ މުުވާސަލާތުކުރެވޭނެ މަގު ހުޅުވިފައި އޮތުމަށް. އެއީ ކޮންމެ ބޭނުންތެރި ކަމަކަށް ވާތީ." ދެ ރައީސުގެ ދެމެދުގައި ފޯނުން ބަދަލުކުރެވުުނު ވާހަކަތަކާ ގުޅިގެން އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ތަރުޖަމާނު ޖޯން ކާބީ ވިދާޅުވިއެވެ.

"މި ގުޅުމަކީ (އެމެރިކާއާއި ޗައިނާގެ ގުޅުމަކީ) އެ ގުޅުމަށް އަންނަ ބަަދަލުގެ އަސަރު އެެެންމެ ބޮޑަށް ކުރާނެ ގުޅުން. އެ އަސަރު ދެ ގައުމަށްވުރެ މާ ދުރަށް ފެތުރިގެން ދާނެ." ކާބީ ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

2 ޚިޔާލު

  1. ދެޤައުމުގެ ދެމެދުގައިވާ ގުޅުން ގޯސްވުމުގެ ޒިންމާ ނަގަންޖެހޭނީ ޗައިނާ ކަމަށް ޝީ ވިދާޅުވި ކަމުގައި އޮތުމުން ދޭހަވަނީ އެކަމަށް ޝީ އިޢުތިރާފު ވީހެން. އެކަމަކު އެއީ އޭނާ ކުރާނެ ކަމެއްކަމަށް ޤަބޫލުކުރަންދަތި.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.